ފިލްމުގެ މަސައްކަތް ފަށާނީ އިރްފާން ރަނގަޅުވެގެން އައުމުން: ވިޝާލް

ކުރިއަށް އޮތް ފިލްމުގެ މަސައްކަތް ދެން ފަށާނީ، ނިއުރޯއެންޑޯކްރައިން ޓިއުމާ އަކަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އިރްފާން ޚާން ރަނގަޅު ވެގެން އެނބުރި އައުމުން ކަމަށް ފިލްމުގެ ޑައިރެކްޓަރު ވިޝާލް ބަރްދްވާޖް ބުނެފި އެވެ.

ވިޝާލް ޑައިރެކްޓުކުރާ އެ ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހަމަޖައްސައިފައި ވަނީ އިރްފާން އަދި ދީޕިކާ ޕަދުކޯން އެވެ. ފިލްމަށް އަދި ނަމެއް ދީފައެއް ނުވެ އެވެ.

ވިޝާލް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިރްފާން އަކީ ހިތްވަރުގަދަ ފަހުލަވާނެއް ކަމަށާއި އިރްފާން އެނބުރި އަންނާނީ ރަނގަޅު ވެގެން ފުރިހަމަ ސިއްހަތެއްގައި ކަމާ މެެދު ޝައްކެއް ނެތް ކަމަށެވެ.

"އެހެންކަމުން ދީޕިކާ އާއި ޕްރޭނާ އަދި އަހަރެން މަޝްވަރާ ކުރުމަށް ފަހު މިވަނީ ފިލްމުގެ ޝެޑިއުލް ބަދަލުކޮށް އަހަރެމެންގެ ފަހުލަވާނު ރަނގަޅު ވެގެން އެނބުރި އައުމުން ފިލްމުގެ މަސައްކަތް އަލުން ފެށުމަށް ނިންމައިފައި،" ވިޝާލް ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

އިރްފާންގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން މީގެ ކުރިން ވެސް ވިޝާލް ވަނީ ފިލްމުގެ ޝޫޓިން ވަރަށް ބޮޑަށް ފަސްކޮށްފަ އެވެ.

ވިޝާލް ބުނީ ޝޫޓިން ފަސްކުރީ އިރްފާންގެ އިތުރުން ދީޕިކާގެ ވެސް ސިއްހީ މައްސަލަތަކެއް ފެންމަތިވެފައި ވާތީ ކަމަށެވެ. އޭރު ފިލްމުގެ ޝޫޓިން ފަސްކުރީ ދެތިން މަހަށެވެ.

ބަނޑުގެ ކެންސަރަށް ފަރުވާ ހޯދުމަށް އިރްފާން މިހާރު ވަނީ އިންޑިއާ އިން ބޭރަށް ފުރައިފަ އެވެ. ސާޖަރީ މެދުވެރިކޮށް ކާމިޔާބުކަމާ އެކު ޓިއުމަރު ނެގޭނެ ކަމަށް ބައެއް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އިރްފާން އަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ކާމިޔާބު ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ހުނަރުވެރި ފަންނާނެކެވެ.

comment ކޮމެންޓް