ހޮޓެލިއާ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު އެލައިޑްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެލައިޑްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން އެވެ. އަދި ހޮޓެލިއާގެ ފަރާތުން ސޮއި ކުރެއްވީ ހޮޓެލިއާގެ ހެޑް އޮފް އޮޕަރޭޝަން އައިމިނަތް އަލީއެވެ.
ޖީއެމް ފޯރަމް އަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށް ޓަކައި އެ ދާއިރާގެ ތަޖުރިބާކާރު އިސްވެރިންނާ އެކު ކުރިއަށްގެންދާ އިވެންޓެކެވެ. އެގޮތުން ޓޫރިޒަމް ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެ ކަންކަމަށް ހޯދޭނެ ހައްލާ މެދު މަޝްވަރާކޮށް ދާއިރާ އިތުރަށް ހަރުދަނާކުރެވޭނެ ގޮތާމެދު ހިޔާލު ހޯދުން އެ ފޯރަމްގެ ތެރެއިން ކުރިއަށްގެންދާނެ ކަމަށް ހޮޓެލިއާ އިން ބުންޏެވެ.
މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ފިރުޝާން ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސޯދަށް އޭގެ އެންމެ ބޮޑު މަންފާއެއް ކުރާ ސިިނާއަތަށް ވުމުން އެ ސިނާއަތް ކުރިއެރުވުމަށް ބާއްވާ ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށްވެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ފުރުސަތު ލިބުމުން އެކަމާ އުފާކުރައްވާ ކަމަށެވެ.
ހޮޓެލިއާ މޯލްޑިވްސްއިން ޖީއެމް ފޯރަމް ބާއްވާ މިއީ ތިންވަނަ އަހަރެވެ. މި އަހަރުގެ އެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ.
އެ ފޯރަމްގައި ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭ ގޮތަށް 150 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ހޮޓެލިއާއިން ބުންޏެވެ.