ހާޝިމްގެ ހުވަފެން: "ވަޒީފާއަށް ދާހިތްވޭ، ވަޒީފާއެއް ލިބިއްޖިއްޔާ ދާނަން"

ޑައުން ސިންޑުރޯމް ހުންނަ ހާޝިމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ވަޒީފާއެއް ލިބޭ ގޮތެއް ވެއްޖިއްޔާ އެތަނުގައި ހުންނަން ބޭނުންވަނީ...ބޭނުންވަނީ މީހަކަށް ވެގެން ގޮސް ވަޒީފާގައި ހުރެވޭތޯ. ފިހާރައެއްގައި ވެސް ހުރެވޭތޯ ބަލާނަން. ސަޅި އެއްޗެއް އެއީ. ދަސްކޮށްގެން ފިހާރަައަކަށް ވެސް ދާން ބޭނުންވަނީ،"

މިއީ އުމުރުން މިހާރު 26 އަހަރު ފުރިފައިވާ، ޑައުން ސިންޑްރޯމް ހުންނަ، ނ. ވެލިދޫއަށް އުފަން، އިބްރާހިމް ހާޝިމް ގާތު، އޭނާ އެންމެ ބޭނުންވަނީ ކޮންކަމެއްތޯ އަހާލުމުން ދިން ޖަވާބެވެ. ލިބިފައިހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ވާހަކަ ދެއްކުމާއި ވިސްނުމުގައި އުނިކަމެއް ހުރި ނަމަވެސް އޭނާގެ ހުވަފެނަކީ އެއީއެވެ.

ނަމަވެސް އޭނާގެ މަންމަ، ޝަރީފާ އަލީއާ ވާހަކަ ދައްކާލުމުން އެއީ އުފެދުމުގައި ތަފާތު ކަމެއް ހުރި ނަމަވެސް، ހުނަރުވެރި ކުއްޖެއްކަން އެނގެއެވެ.

އެންމެ ހިތާމަވެރި ތަޖުރިބާ، ސްކޫލުން ބާކީ ކޮށްލުން

ހާޝިމަކީ ޝަރީފާ އަލީއާއި މުހައްމަދު އަބޫބަކުރަށް ލިބިފައިވާ ހަތަރު ކުދީންގެ ތެރެއިން ދެވަނައަށް ދޮށްޓަށް ހުންނަ ކުއްޖާއެވެ. އުފަންވި ދުވަހުން ފެށިގެން ވެސް ހާޝިމްގެ ނުކުޅެދުންތެރިކަމަށް ޝަރީފާ އައީ ރަށުން ލިބެންހުރި ފަރުވާއަށް ދެމުންނެވެ. މޫދަށް ގެންގޮސް ގެނެސް، ތެޔޮ ދަމައި، ރަގަނޅު ވާނެކަމަށް މީހުން ބުނާ ކޮންމެ ކަމެއް އޭނާ ކުރިއެވެ. ރަށުން ބޭރުގައި ފިރިމީހާ މަސައްކަތު އުޅޭތީ ބައްޕައެއްގެ ރޯލުވެސް ގިނަ ފަހަރު އަދާކުރީ ޝަރީފާއެވެ.

އެތައް ދުވަހެއްގެ މަސައްކަތުން ހާޝިމަށް ހިނގޭ ވަރުވުމުން ޝަރީފާ ތިން ވަނަ ކުއްޖަކު ހޯދިއެވެ. އަދި ފަހުން ލިބުނު ކުއްޖާ ބޮޑުވެ ރަށު ޕްރީ ސްކޫލަށް ގެންދަން ފެށުމުން، ހާޝިމް ވެސް ސްކޫލަށް ގެނައުމަށް އެތަނުން އެދުނެވެ.

ހާޝިމްގެ މަންމަ ޝަރީފާ ސަން އަށް އިންޓަވިއުދެނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން އޭރު ހާޝިމަށް ނުވަ އަހަރު ނަމަވެސް، އެ ލިބުނު ފުރުސަތަކީ ޝަރީފާއަށް ލިބުނު އުފަލެކެވެ. އެއީ ހާޝިމްވެސް ސްކޫލަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ. އެ ލިބުނު ފުރުސަތުގައި ޕްރީ ސްކޫލް ތައުލީމު ނިންމައި ގްރޭޑް އެކަކަށް ހާޝިމް ދިޔައީ ވެސް އޭނާގެ ކޮއްކޮއާ އެކުއެވެ. ދަތިތަކެއް ހުރިނަމަވެސް އެ އަހަރު ސްކޫލުން ހާޝިމް ގްރޭޑް އެކެއްގައި ބެހެއްޓިއެވެ.

"ގުރޭޑް ދޭކަށް ދިޔައީމަ ޓީޗަރު ބުނެފި ކޮންމެއަކަސް ބެލެނިވެރިންގެ ވަރަށް ޝަކުވާ އަންނަކަމަށް. ދެން އަޅުގަނޑު ވަރަށް ދެރަވި އެކަމާ. ދެން އަޅުގަނޑު ބުނެފިން ކޮއްކޮއާ އެއްކޮށް ސްކޫލަށް ދެވޭތީ ހާޝިމްވެސް ވަރަށް ހިތްހަމަ ޖެހިފައޭ ހުންނަނީ،" ހައިޝަމްގެ ވާހަކަ ޝަރީފާ ކިޔައިދެމުން ބުންޏެވެ.

ބެލެނިވެރިންގެ ޝަކުވާއަށްފަހު ޓީޗަރު ޝަރީފާ ގާތު އެދުނީ، ހާޝިމްގެ އުމުރާ އެއްވަރުގެ ގްރޭޑަކަށް ބަދަލު ކުރުމަށެވެ. އެކަމާ ޝަރީފާ ފުރަތަމަ ޖެހިލުންވި ނަމަވެސް ދަރިފުޅުގެ ހިތްހަމަޖެހުމާ އުފަލަށްޓަކައި ހާޝިމްގެ އުމުރާ އެއްވަރުގެ ކުލާހަކަށް ގެންދަން ނިންމިއެވެ.

ނަމަވެސް ހަފްތާއެއް ނުވަނީސް އަނެއްކާވެސް ޓީޗަރުގެ ފަރާތުން ޝަރީފާއަށް އައީ ޝަކުވާއެވެ.

"ކޮއްކޮއާ ބޭބެވެސް ފޮނުވާ ސްކޫލަށް، އަޅުގަނޑު ނުފޮނުވާ"

ބެލެނިވެރިންގެ ފަރާތުން ޝަކުވާ އަންނާތީ ހާޝިމް ގޭގައި ބަހައްޓާފައި ހުއްޓާ ޝަރީފާއަށް އެއްދުވަހު ސްކޫލުން އައީ ސްލިޕެކެވެ. އެއީ އަތޮޅުތަކުގެ ސްކޫލްތަކުގެ ހެޑްމާސްޓަރުންގެ ބައްދަލުވުމެއްގައި ސްކޫލުގެ ކުދިންނާ ބައްދަލުކުރުމަށް ބޭނުންވާކަމަށް ބުނެ ފޮނުވި ސްލިޕެކެވެ.

ސްލިޕް ލިބުނީ ޓާމެއްގެ ބަންދުތެރޭގައި ނަމަވެސް ކޮއްކޮއާއެކު ޔުނީފޯމް ލައްވާފައި ހާޝިމް އެދުވަހު މަންމައާއެކު ސްކޫލަށް ދިޔައެވެ. ނަމަވެސް އެދުވަސް ވެގެން ދިޔައީ ޝަރީފާގެ ހިތުން ދުވަހަކު ވެސް ނުފިލާނޭ ހިތްދަތި ދުވަހަކަށެވެ.

ޑައުން ސިންޑުރޯމް ހުންނަ ހާޝިމް، އޭނާގެ މަންމަ ޝަރީފާއާއެކު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކުލާސްތަކަށް ކުދީން ވައްދަމުން ގޮސް ހާޝިމާ އަރާ ހަމަވިތަނާ ބުނެފި ބަލަ ހާޝިމު ކާކުހޭ ސްކޫލަށް ގެނައީ. ދެން އެތަނުން ދުރަށް ނުގޮސް އަޅުގަނޑުވެސް ހުރީ. ހުރެފައި އަޅުގަނޑު ބުނެފިން އަޅުގަނޑޭ ހާޝިމް ގެނައީ. ބުނީމަ ބުނީ މިކަހަލަ ދުވަހެއްގައި ތިކަހަލަ ކުއްޖަކު ގެންނާކަށް ނުވާނެ ނޫންހެއްޔޭ މިތަނަށް،" ދެރަވެފައި އިނދެ ހާޝިމްގެ މަންމަ ކިޔައިދިނެވެ.

އޭގެ ފަހުން ޝަރީފާ، ހާޝިމް ސްކޫލަކަށް ނުފޮނުވައެވެ. ހާޝިމް ފަދަ ކުދިންނަކީވެސް ގެންގުޅެން ޖެހޭނެ ބައެއްކަން ޓީޗަރަށް ނޭނގުމުންނެވެ. އެކަމުގެ ހިތާމަ ޝަރީފާ ކުރިއިރު، ހާޝިމްގެ ހުރީ ހުސް ޝަކުވާއެވެ. ކަންބޮޑުވުމެވެ.

"ކޮއްކޮ ވެސް ފޮނުވަނީ ސްކޫލަށޭ. ބޭބެ ވެސް ފޮނުވަނީ ސްކޫލަށޭ. އަޅުގަނޑެއް ނުފޮނުވައޭ ސްކޫލަކަށް،" މިއީ ސްކޫލަށް ނުފޮނުވާތީވެ މަންމަ ގާތު ހާޝިމް ކުރި ޝަކުވާއެވެ.

"ނާސަރީ ޕްރީ ސްކޫލުން ކިޔެވިފައި ހުރުމުން ހާޝިމް ހުންނަނީ ފޮތަށް ވަރަށް ލޯބި ޖެހިފައި. ދެން ހަދާ ގޮތަކީ އަޅުގަނޑުމެން ނިދީމަ، ނޭނގޭ ގޮތަށް ގޮސް އެއް ފޮތް ބަލައިގެން އަކުރެއް އަޅަން އުޅޭ. ދެން އެ މަންޒަރު ފެނުނީމަ ދެރަވެސްވޭ،" ޝަރީފާ ކިޔައިދިނެވެ.

މަންމަގެ ނަސޭހަތް، ބަލި ކުއްޖެކޭ ކިޔާފައި ބަލި އެނދުގައި ނުބާއްވާ

މިއަދު ހާޝިމްއަކީ ގްރޭޑް އެކެއްގެ ފެންވަރު ހުރި ކުއްޖެއް ނަަމަވެސް އޭނާއަކީ މަސައްކަތްތެރި ކުއްޖެކެވެ. މަންމަ ޝަރީފާ ބުނާ ގޮތުން، ބަޔަކާ އެކީގައި އުޅޭނަމަ ހާޝިމް ނުކުރާ ވަކި ކަމެއް ނެތެވެ.

އޭނާގެ ބައްޕައަށް ރަށަށް ދެވޭ ފަހަރުތަކުގައި ގޭގެ ރާނައި ސިމެންތި ޖެހުމުގައި ހާޝިމް ބައިވެރިވެއެވެ. މަންމަ ބަދިގޭގައި އުޅޭއިރު އެހީވެއެވެ. ގޭތެރެ ކުނި ކަހައި މޮޕްލައެވެ. އެނދުމަތި ފޮޅައި، ތަންމަތި އަޅަން ވެސް މޮޅެވެ.

ހާޝިމްގެ މަންމަ ޝަރީފާ ސަން އަށް އިންޓަވިއުދެނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަށެއްގައި އުޅެ ބޮޑުކުރި ހާޝިމްއަށް މިއަދު މަދުމަދުން ނަމަވެސް ބުނަން ބޭނުންވާ އެއްޗެއް ބުނެވެއެވެ. އޭނާގެ އިހުސާސްތައް އުނދަގުލުން ނަމަވެސް ކިޔައިދެވެއެވެ. ޝަރީފާ ބުނާ ގޮތުން އެއީ، ހާޝިމަށް ވާހަކަ ނުދެއްކޭއިރުވެސް ވާހަކަ ދައްކާ ހެދުމުން އައި ބަދަލެކެވެ. ޖަވާބު ނުދެވުނު ނަމަވެސް ޝަރިފާ ހާޝިމަށް ކަންކަން ބުނެދެއެވެ.

"ނުހިނގޭ ކުއްޖެކޭ ވާހަކަނުދެއްކޭ ކުއްޖެކޭ ކިޔާފައި. ވާހަކަ ދެއްކޭނޭ. މަންމަ ގިނަގިނައިން ވާހަކަދައްކަން އުޅުނީމަ ވާހަކަދެއްކޭނޭ. ވާހަކަ ނުދެއްކޭ ކުއްޖެކޭ ކިޔާފައި އެކަހެރިކޮށްފައި ނުބައްވާށޭ. އަޅުގަނޑުމެން ކުރާނީ މަސައްކަތް އެކަން މިންވަރު ކޮށްދެއްވާނީ މާތް ﷲ،" ހާޝިމްފަދަ ކުދިން ތިބި މަންމަމެންނަށް ނަސޭހަތް ދެމުން ޝަރީފާ ބުންޏެވެ.

comment ކޮމެންޓް