ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ނިންމައިފި

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ މިނިސްޓަރު މުއިއްޒު / ޓްވިޓާ

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގައި އަޅާ ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ނިންމާލައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަން މަސައްކަތް ނިމި، ތިރީ ބުރީގެ ތަނބުތަކުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ. އެ މިސްކިތަކީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތަށްވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެ މިސްކިތް އަޅަނީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މަޝްރޫގެ އަގަކީ 24.95 މިލިއަން ޑޮލަރެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ މިނިސްޓަރު މުއިއްޒު / ޓްވިޓާ

ކިންގް ސަލްމާން މިސްކިތް އަޅަނީ އާޓިފިޝަލް ބީޗްގެ އުތުރަށް އޮތް ބިމުގަ އެވެ. ސަލްމާން ރަސްގެފާނުގެ ހަދިޔާއެއްގެ ގޮތުގައި، 41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ މިސްކިތުގައި ހަ ފަންގިފިލާ ހިމެނެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކޮށްފައިވެ އެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ މިނިސްޓަރު މުއިއްޒު / ޓްވިޓާ

މިސްކިތުގައި އޮޑިޓޯރިއަމަކާއި މަލްޓި ޕާޕަސް ހޯލެއް ވެސް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުންޏެވެ. މިސްކިތުގައި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ވެސް އެތަނުގައި ހެދުމަށް ވަނީ ނިންމައިފަ އެވެ.

އެ މިސްކިތުގައި މާބުލް ޖަހާފައިވާ ސަރަހައްދާ އެކު ޖުމްލަ 10000 މީހުންނަށް އެއްފަހަރާ ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭނެ އެވެ.

comment ކޮމެންޓް