ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާގެ ފިރިކަނލުން އަހުމަދު ނަދީމާއި، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވައިފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާގުޅޭ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރާ ގުޅިގެން ފުލުހުން ތަހުގީގު ކުރެއްވި މައްސަލަތަކުގައި ދައުވާކުރުމާ ގުޅޭގޮތުން ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށާއި ފަނޑިޔާރު އަލީ ހަމީދު އަދި ހަސަން ސައީދަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ވެސް ކުރަން ފޮނުވާފައިވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަނލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ޕީޖީން ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
އޭގެ އިތުރުން އެ މައްސަލާގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހަސަން ސައީދު ހުސެއިން ހައްޔަރުކުރުމަށްޓަކައި، އޭނާ ހޯދުމަށް މަސައްކަތްކޮށް ހޯދައި ނުފެނިފައިވާތީ އާއި އޭނާ ހޯދުމަށް ފުލުހުން އާންމުކޮށް އަންގައި އިއުލާން ކުރި ނަމަވެސް އެކަން އެނގިހުރެ ފުލުހަށް ހާޒިރުވެފައިނުވާތީ ހަސަން ސައީދު ހުސެއިންގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރަން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔަރު އަލީ ހަމީދު އަދި ރައީސް މައުމޫންގެ މައްޗަށް ވެސް ވަނީ އަދުލު އިންސާފު ގާސިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
މި ތިން ބޭފުޅުންގެ މައްޗަށް އެ ދައުވާ ކުރަން ޕީޖީން ނިންމީ، އެބޭފުޅުން ހައްޔަރުކުރި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކިތަކެއް އެ ތިން ބޭފުޅުންގެ ފޯނުގައިވާކަމަށް ތަހުގީގަށް ފާހަގަކުރެވިގެން، ފޯނު ދިނުމަށް އެންގުމުން ވެސް ފޯނު ދީފައިނުވާތީ އާއި އެ ފޯން އޮތްތަނެއް ބުނެދީފައިނުވާތީ އެވެ.