އެޕަލްގެ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް ޖޫންގައި

އެޕަލްގެ އެނުއަލް ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) އަންނަ ޖޫން މަހުގެ ހަތަރަކުން އަށަކަށް ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއީ މި ކޮންފަރެންސް ބާއްވާ 29 ވަނަ އަހަރެވެ. އެޕަލްގެ ވެބްސައިޓުގައި ބުނެފައިވާގޮތުން ސެން ޖޯސްގައި ބާއްވާ މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ކުޅަދާނަ ޑިވެލޮޕަރުން ބައިވެރިވާނެއެވެ. ކޮންފަރެންސްގެ މަގުސަދަކީ އެޕަލްގެ ކުރިއަށް ހުރި އުފެއްދުންތަކާ ހިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ޑަބްލިއުޑަބްލިއުޑީސީގައި ބައިވެރިވާ ޑިވެލޮޕަރުންނަށް އެޕަލްގެ އުފެއްދުންތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދޭ ކަމަށާއި އެޕަލްގެ ޕްލެޓްފޯމުތައް މެދުވެރިކޮށް އެމީހުންނަށް އާ އެކްސްޕީރިއެންސް ލިބޭ ކަމަށް އެޕަލް ކުންފުނިން ބުނެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވާ ޑިވެލޮޕަރުންނަށް ސެން ޖޯސްއަށް ދިއުމަށް ޓިކެޓް ދޭނީ އެޕަލް އިންނެވެ. ޓިކެޓަށް އެޕްލައިކުރުން މިމަހުގެ 22 ގައި ހުޅުވާލާނެއެވެ. ޓިކެޓް އިޝޫ ކުރާނީ އޭގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވޭ މީހުންނަށެވެ.

މި ކޮންފަރެންސްގެ ތެރެއިން އެޕަލްގެ އާ ސޮފްޓްވެއާތަކާ ގުޅޭ މައުލޫމާތު ޑިވެލޮޕަރުންނަށް ދޭނެއެވެ. އައިއޯއެސް އަށް އަންނަ އަހަރު ގެންނަން ނިންމާފައިވާ ބަދަލުގެ ޕްރިވިއު އެއްވެސް މި ކޮންފަރެންސްގެ ތެރެއިން ދައްކާލާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް