ކުރީގެ މަންހަޖުގައި އޮތީ ހަމައެކަނި ފޮތުގައި އޮތް އެއްޗެއް ކިޔަވައިދޭން: އާދަމް ޝަރީފް

ހާއްސަ އެހީއަށް ބޭނުންވާ ޓީޗަރުން ތަމްރީންކުރުމަށް ހިންގި ކޯސްތަކުން ދަސްވެނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވާހަަކަދައްކަވަނީ -- ފޮޓޯ؛ މުހައްމަދު އަފުރާހު

ކުރީގެ ސަރުކާރުތަކުގައި އެކުލަވަލައިފައި އޮތް ތައުލީމީ މަންހަޖުގައި އިސްކަންދީފައި ވަނީ ހަމައެކަނި ފޮތުގައި އޮތް އެއްޗެއް ކިޔަވައިދިނުމަށް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ ޓީޗަރުން ތަމްރީންކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަނުން (އެންއައިއީ) ހިންގި ކޯސްތަކުން ދަސްވެނިމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޑިފެންސް މިނިސްޓަރަކަށް ވުމުގެ ކުރިން އެންއައިއީ ހިންގެވުމާ ހަވާލުވެ ހުންނެވި އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ތައުލީމީ މަންހަޖުތަކުން އެކަށީގެންވާ ނަތީޖާ ދެއްކިފައިނުވާ ކަމަށެވެ.

" އަޅުގަނޑުމެންނަށް ފެންނަން އޮތް އެއް ހަގީގަތަކީ އަޅުގަނޑުމެންގެ މާހައުލުން ލިބެން ހުރި ވަސީލަތްތަކުން މުޅި ގައުމު ބިނާކުރުމާއި އަޅުގަނޑުމެން ޒިންމާދާރު ކަމާއެކީ ގައުމު ގައުމެއްގެ ގޮތުގައި ތަރައްގީ ކުރަން ބޭނުންވާނެ ވަސީލަތްތައް އަޅުގަނޑުމެންނަށް އެންމެ އެކަށީގެންވާގޮތުގައި އުފެއްދިފައި ނުވާކަން،" ޝަރީފް ވިދާޅުވިއެވެ.

ހާއްސަ އެހީއަށް ބޭނުންވާ ޓީޗަރުން ތަމްރީންކުރުމަށް ހިންގި ކޯސްތަކުން ދަސްވެނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ؛ މުހައްމަދު އަފުރާހު

ޝަރީފް ވިދާޅުވީ، ކުރީގެ ތައުލީމީ މަންހަޖު ތަންފީޒުކުރެވިގެން އައިއިރު ޓީޗަރުންނަށް ތަފާތު ހުނަރާއި އުކުޅުތައް ތަރައްގީ ކުރުމަށް އެކަށީގެންވާ ވަރަށް ތަމްރީންތައް ދެވިފައިނުވާ ކަމަށެވެ. އޭގެ ސަބަބުން ހަމައެކަނި އިސްކަންދެވިފައިވަނީ ފޮތުގެ ދެލިގަނޑު ދަރިވަރުންނަށް ކިޔަވައިދިނުމަށް ކަމަށް ޝަރީފު ވިދާޅުވިއެވެ.

ރައިސް ޔާމިންގެ ވެރިކަމުގައި އާ ތައުލީމީ މަންހަޖު އެކުލަވައިލީ ކުރީގެ ސަރުކާރުތަކުގެ ތަޖުރިބާއާއެކު ކަމަށާއި އަދި އާ މަންހަޖުގައި ދަރިވަރުންނަށް އާ ތަޖުރިބާއާއި އާ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އިސްކަން ދީފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އާ މަންހަޖުގައި ދަސްވާރާއި ބީޓެކް ޕްރޮގްރާމްތައް ހިމަނައިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް