ކަމަދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ވެސް ސަސްޕެންޑުކޮށްފި

ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު: އޭނައާ ކައުންސިލްގެ ރައީސް ވަނީ ސަސްޕެންޑުކޮށްފައި ---

ބ. ކަމަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދާއި ނައިބު ރައީސް އަހުމަދު ސާޖިދު އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.

ކަމަދޫ ކައުންސިލްގެ މެންބަރު އަހުމަދު ސަމީރަށް އެޑްރެސްކޮށް އެލްޖީއޭ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ ގާނޫނު ނަންބަރު 7/2010 (ލާމަރުކަޒީ ގާނޫނު) އިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން ކަމަދޫ ކައުންސިލުން ގަރާރެއް ނެރެފައިވާ މައްސަލައެއް އެ އޮތޯރިޓީއަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަ ބެލި ބެލުމުން އެއީ ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާ ހިލާފު އަމަލަކަށް ވާތީ، ގަރާރު ނެރުމަށް ވޯޓުދީ، ގަރާރުގައި ސޮއިކޮށްފައިވާ ކަމަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދާއި ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު މާދަމައިން ފެށިގެން އެއް މަސްދުވަހަށް މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ސަސްޕެންޝަންގެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދަން ނޫންގޮތަކަށް އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުމަކީ މަނާކަމެއް ކަމަށްވެސް އެލްޖީއޭގެ ސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭ އާއި ބ އަތޮޅު ކައުންސިލް އަދި ބ ކަމަދޫ ކައުންސިލަށް މަޝްވަރާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމުގެ ކަންތައް ކުރިއަށް ގެންދާނީ ކަމަދޫ ކައުންސިލްގެ މެންބަރު އަހުމަދު ސާމިރުު ކަމަށެވެ.

މީގެ އިތުރުން މި ދަރަޖައިގެ ކުށެއް ކޮށްފިނަމަ ކަމަދޫ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އެ ކައުންސިލަށް ދޭ ކަމަށްވެސް ސިޓީގައި ވެއެވެ.

comment ކޮމެންޓް