ދައުލަތުގެ މުވައްޒަފުންތަކަކަށް ރިޝްވަރު ހުށަހެޅިކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
މުހައްމާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިއަދު ހެނދުނު 10:30 ގައެވެ.
ފުލުހުން މުހައްމާއަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގަން ބޭނުން ވަނީ ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތު ދީގެން އެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފުލުސް އޮފީހަށް ހާޒިރުވެ، ބަޔާން ދިނުމަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން މުހައްމާ ވިދާޅުވީ މިއީ ވަރަށް ބޮޑު ތުހުމަތުތަކެއް ކަމަށާއި، އެކަންކަމަށް އިންކާރު ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ބަސް ބުނާ ކޮންމެ މީހަކަށްވެސް މިފަދަ ތުހުމަތެއް ކުރަމުން ގެންދާ ކަމަށެވެ. ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް އޭނާ ސަރުކާރަށް ގޮވާލިއެވެ.
މުހައްމާ ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ތަސްތީގުކުރެއްވުމުގެ ކުރިން ރައީސް ޔާމީން އިތުރަށް ވިސްނާވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އެންޓި ޑިފެކްޝަން ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ތަސްދީގު ކުރައްވައިފައެވެ.
މުހައްމާ މިއަދު ފުލުސް އޮފީހަށް ހާޒިރުކުރި އިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ ހޯމަ ދުވަހު ވަނީ އޭނާ ހައްޔަރުކޮށް، އޭނާގެ ފޯނު އަތުލުމަށް ފަހު ދޫކޮށްލާފައެވެ.