ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ 82 ޓީޗަރުން ތަމްރީނުކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީންކުރުމަށް ހިންގި ކޯސްތަކުގެ ދަސްވެނިވުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މުހައްމަދު އަފްރާހް

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީންކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަން (އެންއައިއީ) އިން ހިންގި ކޯސްތަކުން 82 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ހޯލުގައި މިއަދު ހަވީރު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، އެންއައިއީ އިން ހިންގި އިންކްލޫސިވް އެޑިއުކޭޝަން ޑިގްރީ ޕްރޮގްރާމުން 34 ދަރިވަރަކު ވަނީ ދަސްވެނިވި ކަމުގެ ސެޓްފިކެޓް ހާސިލުކޮށްފައެވެ. އަދި ހަމަ އެ ދާއިރާއިން ހިންގި ޑިޕްލޮމާ ޕްރޮގްރާމުން 48 ދަރިވަރުން ވެސް ވަނީ ދަސްވެނިވި ކަމުގެ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީންކުރުމަށް ހިންގި ކޯސްތަކުގެ ދަސްވެނިވުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މުހައްމަދު އަފްރާހް

އޭގެ އިތުރުން އެންއައިއީގެ ފަރާތުން ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ހިންގި ސްކޫލު ލީޑާޝިޕް ޕްރޮގްރާމުން ހަ ފަރާތެއް ވަނީ ޑިގްރީ ޕްރޮގްރާމުން ދަސްވެނިވި ކަމުގެ ސެޓްފިކެޓް ހާސިލްކޮށްފައެވެ. އަދި ހަމަ އެ ދާއިރާއިން ދެ ފަރާތެއް ވަނީ ޑިޕްލޮމާ ސެޓްފިކެޓްވެސް ހާސިލްކޮށްފައެވެ.

އައިއެންއޭއިން ހިންގި ކޯސްތަކުގެ ތެރެއިން އިންކްލޫސިވް އެޑިއުކޭޝަން ޑިގްރީ ޕްރޮގްރާމުން އެއްވަނައަށް ދެ ދަރިވަރަކު ވަނީ ހޮވިފައެވެ.

  • މަރިޔަމް ރައިހާނާ - ތ. ކިނބިދޫ/ ޑައިމަންޑް
  • ޝިއުނާ ހަސަން - އއ. ރަސްދޫ/ މެޑޯޒް

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީންކުރުމަށް ހިންގި ކޯސްތަކުގެ ދަސްވެނިވުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މުހައްމަދު އަފްރާހް

އެންއައިއީ އިން ބުނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީންކުރުމަށް ހިންގި ކޯހުގައި އެފަދަ ދަރިވަރުންނަށް ކިޔަވައިދޭނެ ގޮތްތަކާއި އަދި އެކުދިންނަށް އެހީތެރިވުމަށް އިންޓަވެންޝަންތައް ރާވާނެ ގޮތްތައް އަހުލުވެރިކުރުވުމަށް ކޯހުގައި އިސްކަންދީފައިވާ ކަމަށެވެ.

އެއްވެސް ކުއްޖަކު ބާކީނުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ހިންގި ތަފާތު ޕްރޮގްރާމްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ 75 ޓީޗަރުން ފާއިތުވި ހަތަރު އަހަރުތެރޭ ވަނީ ތަމްރީންކޮށްފައެވެ.

comment ކޮމެންޓް