ނިސްތާރު މިފަހަރުވެސް ނުކުންނާނީ މާޅޮހާއެކު

އއ. މާޅޮސް ޓީމުގެ ކޯޗު ނިޝްތާރު --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ނިމިދިޔަ ދިވެހި ޕުރިމިއާ ލީގުގައި އއ. މާޅޮސް ޓީމަށް ކާމިޔާބީތަކެއް ހޯދައިދިން ކޯޗު، އަލީ ނިސްތާރު މިސީޒަންގައި ވެސް މާޅޮހުގައި މަޑުކުރަން ނިންމައިފިއެވެ.

މިސީޒަންގައި މާޅޮސް ޓީމުން ފެންނާނެކަން ނިސްތާރު ވަނީ "ސަން ސްޕޯޓްސް"އަށް ކަށަވަރުކޮށްދީފައެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގު މާޅޮހުން 14 މެޗުން ނުވަ ޕޮއިންޓާއެކު ހަތްވަނައިގައި އޮވެ ނިންމާލި ނަމަވެސް، މާޅޮސްގެ ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ހާއްސަކޮށް އެޓީމުން ވިދާލި ކުޅުންތެރިން މާލޭ ލީގުގައި ކުޅޭ ބައެއް ޓީމުތަކުން ފެންނަ ކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މާޅޮހުން ވިދާލި އަހުމަދު އާރިފް (އާރީ) މިސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބުން ފެނިގެންދާ އިރު، ޓީމުގެ ގޯލް ބެލެހެއްޓި ކީޕަރު، އިބްރާހީމް ޒަމީރު (އިބޫ) ވަނީ މިސީޒަނަށް ކްލަބު ވެލެންސިއާއާ ގުޅިފައެވެ.

މާޅޮހުގެ ކޯޗު ނިސްތާރު ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ބީޖީއާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އިތުރުން އީގަލްސްގެ އެސިސްޓެންޓް ކޯޗު ކަމުގައިވެސް ނިސްތާރު ފެނިގެން ގޮސްފައިވެއެވެ.

މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނި، މާޅޮހުން ދިވެހި ޕްރިމިއާ ލީގު ކުޅެފައިވާ އިރު، ރާއްޖޭގެ ފުޓުބޯޅަ އޮނިގަނޑަށް ގެނައި ބަދަލާއެކު މިއަހަރު މާޅޮސް ކުޅޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުން ފެށިގެންނެވެ.

comment ކޮމެންޓް