މިއަހަރުގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަންއިން ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ، "ވޯލްޑް ޑައުން ސިންޑްރޯމް ޑޭ"އަކީ ކޮންމެ އަހަރެއްގެ މާޗް މަހުގެ 21 ވަނަ ދުވަހެވެ.
މޯލްޑިވިއަންގެ މީޑިއާ ކޯޑިނޭޓަރު އަލީ ނަޝާތު ހަމީދު ސަން ވިދާޅުވީ، ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރުމުގެ ގޮތުން، މޯލްޑިވިއަންގެ ފަރާތުން، ޑައުން ސިންޑްރޯމް ކުދިންނާއެކު މިއަދު ޚާއްސަ ވަގުތުކޮޅެއް ހޭދަކޮށްފައިވާ ކަމަށެވެ.
ޑައުން ސިންޑްރޯމް އެސޯސިއޭޝަން، "ބިއުޓިފުލް އައިސް"އާ ގުޅިގެން މޯލްޑިވިއަނުން މިއަދު ބޭއްވި ޚަރަކާތުގައި، ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ވަނީ، މޯލްޑިވިއަން ސީޕްލޭން ސަރަހައްދަށް ޒިޔާރަތްކުރުމާއި ސީޕްލޭނަށް އެރުމުގެ ފުރުސަތު ދީފައެވެ.
"ސީޕްލޭނަށް އެރުމާއި، ހެނގަރު އަދި މުޅި ސީޕްލޭން ޓަރމިނަލް ވަނީ އެކުދިންނަށް ދައްކާލާފައި،" ނަޝާތު ވިދާޅުވިއެވެ.

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅުވައިގެން މޯލްޑިވިއަން އާއި ބިއުޓިފުލް އައިސް އިން ކުރިއަށް ގެންދިޔަ ޚަރަކާތުގެ ތެރޭން -- ފޮޓޯ: މޯލްޑިވިއަން
ނަޝާތު ވިދާޅުވީ، ޑައުން ސިންޑްރޯމް ކުދިންނަށް ގައުމީ އެއަރލައިނުން މިފަދަ ހަރަކާތެއް ހިންގީ، އެކުދީންނަށް ތަފާތު މާހައުލެއް ދެއްކުމަށާއި އެކުދީންނަކީވެސް އެހެން ކުދިންނެކޭ އެއްފަދައިން ހުރިހާ ކަމެއްގައި ޝާމިލްވެވޭނެ އަދި އެއްވެސް ހުރަހެއް ނެތި ހުރިހާ ކަމެއްވެސް ކުރެވޭނެ ކުދިންކަން އިހްސާސްކޮށްދީ އެކުދީންނަށް ހިތްވަރުދިނުން ކަމަށެވެ.
ސީޕްލޭން ޓަރމިނަލް ސަރަހައްދުގައި ޑައުން ސިންޑްރޯމް ކުދީންނަށް މިއަދު ބޭއްވި ހަރަކާތުގައި ބައިވެރިވި ހުރިހާ ކުދީންނަށްވެސް މޯލްޑިވިއަންގެ ފަރާތުން ޚާއްސަ ހަދިޔާއެއް ދިން ކަމަށް ނަޝާތު ވިދާޅުވިއެވެ.