މަޖިލީހުގެ ތިން މެންބަރަކު ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީ އިން ބުނެފި

މާރިޔާ ހައްޔަރުކޮށްގެން ގެންދަނީ-- ފޮޓޯ: ޓުވިޓާ

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބާއްވަމުންދާ މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ހައްޔަރުކޮށްފި ކަމަށް އިދިކޮޅު ޕާޓީ، އެމްޑީޕީ އިން ބުނެފި އެވެ.

މިރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު ކަމަށް އެ ޕާޓީން ބުންޏެވެ.

އެ ތިން ބޭފުޅުންގެ އިތުރަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް ކަނޑައަޅާފައިވާ ރ. މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމިތު ވެސް މިރޭ ފުލުހުން ހައްޔަރު ކުރި ކަމަށް އެ ޕާޓީން ބުންޏެވެ.

މިރޭގެ މުޒާހަރާގެ ތެރެއިން ރައީސް ނަޝީދުގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި، މުހައްމަދު އަސްލަމް ވެސް ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ފަސް ބޭފުޅުންގެ ހައްޔަރާ ބެހޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނެ އެވެ.

މިރޭ ކުރިއަށްދާ މުޒާހަރާ ފުލުހުން ވަނީ ރޫޅާލަން ފަށައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވަމުންދާ މުޒާހަރާގައި ފުލުހުންނަށް ހަމަލާދޭން ބޭނުންކުރަން އުޅުނު މިރުސް ފެން ޕެކެޓްތަކެއް ވެސް ވަނީ އަތުލައިގެންފަ އެވެ.

ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ އިދިކޮޅު ފަރާތްތަކުން މިރޭ ކުރަމުންދާ މުޒާހަރާގެ ސަރަހައްދުން 105 މިރުސް ފެން ޕެކެޓް ފެނިފައިވާ ކަމަށެވެ.

comment ކޮމެންޓް