ދީނީ ގޮތުން ހައްދުފަހަނަ އަޅާފައި ތިބި ބަޔަކު ރާއްޖެއަކު ނެތް: މުންދު

7 ޖެނުއަރީ 2018: މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ޕީޕީއެން އިން "ރުމާލް 2" ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބަޔަކު ރާއްޖޭގައި ނޫޅޭ ކަމަށާއި އެއީ ބަޔަކު ރުއްސަން ދައްކާ ވާހަކައެއް ކަމަށް ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

މިއަދު ސްރީލަންކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބަޔަކު ތިބި ކަމަށް ދައްކަން ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި އެމީހުންގެ ވިސްނުން ހުރީ ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ހަލާކުކޮށްލަން ކަމަށެވެ.

މުންދު ވިދާޅުވީ މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝިދު ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުން ރާއްޖޭގައި ތިބި ކަމަށް ސިފަ ކުރައްވާފައިވާ ކަމަށާއި އެމަނިކުފާނުގެ ވިސްނުމަކީ ވަކި ފިކުރެއްގެ ބަޔަކު ރުއްސުން ކަމަށެވެ.

"ރާއްޖެއަކީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ތަނެއް ކަަމަށް ބުނެ ކުރީގެ ރައީސް ނަޝީދު އެބަހުރި މީގެ ކުރިން ވާހަކަފުޅު ދައްކަވާފައި. ބޭނުމަކީ ވަކި ބަޔަކު ރުއްސުން،"މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ޓެރެރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތަކީ ވަރަށް ހަރުދަނާ މަސައްކަތެއް ކަމަށާއި އެ މަސައްކަތް ދުނިޔޭގެ ހުރިހާ ތާކުން ވެސް ބަލައިގެނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ ޒިޔާރަތް ކުރާ މީހުންނަށް ވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި ރާއްޖެ އިން އަބަދު ވެސް މެހެމާނުންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ސަފީރު ވިދަޅުވީ ރާއްޖޭގައި މިހާރު އުފައްދާފައިވާ ކައުންޓާ ޓެރަރިޒަމް ސެންޓަރަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުންދާ ސެންޓަރެއް ކަމަށާއި އަވައްޓެރި ގައުމުތަކާއި އަދި ދުނިޔޭގެ ބޮޑތި ގައުމުތަކާ ގުޅިގެން އެ ސެންޓަރުން ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް