ފައިނަލުގެ ކުރިން ކުޅުނު މެޗުގައި ފޯކައިދޫން ފުނަދޫ ބަލިކޮށްފި

މިނިވަން ޗެމްޕިއަންޝިޕް ށ. އަތޮޅު ބުރުގައި ފޭދޫ ކޮޅަށް ލަނޑުޖެހުމަށް ފަހު، ފޯކައިދޫގެ ކުޅުންތެރިން އުފާފާޅުކުރަނީ: މިއަދު ކުޅުނު މެޗުގައި ފުނަދޫ އަތުން ފޯކައިދޫ މޮޅުވީ 2-0ގެ ނަތީޖާއަކުން --- ފޮޓޯ/ ފޯކައިދޫ ލައިވް ސްޕޯޓްސް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ށ. އަތޮޅު ބުރުގެ ފައިނަލް މެޗުގެ ކުރިން ކުޅުނު މެޗުގައި ފުނަދޫ އަތުން ފޯކައިދޫ މޮޅުވެއްޖެއެވެ.

އަމިއްލަ ރަށުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުނަދޫގެ މައްޗަށް ފޯކައިދޫން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ފޯކައިދޫން ޖެހި ލަނޑުތައް ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ. އެ މެޗުގައި ފޯކައިދުއަށް އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރާޑިއޮނޯވް ޔެވްގެން ލީޑު ހޯދައިދިން އިރު، ލީޑު ފުޅާކޮށްދިނީ މުހައްމަދު ފާރިޝްއެވެ.

މިއަދު ކުޅުނު މެޗަށް ނުކުތުމުގެ ކުރިން ފޯކައިދުއާއި ފުނަދުއަށް ވަނީ ފައިނަލުގެ ޖާގަތައް ކަށަވަރުވެފައެވެ. ށ. އަތޮޅު ބުރުގައި ދެން ވާދަކުރަނީ ފޭދޫއެވެ. އެ ޓީމު ކުޅުނު ދެ މެޗުންވެސް ބަލިވެ، މުބާރާތުން ވަނީ ކަޓައިފައެވެ.

ށ. އަތޮޅު ބުރުގެ ފައިނަލް މެޗަށް ފޯކައިދުއާއި ފުނަދޫ ނުކުންނަން ޖެހޭނީ އަންނަ ހުކުރު ދުވަހުއެވެ. ފޯކައިދޫގައި ކުޅޭ އެ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާ ޓީމެއް ޒޯން ދޭއްގައި ނުކުންނަން ޖެހޭނީ ނ. އަތޮޅުގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ.

comment ކޮމެންޓް