މިއަދު މަޖިލީހުން ފާސްކުރި ދެ ބިލް ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަން ފައިލް ފޮޓޯ

މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބާތިލުކުރަން އިދިކޮޅު ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އެ ދެ ބިލް ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަށް ހާމަކޮށްފައިވަނީ މިއަދު އިދިކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންނާ ވަހަކަފުޅު ދައްލަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، މިއަދު މަޖިލީހުން ފާސްކުރި ދެ ބިލަކީ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ އިޖުރާތުތަކާއި މުޅިން ޚިލާފަށް ފާސްކޮށްފައިވާ ދެ ބިލް ކަމަށެވެ. އެހެންކަމުން އެ ދެ ބިލް ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީން ގެނައި ބަދަލުތަކާ އެކު މަޖިލީހުން ބިލު ފާސްކޮށްފައި ވަނީ މިއަދު މަޖިލީހަށް ހާޒިރުވި މެމްބަރުންގެ ތެރެއިން 36 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހަށް ހާޒިރުވި މެމްބަރުންގެ އަދަދަކީ 38 ކެވެ. އަދި ބިލް ފާސްކޮށްފައިވާއިރު އިދިކޮޅު މެމްބަރުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ.

އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ އެ ބިލު ހިނގާނީ 13 ޖުލައި 2017 ވަނަ ދުވަހުގެ ފަހުން މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަނުން މަޖިލީހަށް އަންގާފައިވާ ހާލަތްތަކުން ފެށިގެން ކަމަށް ކަނޑަ އެޅުމަށް ފަހު އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅި އިރު ބުނެފައި ވަނީ އެ ބިލަށް އަމަލު ކުރަން ފަށާނީ ގާނޫނަކަށް ބަދަލުވެ ތަސްދީގު ކުރާ ދުވަހުން ފެށިގެން ކަމަށެވެ.

comment ކޮމެންޓް