ކެފޭގެ އެތެރެއަށް ވަންނަން ދޮރު ހުޅުވައިދީ ހިނިތުންވުމާއެކު މެހެމާނުންނަށް މަރުހަބާ ކިއީ ޝިރާޒްއެވެ. މޭޒު ކައިރީގައި ގެސްޓުން އިށީންނަން ގޮނޑި ދުރުކޮށްދީ، ތައްޓަށް ފެން އަޅައިދިނުމުން ފެށިގެންގޮސް ކައި ނިމުމުން ތަށިތައް ނެގުމުގައި ވެސް އޭނާ ހުނަރުވެރިއެވެ.
ނަމަވެސް ޝިރާޒަކީ ޑައުން ސިންޑްރޯމް ހުންނަ، ވިސްނުމުގައާއި ވާހަކަ ދެއްކުމުގައި އުނިކަމެއް ހުންނަ މީހެކެވެ. އެކަން އޭނާގެ ކަރުގައި އަޅުވާފައި އޮންނަ ކުންފުނީގެ ކާޑުން ކަސްޓަމަރުންނަށް ބުނެދެއެވެ. އެ ކާޑުގައި އޭނާގެ ނަމާއި ހުރި ނުކުޅެދުންތެރިކަމުގެ އިތުރުން، ގެސްޓަކު ބޭނުންވާ ހިދުމަތެއް ލިޔެދިނުމަށް ބުނެފައިވެއެވެ.
މިއީ އިންޑިއާގެ މެދު ފަންތީގެ ހޮޓެލް ސެކްޓާގައި ހިމެނޭ އެންމެ ބޮޑު ހޮޓެލް ޗެއިން، ލެމަން ޓްރީ ހޮޓެލްސްގެ ދަށުން ހިންގާ ރެޑް ފޮކްސް ކެފޭގައި މަސައްކަތްކުރާ ޝިރާޒްގެ ވާހަކައެވެ. އެތަނުގައި ޝިރާޒްފަދަ ޑައުން ސިންޑްރޯމް ހުންނަ އެތައް ކުދިންނެއް މިއަދު މަސައްކަތްކުރެއެވެ.

ލެމަން ޓްރީ ހޮޓެލްސްގައި މަސައްކަތްކުރާ ޑައުން ސިންޑުރޯމް ހުންނަ ބައެއް ސްޓާފުން ---
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ދިނުމަށް މީގެ 11 އަހަރު ކުރިން އިސްނެގި ލެމަން ޓްރީގެ ފައުންޑަރު ޕަޓޫ ކެޝްވާނީ ވިދާޅުވާ ގޮތުން، ޑައުން ސިންޑްރޯމް ކުދިން އެ ކުންފުނީގެ ހޮޓެލްތަކުގައި މަސައްކަތް ކުރާތާ މިހާރު ހަތަރު އަހަރު ވެއްޖެއެވެ.
މިވީ ދުވަސްތަކުގައި އެކުދިންގެ މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށާއި ކުދިންވެސް ކުންފުނީގައި މަސައްކަތްކުރަން ޝައުގުވެރިވާ ކަމަށް ވިދާޅުވިއެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުދިން ނަގައިގެން ވެސް ކުންފުންޏެއް ހިންގިދާނެ ކަން ލެމަން ޓްރީއިން މުޅި ދުނިޔެއަށް މިސާލު ދައްކަމުންދާއިރު، އެކަމުގެ ހެއްކަކީ އިކޮނޮމިކް ޓައިމްސްއިން ހަދާ އެންމެ މަސައްކަތްކުރާ ހިތްވާ ތަންތަނުގެ ތެރޭގައި އެތަނުގެ ހޮޓެލްތައް ހިމެނޭ ކަމެވެ.

ލެމަން ޓްރީ ހޮޓެލްސްގައި މަސައްކަތްކުރާ ޑައުން ސިންޑުރޯމް ހުންނަ ބައެއް ސްޓާފެއްކަން އަންގައިދޭ ކާޑު ---
ރާއްޖޭގައި ޑައުން ސިންޑުރޯމް ކުދިންނަށް ފުރުސަތެއް ނެތް!؟
ރާއްޖޭގެ ޑައުން ސިންޑްރޯމް އެސޯސިއޭޝަނުން ބުނާގޮތުން، މީގެ ކުރީން ހެދިފައިވާ އެއްވެސް ބޯހިމެނުމެއްގައި އެއްވެސް ރެކޯޑެއް ބެލެހެއްޓިފައި ނެތުމުން ރާއްޖޭގައި އުޅެނީ އެފަދަ ކިތައް ކުދީން ކަމެއް ނޭނގެއެވެ. ގާތްގަނޑަކަށް 400 އާ ގާތްކުރާ އަދަދަކަށް ޑައުން ސިންޑްރޯމް ހުރި ކުދިން ރާއްޖޭގައި އުޅޭނެ ކަމަށް އެ ޖަމިއްޔާއިން ލަފާކުރެއެވެ.
ނަމަވެސް ޔަގީނާ ގާތަށް އެ ޖަމިއްޔާއަށް އެނގޭ އެއް ކަމަކީ، މާލޭގައި ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކު މަހަކު އެއްފަހަރު ނުވަތަ ދެ މަހުން އެއްފަހަރު އުފަންވާ ކަމެވެ. އަތޮޅުތެރޭގައި އެ މައުލޫމާތެއް ނޭނގެއެވެ.
މި އަދަދުތަކުގެ ތެރެއިންވެސް ވަޒީފާ އަދާކުރެވޭނެ ގާބިލު ކުދީން ތިބިކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް ހިތާމައަކީ މި ރާއްޖޭގައި ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކަށް ނަމަ ވަޒީފާ ލިބުން އުދަނގޫ ކަމެވެ.

ޑައުން ސިންޑުރޯމް ކުދިންތަކެއް ޑައުން ސިންޑުރޯމް އެސޯސިއޭޝަންގައި --- ފޮޓޯ/ ބިއުޓިފުލް އައިސް
މީގެ ކުރިން ވެސް ބައެއް ކުންފުނިތަކުން ބައެއް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިން ނަމަވެސް، ޑައުން ސިންޑްރޯމް ކުއްޖަކަށް ވަޒީފާއެއް އަދި ލިބިފައެއް ނުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށް ޖެންޑާ މިނިސްޓްރީން ކަނޑައެޅި ގުޑްވިލް އެމްބެސެޑަރު އަންސަމް އަހުމަދު ވިދާޅުވި ގޮތުގައި ތައުލީމީ ނިޒާމުގެ ތެރެއިން ޑައުން ސިންޑްރޯމް ކުދިންނަށް ވެސް ކިޔެވޭނެ މަގު މިއަދު ފަހިވެފައި އޮތް ނަމަވެސް، ތައުލީމުގެ ފެންވަރު ބަލައި އެކުދިންނަށް ވަޒީފާއެއް ލިބުމަކީ ރާއްޖޭގައި ދަތި ކަމެކެވެ.
އެއީ ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ ޅަ ސިކުނޑިތަކެއް ހުންނަ ކުދިންތަކަކަށް ވެފައި، އަމަލުތައް ހުންނަ ގޮތުން ވަކި ހިސާބަކުން ސްކޫލުން ވަކިވާން މަޖުބޫރުވުމެވެ.
ގާނޫނެއް އެބައޮތް، އަމަލެއް ނުކުރެވޭ!
ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ނުލިބޭ ވާހަކަދައްކާއިރު، ފާހަގަކޮށްލަންޖެހޭ އެއްކަމަކީ ގާނޫނެއްގެ ދަށުން އެކަން ކޮށްދޭންޖެހޭނެ ކަމަށް ބުނެފައިވުމެވެ.
ހާއްސަ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް އެންމެހާ އަސާސީ ހައްގުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއްނެތި ލިއްބައިދޭންޖެހޭ ބައެއްކަމަށް ކަނޑައަޅައި ހަދާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޮރުކޮށްދިނުމުގެ ގާނޫނުގެ 19 ވަނަ މާއްދާ ފާހަގަކޮށްލަން ޖެހެއެވެ.

ޑައުން ސިންޑުރޯމް ކުދިންތަކެއް މޯލްޑިވިއަންގެ ސްޓާފުންތަކަކާއެކު ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ/ މޯލްޑިވިއަން ފޭސްބުކް ޕޭޖް
ވަޒީފާ ދިނުމާއި، މަސައްކަތުގެ މާހައުލުގައި ތަފާތުނުކުރުމާއި ހަމަހަމަ ފުރުސަތު ލިބިދިނުން ބުނާ އެ މާއްދާގެ (ހ)ގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ، އަދި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ލިބިދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
ހަމަ އެ މާއްދާގެ (ރ)ގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދޭ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން، ސަރުކާރުން އެފަދަ ފަރާތްތަކަށް އެކަށީގެންވާ އިނާޔަތްތަކާއި ލުއިތައް ދޭންވާނެ ކަމަށެވެ.
އަދި އެފަދަ މީހުންނަށް ވަޒީފާ ދިނުމަށް ވަޒީފާދޭ ފަރާތްތަކަށް ހިތްވަރުދީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ ބާޒާރަށް ނުކުތުމަށާއި އެކަމަށް މަގުފަހިކޮށްދިނުމަށް ހިތްވަރުދިނުމުގެ ގޮތުން ސަރުކާރުން އެކަމުގައި އިސްނަގަންވާނެ ކަމަށް ބުނެފައިވެއެވެ.
މިކުދިންނަށް ބޭނުންވަނީ ވޮކޭޝަނަލް ތަމްރީނާއި ފުރުސަތު
ކުރިން ފާހަގަކުރި ލެމަން ޓްރީ ހޮޓެލްސްގައި މަސައްކަތްކުރާ ޑައުން ސިންޑްރޯމް ހުންނަ ކުދިންނެކޭ އެއްގޮތަށް ވަޒީފާއެއް އަދާކުރާ އެފަދަ ކުދިން ގިނައެވެ.
ރާއްޖޭގައި އުޅޭ ޑައުން ސިންޑްރޯމް ކުދިންނަށްވެސް ވަޒީފާއެއް އަދާ ނުކުރެވޭންވީ ސަބަބެއް ނެތެވެ. ރާއްޖޭގެ ޑައުން ސިންޑްރޯމް އެސޯސިއޭޝަން ބިއުޓިފުލް އައިސްގެ ފައުންޑަރުކަން ވެސް ކުރައްވާ އަންސަމް، ވިދާޅުވާ ގޮތުން އެކުދިންނަށް ރާއްޖޭގައި ބޭނުންވަނީ ހާއްސަ ތަމްރީނުތަކެއް ކަމަށެވެ.

ތުރުކީގެ އިސްތަންބުލްގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ޑައުން ސިންޑުރޯމް ހުންނަ ކުއްޖަކާއެކު ހިޝާން ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ/ ހިޝާން
"ރާއްޖޭގައި ދެތިން ފީލްޑެއް ހާއްސަކޮށްގެން އެފަދަ ކުދިންނަށް ހާއްސަ ސެންޓަރެއްގައި ޓްރެއިން ކުރަންވީ. ކޮތަޅަށް އެއްޗެހި އަޅަން އެފަދަ ކުދިން ބޭތިއްބުމަކީ ހަޑި ކަމެއް ނޫން. އެކުދިން އެކަނިވެ ގޭގައި އޮތުމަށްވުރެ މަސަައްކަތްކުރުން ފައިދާވާނެ،" އަންސަމް ވިދާޅުވިއެވެ.
ސަރުކާރުގެ ބައެއް އޮފީސްތަކާވެސް ޑައުން ސިންޑްރޯމް ކުދިންނަށް ވަޒީފާ ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާކަން ފާހަގަކުރައްވަމުން އަންސަމް ވިދާޅުވީ، ބައެއް އޮފީސްތަކުން ހާއްސަ ޓްރެއިނިންތަކެއް ދީގެން އެ އޮފީސްތަކުގައި ޑައުން ސިންޑްރޯމް ކުދިން ބޭނުން ކުރަން ތައްޔާރު ކަމަށެވެ.
ނަމަވެސް އެކަންކަމަށް އަމަލީ ސިފަ ނުގެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން ވެސް އަންސަމްގެ ހިޔާލުތައް ތާއީދު ކުރައްވައެވެ. ހިޝާން ފާހަގަކުރެއްވި ގޮތުގައި، އެފަދަ ކުދީން ތަމްރީނު ކުރުމުގައި ވެސް އެކުދީންގެ ހާލަތު ދެނެގަތުމަށްފަހު ރަނގަޅު ޕްލޭނެއްގެ ދަށުން ސިޔާސަތުތަކެއް ކަނޑައެޅުން މުހިންމެވެ.
އަދި އެކުދީން ތަމްރީނުކުރުމަކީ ހަމައެކަނި ސަރުކާރުގެ ކަމެއް ނޫން ކަމަށާއި އެކަން އެންމެންނަށްވެސް ކުރެވޭނެ ކަމަށް ހިޝާން ވިދާޅުވިއެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ ވަރަށް "ސްވީޓް" އަދި ވަރަށް ލޯބިން އުޅޭ ކުދިން ކަމަށް ފާހަގަކުރައްވަމުން ހިޝާން ވިދާޅުވީ، އެފަދަ ކުދިންގެ ހާލަތު ބަލާފައި ކުރެވޭނެ އެތައް ކަމެއް ރާއްޖޭގައިވެސް އެބަހުރި ކަމަށެވެ.
"ގެއެއްގެ ބަންދުވެފައި ހުންނަންވީމަ، އަހަރެމެންނަށް ކުރެވޭ އިހުސާސްވެސް އެކުދިންނަށް ކުރެެވޭނެ. ބައެއް ކުދީން ގޭގައި ހުރެގެން ރުޅިވެސް ގަދަވާނެ. ރާއްޖޭގައި ތަންތަން ސާފުކުރުން، ޕެކް ކުރުން ކުރެވޭނެ. ފިހާރަތަކުގައި ވެސް މަސައްކަތްކުރެވޭނެ ކުދިން ރާއްޖޭގައި އެބައުޅޭ،" އިސްތަންބޫލްގެ ފިހާރަތަކާއި ކެފޭތަކުގައި ވެސް ޑައުން ސިންޑުރޯމް ކުދިން މަސައްކަތްކުރާކަން ފާހަގަކުރައްވައި، ހިޝާން ވިދާޅުވިއެވެ.