ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމާ ގުޅޭގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދިވެހި ސަރުކާރާ ދެމެދު ސިއްރު މަޝްވަރާތަކެއް ކުރިޔަށް ގެންދިޔަކަން ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ސަރުކާރުން ކުރީގެ ރައީސް ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކުރި ކަމަށެވެ.
"ފުންނާބު އުސް ތިންވަނަ ފަރާތެއް މެދުވެރިކޮށް އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކަމުން ދިޔައިން. އިސްވެ ވާހަކަ ދައްކަވަމުން ގެންދެވީ ރައީސް ނަޝީދު. ރައީސް ނަޝީދު ވިދާޅުވީ ވާހަކަތައް ދައްކަވަމުން ގެންދެވީ އިދިކޮޅު އެހެނިހެން ފަރާތްތަކުން ރުހުމާ އެކު ކަމަށް،" ޝައިނީ މިއަދު ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވި ގޮތުން، ސަރުކާރުން ބޭނުންވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ރާއްޖެއާއި ބޭރުގެ މީޑިއާއަށްވެސް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށެވެ. އަދި މި މަޝްވަރާތައް ސިއްރުން ކުރިޔަށް ގެންދިޔައީ އިދިކޮޅު ފަރާތްތަކުގެ އެދުމުގެ މަތިންނެވެ.
"މި ދައްކާ ވާހަކަތަކަކީ އެއްވެސް ވަރަކަށް ބޭރުގައި ދެކެވޭ ވާހަކަތަކެއް ގޮތުގައި އޮވެގެން. ސަރުކާރުން ބުނީ މި ވާހަކަތައް ބޭނުމޭ އިންޓަނޭޝަނަލް މީޑިއާއާއި ދިވެހި ރައްޔިތުންނަށްވެސް އެނގޭ ގޮތަށޭ [ކުރިޔަށް ގެންދަން]، ފޮރުވިފައި އެއްވެސް ކަމެއް ބާއްވަން ބޭނުމެއް ނޫނޭ.
"ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން އެއްބަސްވެގެން މިކަން ނިންމާލަންދެން ސިއްރު ހާމަ ނުކުރާނެކަމަށް ވިދާޅުވުމުން އަޅުގަނޑުމެން މި ސިއްރު ހިފެހެއްޓީ،" ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ، ވަކި ބޭފުޅެއްގެ ނަން ހާމަނުކޮށް، އިދިކޮޅާ ސަރުކާރާ މަޝްވަރާތަކެއް ކުރަމުން ގެންދާކަމުގެ މައުލޫމާތު ވިލާތުގެ އިއްތިހާދާއި އދއަށް ސަރުކާރުން ފޯރުކޮށްދީފައިވާނެ ކަމަށެވެ.
އެހެން ނަމަވެސް އެ ސިއްރު މަޝްވަރާތައް ކުރިޔަށްދާކަން މިއަދު ހާމަކުރަން ޖެހުނީ، އިދިކޮޅު ފަރާތްތަކުން އެ އެއްބަސްވުމާ ޚިލާފުވެގެން ކަމަށެވެ.
"15 ފެބްރުއަރީ 2018ގައި ކުއްލިއަކަށް އިދިކޮޅުން ނިއުސް ކޮންފަރަންސެއްގައި އެބޭފުޅުން އަޅުގަނޑުމެންނާ ލިޔުމުން ހުށަހަޅަމުން ދިޔަ ކޮންޑިޝަންތައް ހުށަހަޅާފައި، އެއާ ނުލައި ވާހަކަތައް ނުދެއްކޭނެކަމަށް އިއުލާނުކުރީ. އެހިސާބުން އެ އެގްރީމެންޓް ބްރީޗުވެއްޖެ،" ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ ރައީސް ނަޝީދާއެކު ހިނގި ބައްދަލުވުންތަކުގެ ތެރެއިން ލިޔެކިޔުންތަކެއްވެސް ބަދަލުކުރެވުނު ކަމަށާއި، އެތަކެތިވެސް ހާމަކުރަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް ނަޝީދަކީ ކުށްވެރިއެއް ކަމަށާއި، ކުށްވެރިންނާ އެކު ސަރުކާރުން މަޝްވަރާ ނުކުރާނެކަމަށް މީގެ ކުރިން ބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ޝައިނީ ވިދާޅުވީ، ރައީސް ނަޝީދާ އެކު މަޝްވަރާކުރީ އިޚްލާސްތެރިކަމާއެކު ކަމަށެވެ.
"އެކަން މި ކުރަނީ އިޚްލާސްތެރިކަމާއެކު. އެބޭފުޅުން އެ ވިދާޅުވާ ކަންކަމަށް ސިޔާސީ ގޮތުން ކޮށްދެވެން އޮތް ކަމެއް ވާނަމަ ސަރުކާރުން އަދި ސަރުކާރުގެ ޕާޓީތަކުން އެކަންކަން ކުރުމުގެ ހެޔޮ ނިޔަތާ ރޫހުގައި،"
ޝައިނީ ވިދާޅުވީ، އިދިކޮޅު ފަރާތްތައް ތަމްސީލުކުރައްވަނީ ރައީސް ނަޝީދުކަމަށް ވިދާޅުވެ، އެމަނިކުފާނު އަމިއްލަފުޅަށް މަޝްވަރާތަކާ ދިމާލަށް ވަޑައިގެންވި ނަމަ ސަރުކާރުން އެކަމަށް އިޖާބަ ދިނުމަށް ޖެހިލުމެއް ނުވާނެ ކަމަށެވެ.
ސަރުކާރާއި ގިނަ އަދަދެއްގެ ރައްޔިތުންވެސް "ކުށްވެރިއަކާ އެކު މަޝްވަރާކުރުމަށް" ދެކޮޅު ހެދި ކަމަށާއި، އެހެން ނަމަވެސް ނަޝީދާއެކުވެސް މަޝްވަރާ ކުރެވިދާނެކަމަށް ސަރުކާރުން ފަހުން ބުނެފައިވާނެ ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.
"އެމަނިކުފާނު ވަޑައިގެންފިއްޔާ ޖަލަށް ވަޑައިގެން، އަޅުގަނޑުމެން ޖަލަށް ގޮސްގެންވެސް ވާހަކަ ދައްކާނެކަމަށް އަޅުގަނޑުމެން ކުރިންވެސް ވާނީ އޯޕަންކޮށް ބުނެފައި،" ޝައިނީ ވިދާޅުވިއެވެ.