މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ށ. އަތޮޅު ބުރުގެ ފައިނަލުގެ ޖާގަތައް ފުނަދުއާއި ފޯކައިދޫއިން ހޯދައިފިއެވެ.
ށ. އަތޮޅުގެ ފައިނަލުގެ ޖާގަތައް ފުނަދުއާއި ފޯކައިދުއަށް ކަށަވަރުވީ މިއަދު ހަވީރު ކުޅުނު މެޗުގައި ފޭދޫ އަތުން 3-0ގެ ނަތީޖާއަކުން ފުނަދޫ މޮޅުވުމާ ގުޅިގެންނެވެ.
އެ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ފޯކައިދޫ އަތުން 3-0ގެ ނަތީޖާއަކުން ފޭދޫ ވަނީ ބަލިވެފައެވެ. އެހެންކަމުން ކުޅުނު ދެ މެޗުންވެސް ބަލިވުމާ ގުޅިގެން ފޭދޫ ވަނީ މުބާރާތުން ކަޓައިފައެވެ. ށ. އަތޮޅު ބުރުގައި ވާދަކުރަނީ ފުނަދުއާއި، ފޯކައިދޫ އަދި ފޭދޫއެވެ.

މިނިވަން ޗެމްޕިއަންޝިޕް ށ. އަތޮޅު ބުރުގައި ފުނަދުއާއި ފޭދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ ބުރުގެ ފައިނަލުގެ ޖާގަތައް ހޯދީ ފުނަދުއާއި ފޯކައިދޫ --- ފޮޓޯ/ ފޯކައިދޫ ލައިވް ސްޕޯޓްސް
ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ހަތްވަނަ މިނެޓުގައި ފުނަދުއަށް ލީޑު ހޯދައިދިނީ އަލީ ފަރީދެވެ. މެޗުގެ 83 ވަނަ މިނެޓުގައި ފުނަދޫގެ ދެވަނަ ލަނޑު އިބްރާހިމް އައިޝަމް ކާމިޔާބުކޮށްދިން އިރު، މެޗުގެ އެންމެ ފަހު މިނެޓުގައި ފުނަދޫގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން އަރީފެވެ.
ށ. އަތޮޅު ބުރުގެ ފައިނަލުގައި ފުނަދުއާއި ފޯކައިދޫ ކުޅޭ މެޗުގެ ކުރިން އަންނަ އަންގާރަ ދުވަހު އެ ދެ ޓީމު މެޗެއް ކުޅޭނެއެވެ. އަންނަ ހުކުރު ދުވަހު ފުނަދުއާއި ފޯކައިދޫ ބައްދަލުކުރާ ފައިނަލް މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާ ޓީމެއް ޒޯން ދޭއްގައި ނުކުންނަން ޖެހޭނީ ނ. އަތޮޅުގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ.