"ދަ ފޯލްޓް އިން އަވަ ސްޓާޒް"ގައި ސުޝާންތު އާ އެކު ސަންޖަނާ!

ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ހޮލީވުޑް ފިލްމު، 'ދަ ފޯލްޓް އިން އަވާ ސްޓާޒް'ގެ ހިންދީ ރީމޭކްގައި ސުޝާންތު ސިންގް ރާޖްޕުތު އާއެކު ފެނިގެންދާނެ އަންހެން ލީޑު ހަމަޖައްސައިފި އެވެ.

ފިލްމުގައި ސުޝާންތު އާއެކު ފެނިގެން ދާނީ ސަންޖަނާ ސަންގީ އެވެ. "ހޭޒަލް ގްރޭސް"ގެ ރޯލަށް ސަންޖަނާ ހަމަޖައްސާފައި ވާކަން ފިލްމުގެ ޑައިރެކްޓަރު މުކޭޝް ޗަބްރާ ވަނީ ޔަގީންކޮށްދީފަ އެވެ.

ސަންޖަނާ ވަނީ މީގެ ކުރިން ވަރަށް އިޝްތިހާރުތަކުންނާއި ފިލްމުތަކުގައި ވަރަށް ކުދި ކުދި ރޯލުތަކުން ފެނިގެން ގޮސްފަ އެވެ. އޭގެ ތެރޭގައި "ހިންދީ މީޑިއަމް" އަދި "ރޮކްސްޓާ" ހިމެނެ އެވެ.

މުކޭޝް އާއި ސަންޖަނާ ފުރަތަމަ ދިމާވީ "ރޮކްސްޓާ"ގެ ކާސްޓިންގައި އުޅުމުގެ ތެރޭގަ އެވެ. މުކޭޝް ބުނީ ސަންޖަނާ އަކީ ހުނަރުވެރި އެކްޓަރެއް ކަމަށާއި އަދި ފިލްމީ ދާއިރާގައި ކުރިމަގު އޮތް މީހެއް ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުން ސަންޖަނާ އަށް ފިލްމުން ފުރުސަތު ދިނީ އޭނާގެ ލުކް ޓެސްޓާ މެދު މުކޭޝް ވަރަށް ބޮޑަށް ހިތްހަމަ ޖެހުމުންނެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯ އިން ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޝޫޓިން ފަށާނެ ތާރީޚެއް އަދި ނޭނގެ އެވެ. މިއީ މުކޭޝްގެ ފުރަތަމަ ޑައިރެކްޝަނެވެ.

'ދަ ފޯލްޓް އިން އަވާ ސްޓާޒް' އަކީ ޖޯން ގްރީން ހަމަ އެނަމުގައި ލިޔެފައިވާ ވާހަކައިގެ މައްޗަށް، ޖޯޝް ބޫން ޑައިރެކްޓުކޮށް އުފައްދާފައިވާ ފިލްމެކެވެ. އެއީ ކެންސަރު ޖެހިފައިވާ ދެ ޒުވާނުންގެ ދެމެދުގައި އުފެދޭ ލޯބީގެ މައްޗަށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.

comment ކޮމެންޓް