ސަލާމަތީ ޚިދުމަތުގެ ޔުނީފޯމަކީ ފަޚުރާއި ޝަރަފަކަށް ވުރެ ބޮޑަށް ގައުމީ ޒިންމާއެއް!

19 ޑިސެމްބަރު 2017: ފުލުހުންނާއި ސިފައިން އެއް ޖަމާއަތެއްގައި ފަތިސް ނަމާދު ކުރަނީ -- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް

ސަލާމަތީ ބާރުތަކަކީ ކޮންމެ ގައުމެއްގައި ވެސް އެންމެ ބޮޑު ޒިންމާތައް އުފުލާ މުއައްސަސާ ތަކެވެ. އެފަރާތްތަކުގެ ބޮލުގައި އެޅިފައިވާ ކޮންމެ ޒިންމާއަކީ ގައުމީ ޒިންމާއެކެވެ. ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެ މުއައްސަސާތަކަށް ގޮވާލެވެނީ ސަބަބެއް ނެތިއެެއް ނޫނެވެ. ގައުމަކީ ހަށިގަނޑެއް ނަމަ އެއީ އެ ހަށިގަނޑުގެ ދިފާއީ ބާރެވެ. ދިފާއީ ބާރު ބަލިކަށިވެއްޖެ ނަމަ ބަލިތަކުން ހަށިގަނޑު ރައްކާތެރިއެއް ނުކުރެވޭނެ އެވެ. ގައުމުގެ ދިފާއީ ނިޒާމުގެ މިސާލަކީ ވެސް އެއީ އެވެ.

ސަލާމަތީ ޚިދުމަތުގެ ޔުނީފޯމް ލާ ހިސާބުން ކޮންމެ މީހަކީ ވެސް ޚާއްސަ ކަންތައްތަކެއް އެމީހާގެ މައްޗަށް ލާޒިމްވާ މީހެކެވެ. އެންމެ ފުރަތަމަ ކަމަކަށް އޭނާ ﷲ ސުބުހާނަހޫ ވަތައާލާ ގަންދީ ކުރާ ހުވަ އެވެ. އެ އަށް ފަހު ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށްވާ އިގުރާރެވެ. ކޮންމެ ފުލުހަކު ވެސް އަދި ސިފައިންގެ މީހަކު ވެސް ޔުނީފޯމްގައި އާންމު ފަރުދުންނާ ތަފާތު ބައެއްގެ ގޮތުގައި ދައްކުވައިދެނީ މިހެންވެގެންނެވެ. ގައުމަށްޓަކައި އޮތް ޒިންމާ ބޮޑުވަނީ މިހެންވެގެންނެވެ.

ނަމަވެސް ބައެއް ހާލަތްތަކުގައި ސިފަައިންގެ މީހާ ވެސް އަދި ފުލުސްމީހާ ވެސް ލައިގެން ހުންނަ ޔުނީފޯމަކީ ހަމަ އެކަނި ފަޚްރާއި ޝަރަފަކަށްވެގެންދާތަން އާދެ އެވެ. އެ ޔުނީފޯމާ އެކު އޭނާގެ ބޮލުގައި އެޅިގެންދާ ޒިންމާ ހަދާން ނެތޭތަން އާދެ އެވެ. ސިޔާސީ ބައެއް މީހުންގެ ނުފޫޒުގައި ޖެހިގެން އަމިއްލަ ގައުމު ވިއްކާލަނީ މަދު ފައިސާކޮޅެއް ނުވަތަ ވަގުތީ ހިތްހަމަޖެހުމެއްގެ އުފަލުގަ އެވެ.

ފުލުހުންތަކެއް-ސަލާމަތީ ޚިދުމަތުގެ ޔުނީފޯމަކީ ފަޚުރާއި ޝަރަފަކަށްވުރެ ބޮޑަށް ގައުމީ ޒިންމާއެއް: ސަން ފޮޓޯ/ ފަޔާޒް މޫސާ

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ޖުޑީޝަރީގެ އެހީގައި ހިނގި ބޮޑު "ބަޣާވާތުގެ"އެކިއެކި ކުރިތައް ފަޅަމުން އަންނަ އިރު، ފެންނަން އޮތީ މިފަދަ ކަންތައްތަކެކެވެ. މި ބަޣާވާތުގެ ކޮޅުތައް މުހިއްމު އެތައް މުއައްސަސާއަކުން ފެނުނެވެ. އެންމެ ފާހަގަކޮށްލަން ޖެހެނީ ސަލާމަތީ ބާރުތަކުގެ ތެރެއިން ފެނުނު ބައެއް ކަންކަމެވެ.

ފުލުހުންގެ ތެރޭގައި އޭރު އެންމެ އިސްކޮށް ހުންނެވި، ކުރީގެ ކަމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން އެ އަމުރު ތަންފީޒު ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވެ އެވެ. އަމުރު ތަންފީޒު ކުރުމަށް ޚާއްސަ ޓީމްތަކެއް އެކުލަވާލެވުނު އިރު އެ ޓީމްތަކުގައި ހިމެނުނު ގިނަ މީހުން މިވަގުތު ތިބީ ހައްޔަރުގަ އެވެ. އަދި އެޓީމްތަކުގައި އަތޮޅު ތެރޭގައި މަސައްކަތް ކުރާ ޖޫނިއާ ރޭންކްތަކުގެ ފުލުހުން ހިމެނޭ ކަމަށް މައުލޫމާތު އެނގޭ ބައެއް ފުލުހުން ވަނީ ކިޔައިދީފަ އެވެ.

ސިޔާސީ ބައެއް މީހުންގެ ނުފޫޒުގައި ޖެހިގެން ބައެއް ފުލުހުންނާއި ސިފައިން ގޯސް ހަދާފައިވާކަން އެއީ އެނގެން އޮތް ހަގީގަތެކެވެ. އެކެއް ފެބްރުއަރީގެ އަމުރާ އެކު ފާލުން ނެއްޓުނު ކަންކަން ހަމަމަގަށް އެޅުވުމަށް ނެރުނު ކުއްލި ހާލަތާ އެކު ބައެއް ފުލުހުންނާއި ސިފައިން ހައްޔަރުކޮށްފައިވާ އިރު އެމީހުންގެ މައްޗަށް ކުރަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ. މަކަރުވެރިކަމާއި އޮޅުވާލުމެއްގެ ތެރެއިން އެ ފުލުހުން މި ކަމުގެ ތެރެއަށް ބައްސާފައިވާ އިރު ސުވާލަކީ ފުލުހުންގެ އިދާރާއަށް ނުވަތަ ދިފާއީ ބާރަށް ގެއްލިގެން ދިޔައީ ކިހާ މުހިންމު "ރައުސުލްމާލު"ތަކެއްތޯ އެވެ.

ނޮވެމްބަރު 23، 2017: ސިފައިން ކުރިއަށް ގެންދިޔަ ތަމްރީނެއްގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޕޮލިސް ސާވިސްގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ ރިޓަޔަޑް ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ސޯދިގު ވިދާޅު ވަނީ ފުލުހުންގެ ވަޒީފާއިން ގެއްލިގެންދާ ކޮންމެ ކުއްޖަކީ ވެސް މުހިންމު "އެސެޓެއް" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކަށް ރެކްރޫޓް ކުރާ ކޮންމެ ފުލުހަކީ ވެސް އަދި ސިފައިންގެ މީހަކީ ވެސް މުހިންމު ކަންތައްތަކެއް އެމީހުންގެ މައްޗަށް ވާޖިބުވެގެންވާ ތަފާތު އަޚްލާގެއް ދައްކަން ޖެހޭ ބައެއެކެވެ.

"ސަލާމަތީ ޚިދުމަތާ ގުޅޭ ކޮންމެ ކުއްޖަކަށް ވެސް ލާޒިމްވާ ކަންކަން ހުރޭ. ކޮންމެ ކުއްޖަކު ވެސް އެންމެ ފުރަތަމަ ބޯލަނބަންޖެހެނީ އެމީހަކު އެ ކުރާ ހުވާއަށް. ކޮންމެ ހާލެއްގައި ވެސް ހުވާ މަތީގައި ދެމި ހުންނަންވާނެ،" ސޯދިގު ވިދާޅުވި އެވެ.

ސިފައިން ތަކެއް ހަތިޔާރާއި އެކު ހަރަކާތްތެރިވަނީ--ސަން ފައިލް ފޮޓޯ

ސަލާމަތީ ޚިދުމަތްތަކުގައި މަސައްކަތް ކުރާ ކޮންމެ އޮފިސަރަކީ ވެސް ދައުލަތުގެ މާލިއްޔަތުން އެތައް ޚަރަދެއްކޮށްގެން އެކި ކަންކަމަށް ގާބިލް ބަޔަކަށް ހެދުމަށް ތަމްރީންތައް ފުރިހަމަ ކުރާބަޔަކަށްވާއިރު، އެ މީހާގެ އެންމެ އިސް ވާޖިބަކަށް ވެސް ވާންވާނީ ގައުމު ހިމާޔަތް ކުރުމެވެ. ފުލުހުންނާއި ސިފައިންގެ ގާނޫނުގައި ވެސް އޮތީ މިހެންނެވެ.

"އެ ކުދިންނަށް ދެވޭ ކޮންމެ ތަމްރީނަކީ އެތައް ބައިވަރު ޚަރަދެއް ދާކަމެއް. އެ ހުރިހާ ތަމްރީނާއި ތައުލީމް ދިނުމަށް ފަހު އެ މީހާއަކީ ގައުމަށް ޣައްދާރުވާ މީހެއް ނަމަ އެއީ ބަލައިގެނެވޭނެ ކަމެއް ނޫން،" ފުލުހުންގެ އިދާރާއަށް މިހާރު އައިސްފައިވާ ޒަމާނީ ބަދަލުތައް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާފައިވާ ސޯދިގު ވިދާޅުވި އެވެ.

އެސްއޯ ފުލުހުން ތަކެއް --- ސަން ފައިލް ފޮޓޯ

ވަޒީފާ ގެއްލުނު ފުލުހުންނާއި ސިފައިންނަށް ވަޒީފާ ދޭނެ ކަމަށް އިދިކޮޅު ސިޔާސީ ޕޯޑިއަމްތަކުގައި ހަރު އަޑުން ގޮވާއިރު ސުވާލަކީ އެއީ އެންމެ ރަނގަޅު ގޮތްތޯ އެވެ. ކުއްޔަށް އުޅޭ ފުލުހުންނާއި ސިފައިން ނެރެ މަގުމައްޗަށް އުކާލަން އިހަކަށް ދުވަހު ބުނި ބަޔަކު މާދަމާ އެމީހުންނަށް ހެޔޮ އެދޭނެތޯ އެއީ ސުވާލެކެވެ. އަދި ފުލުހުންނާއި ސިފައިންނާ ދިމާލަށް "ބާޣީން"ގެ ލަގަބުން މުޚާތަބު ކުރި ބަޔަކު އަލުން އަނބުރާ ސަލާމަތީ ޚިދުމަތުގައި އުޅޭ އޮފިސަރުންނަށް އިހުސާންތެރިވާނެތޯ އެއީ ސުވާލެކެވެ.

"ޔުނީފޯމް އެޅުމަށް ފަހު އެއްވެސް ސިޔާސީ ނުފޫޒެއް އޮވެގެން ނުވާނެ. ސަލާމަތީ ޚިދުމަތުގެ ހުވާ ކުރާ ހިސާބުން މަގާމުގައި ހުއްޓަސް އަދި ރިޓަޔާ ކުރިއަސް އެމީހާ ކުރި ހުވާ އެގޮތުގައި އޮންނާނެ. ޔުނީފޯމް އެޅީތީ އެމީހާއަށް ލިބުނު މައުލޫމާތަކީ ގައުމީ އަމާނާތެއް. އެ އަމާނާތް މަރުދުވަހާ ހަމައަށް ވެސް ރައްކާކުރަންވާނެ،" ސޯދިގު ވިދާޅުވި އެވެ.

ހައްޔަރުގައި ތިބި، ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ މީހުންގެ އަދަދު އަދި ސާފު ނުވިނަމަވެސް އެނގޭ ކަމަކީ އެއިން ކޮންމެ މީހެއްގެ ފަހަތުގައި ވެސް އާއިލާއެއް އޮންނާނެ ކަމެވެ. އަދި އެމީހުންގެ ދަރިން ވެސް ބައްޕައިންނަށް ބޭނުންވާނެ ކަމެވެ. މައިންނާއި ބަފައިން މުސްކުޅިވި ދުވަހު ނުވެސް އެނގި ކުރެވުނު ކުށެއްގެ ޒިންމާގައި ޖަލުގައި އޮންނަން ޖެހުމަކީ "ފުދިގެން ތިބި ސިޔާސީ ލީޑަރުންނަށް" އަންދާޒާ ކޮށްލެވޭނެ ކަމެއްތޯ އެވެ.

ޓެރަރިޒަމްގެ ހަމަލާއާއި ދެކޮޅަށް ފުލުހުން ކުރިއަށްގެންދިޔަ ތަމްރީނުގެ ތެރެއިން- ސަލާމަތީ ހިދުމަތްތަކުގެ ބަޖެޓުގެ ބޮޑު ބައި ހޭދަވަނީ ތަމްރީނުތަކަށް-- ފޮޓޯ: ޕޮލިސް

އެކެއް ފެބްރުއަރީގެ އަމުރާ އެކު ކަންކަން ރޭވި ބަޔަކާއި އެ ރޭވުމުގައި ޖެހި މަގު ކައްސާލި ބަޔަކު ވެސް ތިބޭނެ އެވެ. މިއަދު ވެސް އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވާހަކައެކެވެ. ވެރިކަން ބަދަލު ކުރާ ވާހަކަ އެވެ. އަދި އެކަމަށް އެހީތެރިވާނީ ފުލުހުންނާއި ސިފައިން ކަން އެމީހުން ދައްކަނީ ނިކަން ހަރު އަޑުންނެވެ. ނަމަވެސް ސުވާލަކީ ފުލުހުންނާއި ސިފައިން އެފަދަ ފުރުސަތެއް ދީފާނެތޯ އެވެ. ބައެއްގެ ރޭވުމުގައި އަލުން ޖެހިދާނެތޯ އެއީ ސުވާލެކެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އެއްވެސް ފުލުހަކު ވެސް އަދި ސިފައިންގެ މީހަކު ވެސް ސިޔާސީ އެއްވެސް ރޭވުމެއްގައި ނުޖެހޭށޭ. ދަންތުރައެއްގައި ޖެހިއްޖެ ނަމަ ސަލާމާތްވާން ދަތިވާނެ. ކަށި ހެރިއްޖެއްޔާ ނައްޓަން ދަތިވާނެ. ޔުނީފޯމަކީ ހަމައެކަނި ފަޚުރެއް އަދި ޝަރަފެއް ނޫން. އެއީ ގައުމީ ޒިންމާއެއް އަމާނާތެއް،" ފުލުހުންގެ ތެރޭގައި މިހާރު އިސްކޮށް މަސައްކަތް ކުރާ ގިނަ އޮފިސަރުންގެ މުދައްރިސެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ސޯދިގު ވިދާޅުވި އެވެ.

ސޯދިގު ވިދާޅުވި ގޮތުގައި ފުލުހުންނާއި ސިފައިންގެ ލަޝްކަރުތަކަކީ ވަރަށް ބަދަހި ލަޝްކަރުތަކެކެވެ. ފުލުހުންނާއި ސިފައިންނަށް ސިޔާސީ މީހުން ބޭނުންހާ ގޮތެއް ނެހެދޭނެކަން އެ ލަޝްކަރުތަކުން މީގެ ކުރިން ވެސް ވަނީ ޔަގީންކަން ދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާއެއްގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަނީ--

"ފަހުވަގުތާ ޖެހެންދެންވެސް ގައުމުގެ ހައްގުގައި ސަލާމަތީ ޚިދުމަތްތައް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް،" ސޯދިގު ވިދާޅުވި އެވެ.

އެންމެ މުހިންމު އެއްޗަކީ އަޚުލާގު ކަމަށާއި ސަލާމަތީ ޚިދުމަތްތަކުން އަބަދުވެސް ރިވެތި އަޚްލާގު ދެއްކެވުމަށް ސޯދިގު އެދިވަޑައިގަތެވެ.

"އަޚްލާގަކީ ވަރަށް މުހިންމު އެއްޗެއް. އަޅުގަނޑު ކިޔަވައިދިން ކުއްޖަކު ފަހުން އައީ އަޅުގަނޑުގެ މައްޗަށް ކޮމިޝަނަރު ކަމަށް. ނަމަވެސް ދުވަހަކު ވެސް މައްސަލައެއް ނުޖެހޭ. އަބަދު ވެސް މަޝްވަރާ ކުރެވޭ. އެފަދަ އަޚްލާގު ދައްކަން ޖެހޭ،" ސޯދިގު ވިދާޅުވި އެވެ.

މިއަދު ކޮންމެ މީހަކުވެސް އުފައްދާ ސުވާލަކީ "ފުލުހުންނާއި ސިފައިން "ތިބީ ކިހިނެއްތޯ އެވެ. އެއްބަޔަކު ބުނަނީ ފުލުހުންނާއި ސިފައިންތިބީ މި ވެރިކަން ވައްޓާލަން ތައްޔާރަށް ކަމަށެވެ. ހަމަ އޭގެ ތެރެއިން ބަޔަކު ބުނާ ގޮތުން މި ވެރިކަން ދެމި އޮތީ ފުލުހުންނާއި ސިފައިންގެ ސަބަބުންނެވެ.

ބަދަހިކަމާއި އިއްޒަތާއި ކަރާމާތްތެރިކަމާ އެކު ހިނގަމުން އައި ދެ މުއައްސަސާ ފަޟީހަތްކޮށްލައި އަނިޔާވެރި ބައެއްގެ ގޮތުގައި އެ ލަޝްކަރުތައް ސިފަކުރީ ކޮންބައެއްތޯ ވިސްނަންޖެހެ އެވެ. ހަގީގަތުގައި ވެސް ޔުނީފޯމަކީ ހަމައެކަނި ފަޚްރަކާއި ޝަރަފެއް ގޮތަށް ބެލުމަކުން އަދި ނުފުދެ އެވެ. ޔުނީފޯމް ލާ ހިސާބުން އުފުލަން ޖެހެނީ ގައުމީ ޒިންމާއެކެވެ. އަމާނާތްތެރިވާންޖެހެނީ ދިވެހި ގައުމަށެވެ. ޝަހީދު ކޯޕްރަލް ހުސައިން އާދަމާއި ޝަހީދު ލާންސް ކޯޕްރަލް އާދަމް ހަލީމް ފަދަ ފަޚުރުވެރި ބޭކަލުން ދައްކައިދިނީ އެ މިސާލެވެ.

comment ކޮމެންޓް