ފަރަންޖީން ރުއްސަން ދިވެހީންގެ ދިވެހިވަންތަކަން ވެސް ގުރުބާން ކުރަންވީބާ؟

19 ޑިސެމްބަރ 2017: ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި ކުރި ނަމާދު: އަންގާރަ ދުވަހު އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާއަތުގައި ކުރި މަޣްރިބް ނަމާދަށް ފަހު، ދުވަހާ ގުޅޭހާއްސަ ދުޢާއެއް ކުރުން އޮތް -- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް

އިސްލާމް ދީނުގެ ހިޔަލުގައި މި ގައުމު އޮންނަތާ 900 އެތައް އަހަރެއް ފާއިތުވެގެން ދިޔައީއެވެ. އެއީ މި ކުޑަކުޑަ ގައުމުގެ ބޮޑު ފަޚުރެވެ. ޒަމާންތައް ބަދަލުވެގެން ދިޔައިރުވެސް އެއްވެސް ތަފާތެއް ނެތި އޮތް ގައުމިއްޔަތުގެ އެންމެ މުހިއްމު ބަހާއަކީވެސް އެއީއެވެ. އާލަމްތަކުގެ ވެރި ރަސްކަލާންގެ ދިވެހިންނަށް އެ ނިއުމަތް ދެއްވި ކަމަށްޓަކައި ޝުކުރުކުރަންޖެހެއެވެ. އެއަށް ވުރެ ބޮޑު ނިއުމަތެއް ކޮބައިތޯއެވެ.

މާޒީގެ ސަފުހާތަކަށް ބަލާލަމާ ހެއްޔެވެ. އަޅުވެތިކަމުގެ ޒަހަރު ދެ ފަހަރު އަޅުގަނޑުމެން ބޮއިފީމެވެ. ބައެއްގެ މަޅީގައި ޖެހި ހިމާޔާތުގައިވެސް ތިބެފީމެވެ. ޖުލައި މަހުގެ 26 މިނިވަން ދުވަހުގެ ގޮތުގައި ދިވެހީން ފާހަގަ ކުރަނީ ހުރިހާ ގޮތަކުންވެސް މިއީ މިނިވަން ބަޔަކަށްވާތީއެވެ.

ސިޔާސީ އޮއިވަރު ބަދަލުވަމުން އައިސް އަޅުގަނޑުމެން ދިވެހިން ޑިމޮކްރަސީއަށް އާނއެކޭ ބުނެފީމެވެ. ނަމަވެސް ޑިމޮކްރަސީގެ ގުޅުމުން ގޮށްޖަހާލީ ދީނާއި ސިޔާސަތު ވަކިވެގެން ނުދާނެ ކަމުގެ ޔަގީންކަމާ އެކުއެވެ. ޑިމޮކްރަސީގެ ގޮތްބޮޑު ހެދުމަށް ގާނޫނުއަސާސީ ހެޔޮވަރު ކުރިއިރު އެ ފެހި ގާނޫނޫ އަސާސީގެ ފުރަތަމަ ބަސްކޮޅަކީ ބިސްމިނެވެ. އެއަށް ފަހު އެންމެ ފުރަތަމަ އިބާރާތަކީ އަޅުގަނޑުމެންގެ ދީނުގެ ވާހަކައެވެ. ގާނޫނުއަސާސީގައި ބުނަނީ ދިވެހިންނަކީ ސައްތައިން ސައްތަ އިސްލާމުން ކަމަށެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ބައެއްގެ ލޯތައް އަމާޒުވެފައިވާ ގައުމެކެވެ. ދިވެހިންގެ އެއްބައިވަންތަ ކަމުގެ އަސްލަކީ އިސްލާމްދީން ކަމަށްވާއިރު އެކަމަކީ ކޮންމެ ކޮންމެ މީހަކަށް ކަމުދާނެ ކަމެއް ނޫނެވެ. ތިބޭނީ ދަނޑިވަޅަކަށް ބަލަބަލައެވެ. އެންމެ ފުރަތަމަވެސް ހަމަލާ ދޭނީ އިސްލާމް ދީނަށެވެ.

28 ޑިސެމްބަރ 2017: ފަރަންޖީން ރުއްސަން ދިވެހިންގެ ދިވެހިވަންތަކަން ގުރުބާން ކުރަންވީތޯ؟---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިއްޔެ ޔޫރަޕިއަން ޔޫނިއަންގެ ބައްދަލުވުމެއްގައި، އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށާއި އަދި މަރަށް މަރު ހިފުން ހުއްޓާލަން ގޮވާލުން ފަދަ ބައެއް ކަންކަން ހިމެނޭ ގޮތަށް ބިޔަ ބޮޑު ގަރާރެއް ފާސްކޮށްފިއެވެ. އެ ގަރާރު ފާސް ކުރުމުން އެއްބަޔަކު ބާރަށް އަތްޖަހަން ފެށިއެވެ. އަނެއް ބަޔަކު ބުނާނެ އެއްޗެއްވެސް ނޭނގި ގަބުވެފައި ތިބެވުނީ ދެން ވާންވީ ގޮތެއް ނޭނގޭތީއެވެ.

ދީނީ މިނިވަންކަން ދޭން ބުނާއިރު އިސްލާމްދީނަކީީ ދިވެހިވަންތަ ކަމުގެ އެންމެ މުހިއްމު އަސާސެވެ. ހުޅަނގުގެ 2020ގެ ތަސައްވަރު ހަގީގަތަކަށް ހަދެމުށް ހުޅަނގުގެ ބަޔަކު ކުރާކަމަކަށް އަޅުގަނޑުމެން ދިވެހިން ހެއްލިގެން ނުވާނެއެވެ. ކިތަންމެ މުހިންމު ކަމެއް ދެއްކި ނަމަވެސް އިސްލާމްދީން ގުރުބާނެއް ނުކުރެވޭނެއެވެ. 2020ގެ ތަސައްވަރުގެ ގޮތުގައި އެމީހުން ގެންގުޅޭ ފިލޯސަފީއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމުތަކުގައި ފައްޅިތައް ބިނާ ކުރުމެވެ. ނަމަވެސް ސުވާލަކީ އެ ފުރުޞަތު ދިވެހިންދޭނެތޯއެވެ.

ފަރަންޖީންގެ ތެރޭގައިވެސް ހެޔޮ އެދޭ ބަޔަކު ތިބެދާނެއެވެ. ނަމަވެސް ސުވާލަކީ އެމީހުން ރުއްސަން ހުރިހާ ކަމެއް ގުރުބާން ކުރަންވީތޯއެވެ. އެއް ޖިންސުން ގުޅުން ހިންގަންވެސް ހުއްދަ ދޭންވީތޯއެވެ. މަރަށް މަރު ހިނފުންވެސް ހުއްޓާލަންވީތޯއެވެ. އަދި އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަންކަން ހުއްދަކުރަންވީތޯއެވެ. އެކަން އެގޮތަށް ކުރަން ބޭނުން ނުވާނެ މެޖޯރިޓީ ދިވެހިން ތިބި ނަމަވެސް ބަޔަކު އެ ފިކުރަށްވެސް އެބަ ކިޔަމަންވެއެވެ. މި އަރައިގަނެވެނީ ކިހާވަރެއްގެ ކަމަކަށް ކަން ނޭނގި، މީހަކު އެ ފިކުރަށް ތަބާވާން ގޮވާލުމުން، ހަމައެއްލަމައެއް ނުބަލާ ހަމަ އަތް ޖެހޭ ބަޔަކުވެސް އެބަތިއްބެވެ.

" މުހައްމަދު ނަޝީދަކީ ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް ތައްޔާރުކޮށް ފޮނުވާފައި ވާ އޭޖެންޓެއް ގޮތަށް ބައެއް ފަހަރު ސިފަވޭ. އޭނާ ބުނާ ބުނުންތަކާއި ގޮވެލިތައް އެވެރިންގެ ބަހަށް ބަދަލުވަނީ އެ ސަބަބާހުރެ ކަމަށް ގަބޫލުކުރެވޭ،" ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވިދާޅުވިއެވެ.

28 ޑިސެމްބަރ 2017: ފަރަންޖީން ރުއްސަން ދިވެހިންގެ ދިވެހިވަންތަކަން ގުރުބާން ކުރަންވީތޯ؟-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ، ބޭރުގެ ނުފޫޒް ރާއްޖެއަށް އަންނަނީ މި ގައުމަކީ 100 ޕަސެންޓް އިސްލާމީ ގައުމަކަށް ވާތީ ކަމަށެވެ. ނަމަވެސް އެ ކަމަކީ އިންސާނުންނަށް ވީތީ ލިބިގެންވާ ހައްގެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

"ބޭރުގެ ގައުމުތަކާއި އީޔޫ ފަދަ ޖަމައާތްތަކުން ރާއްޖެއާ ދެތެރޭގައި ފިއްތުންތައް ކުރިމަތި ކުރުވާ ސަބަބަކީ މިއީ ސައްތައިން ސައްތަ އިސްލާމް ގައުމަކަށްވުން. ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އިސްލާމީ ގައުމަކަށް ވުމަކީ ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ އަމިއްލަ ހައްގެއް ކަން. އަދި އެއީ އެއްވެސް ފަރާތަކަށް ނިގުޅައިގަނެވޭނެ ހައްގެއް ނޫން،" ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ މައުރޫފް ވިދާޅުވިއެވެ.

ދީނީ މިނިވަންކަން ދިނުމަށް ބަޔަކު ގޮވާލުމުން އެކަމަށް ހިތްވަރުދޭ ބަޔަކު ތިބިކަމީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. އެއީ ދާހިލީ ހަނގުރާމައެއްގެ ފެހި ސިގުނަލެވެ. އުދަރެސް މަތިން މިހާރުވެސް އެފަދަ ކުލަ ތަކެއް ދައްކާލައިފިއެވެ. ނަމަވެސް ގައުމު ތަކުގައި އުފެދޭ މައްސަލަތައް ހައްލު ކުރުމަށް ކަމަށް ބުނެ މަސައްކަތް ކުރާ ޖަމާއަތްތަކުން، ވަކި ކަންތައްތަކެއް ނުކޮށްފި ނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނަމަ އެއީ މައްސަލައެކެވެ. އަދި ފިޔަވަޅު އަޅަނީ ދީނާ ގައުމިއްޔަތާއި ހިލާފް ކަމެއް ކުރަން ބުނެގެން އެކަން ނުކޮށްގެން ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

އެތެރޭގައި އުފެދޭ މައްސަލަތައް ހައްލުކުރުމަކީ ވެރިމީހާއާ ދެކޮޅަށް ހިންގާ ޖަރީމާއަކަށް ވެގެން ނުވާނެއެވެ. ބޭރުގެ ޖަމާއަތްތަކުގެ ވިސްނުމަކީ އެއީކަމުގައި ވެގެން ނުވާނެއެވެ. ރައީސް އަބްދުﷲ ޔާމީން މީގެ ކުރިންވެސް ވިދާޅުވެފައިވަނީ މިދެންނެވިފަދަ ބޭރުގައުމުތަކަށް "އެންމެ ބޮޑު މައްސަލައަކީ ދިވެހިންނަކީ މުސްލިމުން ކަމަށް ވާތީ،" ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ އެކަން ބަދަލު ނުކުރެވޭނެ ކަމަށެވެ.

އިދިކޮޅުގައި ތިބި ބަޔަކު ބޭރުގެ މީހުންނާ ގުޅިގެން ލިބަރަލް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. މައުރޫފް ވިދާޅުވީ އެ ފުރުޞަތު ނުލިބޭނެ ކަމަށެވެ.

"އިދިކޮޅުގައި ތިބި ބަޔަކު މި މަސައްކަތް ކުރަނީ ރާއްޖެއަށް ލިބަރަލް ޑިމޮކްރަސީ ގެންނަން. ނަމަވެސް ދިވެހިން އެ ފުރުޞަތެއް ނުދޭނެ. އެފަދަ ކަންކަމުގެ ސަބަބުން ގައުމުތަކުގައި ނަސްލީ ހަނގުރާމަތަކާއި ދާހިލީ ހަނގުރާމަތައް އެބަހުރި ހިނގާފައި. ދިވެހިންނަކީ އަބަދު ވެސް އަމަންއަމާން ކަމަށް ލޯބި ކުރާ ބައެއް. އަމާން ކަމަކީ އެންމެން އެއް ދީނަކަށް އުޅުން. އިސްލާމް ދީނަށް އުޅުން،" މައުރޫފް ވިދާޅުވި އެވެ.

ރާއްޖޭގެ ރީތިކަން ދެކިލަން އަންނަ ކޮންމެ މީހަކަށްވެސް ދިވެހިން މަރުހަބާ ކިޔާނެއެވެ. އަދި މެހެމާންދާރީވެސް އަދާ ކުރާނެއެވެ. އެކަމަކު ދީނާއި ގައުމާ ކުޅެން އަންނަ އަދުއްވުންނާއި ނިކަން ކެރިގެން ނުލާއި ފެހި ޔުނީފޯމް ތަކުގައި ތިބި ލަޝްކަރީން ކުރިމަތިލާނެއެވެ. ހެޔޮގޮތުގައި އައުމުން މެހެމާންދާރީ އަދާކޮށްދޭން އެދޭ ގޮތަށް، ނުބައި ވިސްނުމުގައި އައުމުން ގައުމުން ފައްސާލަންވެސް ދިވެހިންނަށް އެނގޭނެއެވެ.

މިއަދު ޔަގީން ކުރަންޖެހޭ ކަމެއް އެބައޮތެވެ. ފަރަންޖީން ރުއްސުމަށް އިސްލާމް ދީން ދޫކޮށެއް ނުލެވޭނެއެވެ. ބޭރުގެ ގަރާރަކަށް ތަބާވުމުގެ ކުރިން ވެރިމީހާއަށް ވާޖިބުވެގެން ވަނީ އިސްލާމީ އުސޫލުތަކަށާއި ގާނޫނު އަސާސީއަށް ތަބާވުމެވެ. ކިތަންމެ ބޮޑު ފިޔަވަޅެއް، ދީނީ މިނިވަންކަން ނުދީގެން އެޅި ނަމަވެސް މާތް ﷲގެ އިންސާފުގެ ދަރުބާރުގައި އެފަދަ މީހުން ނިކަމެތި ކުރައްވާނެކަން ޔަގީނެވެ.

ފިނި ހިލަޔަކުން ގަދަ ހޫނަކަށް ދާން ބޭނުންވާނީ ކިތައް ދިވެހިންތޯއެވެ. ސިޔާސީ ނަމުގައި ހިންގަންވާނީ ސިޔާސީ ހަރަކާތްތަކެވެ. ވެރިކަން ބަދަލުކޮށްގެން ދީނީ މިނިވަންކަން މި ގައުމަށް ގެންނަން ހިޔާލު ނުކުރާށެވެ. ދިވެހީން އެ ފުރުޞަތެއް ނުދޭނެއެވެ. މިއަދުވެސް މުހައްމަދު ތަކުރުފާނުފަދަ ބަޠަލުން ބައިވަރެވެ. ކެރިގެން ކުރިމަތިލާނީ ހިތްވަރާއެކުއެވެ. އިސްލާމްދީނަކީ އަހަރަމެން ހިޔާރު ކުރިމަގެވެ. އެ މަގުގައި އަހަރަމެން އުޅުނަދޭށެވެ. ކޮންމެހެން ބަޔަކު ހިތްހަމަޖައްސަން އަހަރެމެންގެ ދީނާއި ވަޠަނާއި އަގީދާ ގުރުބާނެއް ނުކުރުވޭނެއެވެ. އަދި ނުވެސް ކުރާނެއެވެ.

comment ކޮމެންޓް