ކުއާޓާގައި އިނގިރޭސި ދެ ޓީމުގެ ކުރިމަތިލުމެއް، ރެއާލް އަނެއްކާވެސް ޔުވެންޓަސްއާ ދެކޮޅަށް

ސެވްޗެންކޯ، ގުރުނެގުމުގެ ރަސްމިއްޔާތުގައި: އޭނާ ވަނީ އޭސީ މިލާނާއެކު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފައި --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރުކުރި ހަމައެކަނި އިނގިރޭސި ޓީމުތައް ކަމަށްވާ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހުނުއިރު، ރެއާލް މެޑްރިޑާއި ޔުވެންޓަސް އަނެއްކާވެސް ވާދަކުރަން ޖެހިއްޖެއެވެ.

ސްވިޒަލޭންޑްގެ ނިއޯގައި މިއަދު ބޭއްވި ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ގުރުނެގުމުގެ ރަސްމިއްޔާތު ހޯސްޓް ކޮށްދީފައިވަނީ ޔޫއެފާގެ މީޑިއާ ހެޑް ޕެޑްރޯ ޕިންޓޯއެވެ. ގުރުނަގާފައިވަނީ މިއަހަރުގެ ޗެމްޕިއަންސް ލީގު އެމްބެސެޑާ އަންދްރޭ ސެވްޗެންކޯއާއި ޔޫއެފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޖިއޯޖިއޯ މާޗެޓީއެވެ. މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް އޮންނާނީ ޔުކްރެއިންގެ އޮލިމްޕިއެސްކާ ނޭޝަނަލް ސްޕޯޓްސް ކޮމްޕްލެކްސްގައެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި އިނގިރޭސި ދެ ޓީމު ވާދަކުރަން ޖެހުނު އިރު، ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ބާސެލޯނާ ނުކުންނާނީ ރޯމާއާ ދެކޮޅަށެވެ. މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލުމަށްފަހު ކުއާޓާއަށް ދިޔަ ސެވިއްޔާ ވާދަކުރަން ޖެހޭނީ ޖަރުމަންގެ ގަދަ ބާރު، ބަޔާން މިއުނިކާއެވެ.

ޗެމްޕިއަންސް ލީގުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް ކުޅުނު ރެއާލް މެޑްރިޑާއި ޔުވެންޓަސްގެ ކުރިމަތިލުމަކީ އާންމުކޮށް ޗެމްޕިއަންސް ލީގުގައި ފެނިގެންދާ ކުރިމަތިލުމެކެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ރެއާލްއިން ޔުވެންޓަސް ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ. 2014-15 ސީޒަނުގައި އެ ދެޓީމު ސެމީގައި ޖެހިފައިވާ އިރު، އެ އަހަރު ރެއާލް ބަލިކޮށް ފައިނަލަށް ދިޔައީ ޔުވެންޓަސްއެވެ. 2013-14 ސީޒަންގައި ރެއާލްއާއި ޔުވެންޓަސް އެއް ގްރޫޕެއްގައި ހިމެނިފައިވާ އިރު، 2008-09 ސީޒަންގައިވެސް އެ ދެޓީމު ވަނީ އެއް ގްރޫޕެއްގައި ހިމެނިފައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެ މަހުގެ 10 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް