އެހީ ބޭނުންވާ ނަމަ ފުރަތަމަ އެދޭނީ އިންޑިއާގެ ކިބައިން: ސަރުކާރު

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިވަގުތު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމަކީ ރާއްޖޭގެ އެތެރޭގެ މައްސަލައެއް ކަމަށާއި، އެތެރޭގެ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރިކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ބައިވެރިވެވަޑައިގެން، އިންޑިއާގެ ނޫސްވެރިންނަށް މައުލޫމަތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު ވަނީ ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ، މުހައްމަދު ޝައިނީ ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ މައްސަލަތަކަކީ ދާޚިލީ ކަންކަން ކަމަށާއި، އެއީ އަމިއްލައަށް ހައްލުކުރެވޭނެ ކަންކަން ކަމަށެވެ.

"އަޅުގަނޑުމެން ނުދަން ކަޝްމީރު މައްސަލައިގެ ތެރެއަށް ވަދެ، މެދުވެރިއެއްގެ ރޯލު އަދާކުރާކަށް. އެއީ އެތެރޭގެ މައްސަލަތައް. މިފަދައިން އަޅުގަނޑުމެންގެ ގައުމުގައިވެސް މިއޮތީ އެތެރޭގެ ދާޚިލީ މައްސަލަތަކެއް. ކީއްވެގެންތޯ އަޅުގަނޑުމެންނަށް އަމިއްލައަށް އެމައްސަލަ ހައްލުކުރުމުގެ ފުރުސަތު ނުލިބެންވީ؟" ޝައިނީ ސުވާލު އުފެއްދެވިއެވެ.

ޝައިނީ ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ރާއްޖޭގައި ތިބީ މިނިވަން އަދި ގައުމީ ރޫހުން ފުރިގެންވާ ބައެއް ކަމަށާއި، ރާއްޖެއަށް އިހުތިރާމް ލިބެންޖެހޭނެ ކަމަށެވެ.

އަދި އެއްވެސް މައްސަލައެއް ދިމާވެ، އެހީއެއް ބޭނުންވާ ނަމަ އެންމެ ފުރަތަމަ އެހީއަށް އެދޭނީ އިންޑިއާގެެ ކިބައިން ކަމަށްވެސްް ޝައިނީ ވިދާޅުވިއެވެ.

"އެތެރޭގެ މައްސަލަތައް އަޅުގަނޑުމެން އަމިއްލައަށް ހައްލުކުރަން ދޫކޮށްލާ. އަޅުގަނޑުމެންނަށް އެހީއެއް ބޭނުންވެއްޖެ ހިނދެއްގައި އެންމެ ފުރަތަމަވެސް އެކަމަށް އެދޭނީ އިންޑިއާގެ ކިބައިން،" ފިޝަރީޒް މިނިސްޓްރީ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އެންމެ އުނދަގޫ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ، އެއްބާރުލުންދޭ އެކުވެރިއެއް ކަމަށެވެ.

ރާއްޖޭގައި ހިނގައިދިޔަ ކަންކަމުގެ ތެރޭގައި އިންޑިއާ ސަރުކާރުންވެސް ބަޔާންތަކެއް ނެރުނުކަމަށާއި، ނަމަވެސް އެ ބަޔާންތަކާ ގުޅިގެން ރާއްޖެއިން އިންޑިއާއާ ވާހަކަ ދެއްކި ކަމަށް އާޒިމާ ވިދާޅުވިއެވެ.

"ރާއްޖޭގެ ޑިޕްލޮމެޓުން އިންޑިއާ ސަރުކާރާ ވާހަކަ ދައްކައި، ހިނގައިދިޔަ ކަންކަން ވަރަށް ރަނގަޅަށް ސާފުކޮށްދީފައިވާނެ. އަންޑަސްޓޭންޑިންގް މިހާރު ގާއިމުވެއްޖެ،" އާޒިމާ ވިދާޅުވިއެވެ.

comment ކޮމެންޓް