އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި އިތުރު ދެ ކައުންސިލަރަކު އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
ސަސްޕެންޑުކުރި އަނެއް ދެ ކައުންސިލަރުންނަކީ ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ އަހުމަދާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ޖަމްޝީދާ މުހައްމަދެވެ.
އައްޑޫސިޓީ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައުދީ ހަސަން އަށް އެޑްރެސްކޮށް އެލްޖީއޭ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ ގާނޫނު ނަންބަރު 7/2010 (ލާމަރުކަޒީ ގާނޫނު) އިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން އައްޑޫ ސިޓީ ކައުންސިލުން ނޫސް ބަޔާނެއް ނެރެފައިވާ ކަމަށެވެ.
އެހެންކަމުން ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ރ) އާ މިއަމަލު ހިލާފުވެފައިވާތީ، އެ ނޫސްބަޔާން ފާސްކުރުުމަށް ސޮއިކޮށްފައިވާ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ޞާދިގާއި، ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އަދި ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ އަހުމަދާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ޖަމްޝީދާ މުހައްމަދު މިއަދުން ފެށިގެން އެއް މަސްދުވަހަށް މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ކަމަށް އެ ސޮޓީގައި ބުނެފައިވެއެވެ.
ސަސްޕެންޝަންގެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދަން ނޫންގޮތަކަށް އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުމަކީ މަނާކަމެއް ކަމަށްވެސް އެލްޖީއޭގެ ސިޓީގައި ވެއެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމުގެ ކަންތައް ކުރިއަށް ގެންދާނީ ކައުންސިލަރު ފައިސަލް އިބްރާހިމާއި، ކައުންސިލަރު އިބްރާހިމް ޝުކުރީ އާއި ކައުންސިލަރު ހުސައިން އިޔާޟް މަޝްވަރާ ކުރުމަށްފަހު އެ ކައުންސިލަރުންގެ ތެރެއިން ކަނޑައަޅާ ކައުންސިލަރެއް ކަމަށެވެ.
މީގެ އިތުރުން މި ދަރަޖައިގެ ކުށެއް ކޮށްފިނަމަ އައްޑޫ ސިޓީ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އައްޑޫ ސިޓީ ކައުންސިލަށް ދޭ ކަމަށްވެސް ސިޓީގައި ވެއެވެ.