ޓީސީން މި ސީޒަންގައި ކުޅުނު ތިން މެޗުންވެސް މޮޅެއް ހޯދިފައިނުވާއިރު، މިރޭ މާލޭ ލީގުގައި ކްލަބު ވެލެންސިއާއާ ދެކޮޅަށް ނުކުންނަ މެޗަކީ ތަފާތުތަކެއް ފެންނާނެ މެޗެއްކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށް ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
އެންމެފަހުން ޓީސީން ލީގުގައި ކުޅުނު މެޗުން ބަލިވީ ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުންނެވެ. އެ މެޗުން ބަލިވުމުން ނިޒާމްބެ ބުނީ ޓީމަށް ކުޅޭ ބައެއް ކުޅުންތެރިން މެޗަށް ނުކުތީ އެންމެ އެކަށީގެންވާ ގޮތަށް ތައްޔާރު ނުވެ ކަމަށެވެ.
"ކޮންމެ މެޗަކަށްވެސް ނުކުންނަނީ އެއް މެޗުން ދިމާވާ މައްސަލަތައް ރަނގަޅުކޮށްގެން. އެކަމަކު މެޗަށް ނުކުތީމަ އަނެއްކާވެސް އެ މައްސަލައެއް ކުރިމަތިވާކަން މި އެނގެނީ. ތެދެއް. ކޯޗެއްގެ ޒިންމާއެއް ކުޅުންތެރިން ޑިސިޕްލިން ކުރުން. ކުޅުންތެރިން ކުޅޭ ކުޅުން. އެކަމަކު ކޯޗެއްގެ ޒިންމާއާއެކު ކުޅުންތެރިންގެ ޒިންމާއެއްވެސް މީގައި އެބަ އޮވޭ. ކުޅުންތެރިންގެވެސް ޒިންމާ އަދާކުރަން ޖެހޭ ހިސާބުން ކާމިޔާބީ މި ލިބެނީ. ޓީސީން އަމިއްލައަށް މެޗަށް ރެޑީ ނުވުމުގެ ސަބަބުން މިސްޓޭކްތަކެއް ފެނިގެން މިދިޔައީ. އެކަން ކަމަށް ސަމާލުވާން ޖެހޭ. ވަރަށް ޔަގީންކަން އެބައޮތް ދެން އޮތް މެޗަކީ ޓީސީގެ ތަފާތު މެޗަކަށް ވެގެންދާނެ ކަމަށް،" މިރޭގެ މެޗާ ގުޅިގެން އެފްއޭއެމް ހައުސްގައި ބޭއްވި ޕްރި މެޗު ޕްރެސްގައި ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ޓީސީގެ ހުރިހާ ކުޅުންތެރިންވެސް ކުރީ މެޗުގައި ހެދުނު ގޯސްތައް ގަބޫލުކުރި ކަމަށާއި، އޭގެ ސަބަބުން މިރޭގެ މެޗުން ރަނގަޅު ކަންކަން ފެންނާނެ ކަމަށެވެ.
ގައުމީ ޓީމުގެ މެޗަށް ތައްޔާރުވުމަށް ލީގު މެދު ކަނޑާލުމުގެ ކުރިން މިރޭ ކުޅޭ މެޗަކީ ވަރަށް މުހިއްމު މެޗެއް ކަމަށާއި ޓީމުން މަސައްކަތް ކުރާނީ ސީދާ ތިން ޕޮއިންޓަށް ކަމަށްވެސް ނިޒާމްބެ ބުންޏެވެ.
"ވަރަށް މުހިއްމު މޮޅެއް. ބްރޭކަށް ދިއުމުގެ ކުރިން މޮޅެއް ވަރަށް މުހިއްމު. ވަރަށް ބޮޑަށް ސަމާލުވެގެން މަސައްކަތް ކުރާނަން. ސޮބާ ގެންގުޅޭ ޓީމަކުން އެއްވެސް އިރެއްގައި މަސައްކަތް ކުރިތަނެއް ފެނިގެން ނުދޭ ބޮޑެތި ބޯޅަތަކެއް ޖަހައިގެން ކުޅޭކަށް. އެހެންވީމަ ރީތި މެޗެއް ފެނިގެންދާނެ ކަމަށް މި ބަލަނީ،" ނިޒާމްބެ ބުންޏެވެ.
މިރޭގެ މެޗާ ގުޅިގެން ވެލެންސިއާގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ވެސް ބުނީ ބްރޭކް ކުރިން ނަގަން ޖެހޭ ތިން ޕޮއިންޓްގެ މުހިއްމު ކަމުގެ ވާހަކައެވެ.
"ކުރިއަށްދާން ބޭނުން ކަމަށް ވާނަމަ އެބަ ޖެހޭ ޕޮއިންޓެއް ހޯދަން. އެހެން ނޫނީ ބްރޭކަކަށް ދާއިރު އުނދަގޫވާނެ. ކޮންމެ ދުވަހު މާދަމާ ރަނގަޅުވާނޭ ކިޔައިފައި ދިއުމަކުން ފަރު ޖެއްސޭކަށް ނެތް. ކޮންމެ ގޮތެއްވިޔަސް ފުރަތަމަ ބުރުގައިވެސް ޕޮއިންޓެއް ނަގަން އެބަޖެހޭ. އެގޮތުގައި ކުޅުންތެރިންވެސް ނުކުންނާނީ. ވަރަށް ބޮޑަށް މަސައްކަތް ކުރާނެ،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ އޭނާއަށް ރަނގަޅަށް ޓީސީގެ ކުޅުން އެނގޭ ކަމަށާއި، ޓީސީއަކީ މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށެވެ.
"ޓީސީއަށް މާ ބޮޑު ބަދަލުތަކެއްވެސް ނާދޭ. މިދިޔަ ދެތިން ސީޒަންގައި އެންމެ ކޮންސިސްޓެންޓްކޮށް ކުޅުނު އެއް ޓީމު ޓީސީއަކީ. އެހެންވީމަ ފުރިހަމަ އިހުތިރާމް ދީގެން ނުކުންނާނީ. ޓީސީ ވަރަށް ރަނގަޅަށް އެނގޭ. ވަރަށް މަސައްކަތްކޮށްގެން ނޫނީއްޔާ ނުހުއްޓުވޭނެ. މެދަށް ކުޅޭ އިއްބެއާއި، ފޭދޫ އިއްބެއާއި ކުރިއަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާވެސް ހިފަހައްޓަން ވަރަށް މަސައްކަތް ކުރަން ޖެހޭނެ،" ޓީސީގެ ކުޅުމާ ގުޅުގެން ސޮބާ ބުންޏެވެ.
ސޮބާ ބުނީ ވެލެންސިއާއަށް މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކަށް އޮތީ އަނިޔާގެ މައްސަލަތައް ކަމަށާއި، އެހެން ނަމަވެސް އެ މައްސަލަތަކަކީ ބަހަނާއަކަށް ދައްކަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުންވެސް ސޮބާ ބުނީ މިވަގުތު ޓީމުގައި ތިބި ކުޅުންތެރިންނާ އަޅާ ބަލާފައި އޭނާ ނުކުންނާނީ ތަށްޓަށް ނޫން ކަމަށާއި، ކިރިއާ ގަދަ ހައެއް ޔަގީން ވާވަރު ކުރެވުމުން އެއީ ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށްވެސް ސޮބާ ބުންޏެވެ.
ޓީސީއާއި ވެލެންސިއާ ވަދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.