"އިނޮވޭޝަން ކޮންފަރެންސް 2020" ފަށައިފި

"އިނޮވޭޝަން ކޮންފަރެންސް 2020" ފައްޓަވައިދެއްވީ ފަސްޓްލޭޑީ ފަޒްނާ -- ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އާއި ކެމްބްރިޖް ޔުނިވަރސިޓީ ގުޅިގެން އިންތިޒާމުކޮށް ކުރިޔަށް ގެންދާ "އިނޮވޭޝަން ކޮންފަރެންސް 2020" ފަށައިފިއެވެ.

މިއީ ކޮވިޑް19 ގެހާލަތުގައި އިންޓަނެޓް މެދުވެރިކޮށް ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ބުރަ މަސައްކަތުގައި މުދައްރިސުން ކުރި އާ އީޖާދުތަކާ، ތައްޔާރުކުރި އުނގަންނައި ދިނުމުގެ ފުރިހަމަ އާލާތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމާއި، އެފަދަ ހުނަރުވެރި މަސައްކަތް ތަކުގެ އަގުވަޒަން ކުރުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

ކޮންފަރަންސް އިފްތިތާހުކޮށްދެއްވާ ވާހަކަ ދައްކަވަމުން ފަސްޓްލޭޑީ ފަޒްނާ ވަނީ ކޮވިޑް19ގެ ހާލަތުގައި ދަރިވަރުންގެ އުނގަންނައިދިނުން މެދުނުކެނޑި ކުރިޔަށް ގެންދެވުމުގައި ތައުލީމީ ދާއިރާގެ ހުރިހާ ބޭފުޅުން ގުޅިގެން ކުރެއްވި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ނަމޫނާ މަސައްކަތް ފާހަގަ ކުރައްވައިފައެވެ.

މިޙާލަތާ ގުޅިގެން ކުރެވެމުންދާ ފަންނީ ހުނަރުވެރި މަސައްކަތް ދިރުވާ އާލާ ކުރުމަށް މިފަދަ ކޮންފަރަންސެއް އިންތިޒާމު ކޮށް ކުރިޔަށް ގެންދެވުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ހަމަ އެއާއެކު، މަދުރަސީ މަރުޙަލާގައި ދަރިވަރުންނަށް އުނގަންނައިދޭ އިޖްތިމާއީ ރިވެތި އާދަތައް ދަސްކޮށްދިނުން ހަމައެކަނި ސްކޫލުގެ މާހައުލުން ނިންމައިނުލައި، މުދައްރިސުންނާއި، ސްކޫލްތަކުގެ އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި، މުޅި މުޖުތަމައުގެ ހުރިހައި ފަރުދުން ހިމެނޭ ގޮތަށް، ރިވެތި އާދަތަކަށް އަހުލުވެރި ބަޔަކަށް ހެދުމުގެ މުހިންމުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

އަދި، އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުސަތުތައް ހުޅުވައިލުމަށް ސްކޫލްތަކުގެ މަސްއޫލުވެރިންގެ ކިބައިން އެ ކަމަނާ ވަނީ އެދިވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓާ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު އަލީ ވަނީ ނުރައްކާތެރި ކޮވިޑުގެ ވަގުތު ދަރިވަރުންގެ އުނގެނުން މެދުނުކެނޑި ކުރިޔަށް ގެންދެވުމަށް މުދައްރިސުން ކުރެއްވި ގަދަ ހިތްވަރާ، ބުރަ އަދި ހުނަރުވެރި މަސައްކަތށް ޝުކުރު އަދާކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ އެއީ މުދައްރިސުންނަށާއި ދަރިވަރުންނަށް އަދި ބެލެނިވެރިނަށްވެސް ދަތި އުނދަގޫ އެހާމެ ހިތްދަތި ދުވަސްތަކެއް ކަމާއި އެ ހިތްދަތިވަގުތު މުދައްރިސުންނާ ދަރިވަރުންނަށް ކުރިމަތިވި ގޮންޖެހުންތައް ޖައްލު ކުރުމުގައި މުދައްރިސުން ބޭނުން ކުރި އުކުޅުތަކާ އުފެއްދި ހުނަރުވެރި މޮޅު އުފެއްދުންތައް ދެމެހެއްޓެވި ގޮތެއްގައި ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

އެގޮތުން މިކޮންފަރަންސް ގެ މައިގަނޑު މަގުސަދަކީ، މި އާ އީޖާދު ތަކާ، ތައްޔާރުކުރި، އުނގަންނައި ދިނުމުގެ ފުރިހަމަ އާލާތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމާއި، އެފަދަ ހުނަރުވެރި މަސައްކަތް ތަކުގެ އަގުވަޒަން ކޮށް ހިތްވަރު ދިނުންކަން ފާހަގަކުރެއްވިއެވެ.

މިއަދާއި މާދަމާ، ޒޫމް މެދުވެރިކޮށް ކުރިޔަށް ދާ މި ކޮންފަރަންސް ގައި 23 ސްކޫލަކުން ބައިވެރިވެ 47 ޕްރޮޖެކްޓް ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް