އަރީފް އާއި ސައުދީ ވަކިކުރެއްވީ ހުކުމް ތަންފީޒުކުރަން އުޅެގެނެއް ނޫން: ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފް އާއި އަރީފް އަށް ފަހު ފުލުހުންގެ މުވައްސަސާ ހިންގުން ހަވާލުކުރެއްވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ މަގާމުން ވަކިކުރެއްވީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރައްވަން އުޅެގެން ނޫން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އިން ގެނެސްދޭ އެންމެ ފުރަތަމަ ގައުމު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ރޭ ވިދާޅުވީ އަރީފް މަގާމުން ދުރުކުރީ އޭރު އެބޭފޫޅާ ހުންނެވި މަގާމުން ރިޕޯޓު ކުރަން ޖެހިވަޑައިގަންނަވާ ހޯމް މިނިސްޓަރު ގުޅާ ގުޅާ ފޯނަށް ޖަވާބު ނުދެއްވައިގެން ކަމަށެވެ. ސީދާ ރައީސް ގުޅުއްވުމުން ވެސް ފޯނަށް ޖަވާބު ނުދެއްވި ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އަރީފް ހައްޔަރު ކުރީ ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން އެކަންކަން ތަހުގީގު ކުރުމަށް ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ. އަރީފަށް ފަހު އެކްޓިން ސީޕީ ކަމަށް އައްޔަން ކުރި ސައުދީ މަގާމުން ވަކިކުރީ ކަންތައްކުރެއްވުމަށް ދަތިތައް ކުރިމަތިވެފައި ހުރެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސައުދީ އަމިއްލަ އަށް ގަބޫލު ކުރެއްވި ވަގުތު ކޮޅަކަށޭ އެބޭފުޅާ އެތަނުގައި ހުންނަވާނީ. އެފަދަ ޚުތޫރަތްތެރި ދަނޑިވަޅެއްގައި ވަގުތު ކޮޅަކަށް ހުންނަވާ ބޭފުޅަކަށް އެކަހަލަ ސީރިއަސް މަގާމެއް ހަވާލުކޮށްފައި ބެހެއްޓުމަކީ އެކަހަލަ ސީރިއަސް ދަނޑިވަޅަކަށް ރަނގަޅު ގޮތެއްކަމަށް ނުފެންނާތީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަންގަވާފައިވާ ޑިސިޝަން އެއް[ ނެންގެވީ]،" ސައުދީގެ ވިސްނުންފުޅު އެހެން ގޮތަކަށް ހުރި ނަމަ އެބޭފުޅާ ވެސް މިހާރު ހުންނާނީ ހައްޔަރުކޮށްފައި ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ ފުލުހުންގެ މުވައްސަސާ އަކީ ގާނޫނު ތަންފީޒުކުރަން އޮންނަ މުވައްސަސާ ކަމަށާއި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ފުލުހުންގެ މުވައްސަސާ އިން ނުކުރާނެ ކަމަށެވެ.

ފުލުހުންނާއި ސިފައިންގެ ތެރޭގައި ކުށެއް ކޮށްގެން ވަޒީފާ އިން މީހަކު ވަކިކުރަން ޖެހޭ ހާލަތެއް އަތުވެދާނެ ކަމަށާއި ނަމަވެސް އެއީ މުޅި މުވައްސަސާ އޭގެ ބަދުނާމުގެ ޒިންމާ ނަގަންޖެހޭނެ ހާލަތެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ އެއްވެސް ނިޒާމަކުން މުޅި ނިޒާމުގެ ތެރޭގައި ތިބި އެންމެން ކުށްވެރިވާ ގޮތަށް، އެ ނިޒާމުގެ ތެރޭގައި ތިބި އެކަކު ދެމީހަކު ހިންގާ އަމަލަކަށް ދެންތިބި މީހުން ޒިންމާ ނަގަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ،" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސިޔާސީ ކުށްވެރިންގެ ވާހަކަ އަކީ ރާއްޖޭގެ ގާނޫނު އަސާސީގައި އަދި އެއްވެސް ގާނޫނެއްގައި އޮންނާނެ ވާހަކައެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރުގައި ސިޔާސީ ކުށްވެރިން ދޫކޮށްލަން ބުނެފައިވާ އިރު ސިޔާސީ ކުށްވެރިން ނެތުމުން ދޫކޮށްލާނެ މީހަކު ޖަލުގައި ބަންދުކޮށްފައި ނުހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން އެއްއިރެއްގައި ހަރަކާތްތެރިވި މީހުން، އެމީހުން ކްރިމިނަލް އޮފެންސް ހިންގީމާ ނޫނީ ގާނޫނީ އެއްވެސް ކުށެއް ކުރުމުން ދެން އެމީހުންނަކީ ސިޔާސީ ކުށްވެރިންނެކޭ ނުކިޔޭނެ،" ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރި ނަމަ ރާއްޖޭގެ ހާލަތު މާފިއާ ސްޓޭޓަކަށް ބަދަލުވީސް ކަމަށާއި ރާއްޖެ މިހާ އަމާންކޮށް މިއޮތީ ފެބްރުއަރީ ފަހެއްގައި ކުއްލި ނުރައްކާ އިއުލާނު ކޮށްގެންއެޅި ފިޔަވާޅުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާކަމަށް ދެކެވޭ ވާހަކައަށް ރައްދުދެއްވައި މިނިސްޓަރު ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމެއް ކުރާތަން ބަލަން ފުލުހުން ނުތިބޭނެ ކަމަށެވެ. މާލޭގެ މަގުތަކަށް ހުއްދަ ނެތި އެއްވުމަކީ ގާނޫނާ ހިލާފު ކަމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރާނެ ފުލުހުން. އަސްލު އުސޫލެއްގެ ގޮތުން ފުލުހުން އެއްވެސް ކަހަލަ އިންޒާރެއް ނުދީ ޕެޕާ ސުޕްރޭ ޖަހަނިއްޔޭ (އެބަބުނޭ). ފުލުހުން ވޯނިން ދިނުމުގެ ކުރިން ގާނޫނު އަސާސީގައި އެބަވޭ މާލޭގެ އެއްވެސް މަގަކަށް އެއްވެ އެއްވެސް ބާވަތެއްގެ މުޒާހަރާއެއް ނުބޭއްވެނެއޭޭ ފުލުހުންގެ ރަސްމީކޮށް ފުލުހުންގެ ހުއްދައެއް ލިބިގެން ނޫނީ،"

މާލޭގެ މަގުތަޖުގައި އެއް ނުވެވޭނެ ކަމަށް ގާނޫނު އަސާސީގައެއް ނޯވެ އެވެ. އެ ވާހަކަ އޮންނަނީ ގާނޫނުގަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންތަކާ ގުޅިގެން ބޭރުގެ ފަރާތްތަކުން ގޮތް ފާޑުކިޔާ ކިޔުމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކަށް އަތް ނުބޭނޭނެ ކަމަށެވެ.

ދުނިޔެއަކީ "ގްލޯބަލް ވިލެޖެއް" ކަމަށާއި ރާއްޖެއަކީ އެ ވިލެޖުގެ އަވަށެއްކަން ފަހާގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެއާ އެއްކޮޅަށް އަދި ދެކޮޅަށް ވާހަކަ ދައްކާ ގައުމުތައް ވެސް އެބަތިބި ކަމަށެވެ. އެކަމާ ގުޅިގެން އެއްވެސް ގައުމެއް ކުށްވެރިކޮށް ވާހަކަ ދައްކަވަން ބޭނުންފުޅުނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް