ހޮންގްކޮންގްގެ ކުންފުންޏަކުން ރަންވެލި ރިސޯޓު ގަނެ، ރީބްރޭންޑް ކުރުމަށްފަހު އަލުން ހުޅުވަނީ

އދ. ވިލިނގިލިވަރު ---

އދ. ވިލިނގިލިވަރުގައި ހިންގާ ރަންވެލި އައިލެންޑް ރިސޯޓު، ހޮންގްކޮންގްގެ އޭޝިއާ ޕްރިސްޓީޖް މެނޭޖްމެންޓް (އޭޕީއެމް) ކުންފުނިން ގަނެފިއެވެ.

ރަންވެލި ރިސޯޓު ހިންގި ވިލިނގިލިވަރު ކުރިން ލީސްކޮށްފައި އޮތީ މ. މާލިމީގޭ ޚަދީޖާ ހަސަނަށެވެ. ނަމަވެސް އެ ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް ބަދަލުކުރުމަށްޓަކައި، އެރަށާ ގުޅޭ މައްސަލައެއް އޮތްތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އިއުލާނު ކޮށްފައެވެ.

ހޮންގްކޮންގްގެ އޭޕީއެމް ކުންފުނިން އދ. ވިލިނގިލިވަރު ގަތީ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަގެއް ސާފެއް ނޫނެވެ.

އެކުންފުނިން ނިންމާފައިވަނީ، އެރަށުގައި ހިންގާ ރަންވެލި އައިލެންޑް ރިސޯޓު ރީބްރޭންޑްކޮށްގެން އަލުން ހުޅުވާށެވެ. އެ ރިސޯޓު ހުޅުވާނީ އޭޕީއެމްއިން ހިންގާ "ޒޭޒް ހޮޓެލްސް" ޗެއިނުގެ ދަށުން، "ޒޭޒް އައިލެންޑް މޯލްޑިވްސް"ގެ ނަމުންނެވެ.

ޒޭޒް ހޮޓެލްސް ބްރޭންޑުގެ ދަށުން މިހާރު ހިނގަމުން ދަނީ އެންމެ ޕްރޮޕަޓީއެކެވެ. އެއީ ޒޭޒް އާބަން ބެންގްކޮކް ހޮޓެލެވެ. ވިއެޓްނާމްގެ ހޯ ޗީ މިންހް ސިޓީގައި ޒޭޒް އާބަން ހޯ ޗީ މިންހް ސިޓީ ހޮޓެލް މިއަހަރުގެ ފަހުކޮޅު ހުޅުވާނެއެވެ.

ރާއްޖޭގައި ހިންގި ރަންވެލި އައިލެންޑް ރިސޯޓު "ޒޭޒް އައިލެންޑް ރިސޯޓު"ގެ ނަމަށް ރީބްރޭންޑްކޮށް، އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ.

މާމިގިލި ކައިރީގައި އޮންނަ 100 އެނދުގެ އެ ރިސޯޓަކީ ސީޕްލޭންގައި މާލެއިން 25 މިނެޓްގެ ތެރޭގައި ދެވޭ ހިސާބުގައި އޮންނަ ރިސޯތެކެވެ. އަދި އެ ސަރަހައްދަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލުކަން ހޯދައިފަވާ ފެހުރިހި އުޅޭ ކަނޑުގެ ރީތިކަަން ލިބިފައިވާ ޑައިވިންގްއަށް މަޝްހޫރު ސަރަހައްދެކެވެ.

comment ކޮމެންޓް