ދުނިޔޭގެ އެކިކަންކޮޅުގައި ތިބި ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ޔޫތް ކޮމިޓީ (އައިވައިސީ) އިން މިއަހަރު ބާއްވާ ދެވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް)ގެ އެމްބެސެޑަރުންނަށް ރާއްޖޭގެ ފަރާތުން ތިން ޒުވާނަކު ހަމަޖައްސައިފި އެވެ.
މިއަހަރުގެ ސޭސްގައި އަލަށް އުފެއްދި މީޑިއާ އެމްބެސެޑަރުގެ މަގާމަށް ހަމަޖައްސާފައިވަނީ ސަން މީޑިއާ ގުރޫޕުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަދި ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ ރައީސާ މިންހާ ފާއިޒް (މިންނު) އެވެ.
މިންނު އަކީ މިދިޔަ އަހަރު ބޭއްވި ސޭސްގެ ހާއްސަ ކަވަރޭޖަށް އިންޑިއާއަށްދިޔަ ރާއްޖޭގެ މީޑިއާ ޑެލިގޭޝަންގެ ހެޑްވެސް މެއެވެ. މިދިޔަ އަހަރު ބޭއްވި ސޭސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.
މިއަހަރު ޖޫން މަހުގެ ތެރޭގައި ބާއްވަން ތައްޔާރުވަމުންދާ ދެވަނަ ސޭސްގައި ރާއްޖޭގެ ފަރާތުން ޔޫތު އެމްބެސެޑަރުންނަށް ހަމަޖައްސާފައިވަނީ ރަފީގެ މިލީނިއަމް ޔޫތު އެމްބެސެޑަރު އާއިޝަތު ވިލިނީ އަދި މިދިޔަ އަހަރު އުފެއްދުންތެރިކަމުގެ ދާއިރާއިން ޒުވާނުންގެ އެވޯޑް ލިބިލެއްވި އަދި ރަފީ ޖަމިއްޔާގެ ނައިބް ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ ހުސެއިން ޝިހާމެވެ.
މިދިޔަ އަހަރު އިންޑިއާގެ ބުބަނޭޝްވަރު ސިޓީގައި ބޭއްވި ފުރަތަމަ ސޭސްގައި ރާއްޖޭގެ ފަރާތުން އެމްބެސެޑަރަކަށް ހަމަޖެއްސީ "ރަފީ" ޖަމިއްޔާގެ ފައުންޑަރ އަދި ރައީސާ ޑރ. އާއިޝަތު ރަފިއްޔާ އެވެ.
ރަފީއަށް ވަނީ އެ ސަމިޓުގައި އެންމެ މޮޅު އެމްބެސެޑަރުގެ އެވޯޑުގެ އިތުރުން އައިވައިސީން ޒުވާނުންނަށް ދެމުން ގެންދާ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ގުލޯބަލް ޔޫތު އެވޯޑްވެސް ލިބިފައެވެ. އަދި ރަފީ އަކީ އެ އެވޯޑް ލިބުނު ފުރަތަމަ ދިވެއްސެވެ.
ސޭސްގެ މަގާމުތަކަކީ ކޮންމެ އަހަރެއްގެ ވެސް އެ ސަމިޓާ ދިމާކޮށް އައްޔަން ކުރާ މަގާމު ތަކެކެވެ.