މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމް ކޮށްލައިފި

މާރާމާރީއެއް ހިނގާފައިވާ ސަރަހައްދެއް ފުލުހުން ބަންދުކޮށްފައި: ސަން ފައިލް ފޮޓޯ

މާލޭގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

މަންޒަރުދުށް މީހަކު "ސަން" އަށް ކިޔައިދިންގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ މާފަންނު 'ވޯންޓެޑް' ސަރަހައްދުގައެވެ.

ގްރޫޕްޕަކުން ހިންގި އެ މާރާމާރީގައި ޒަޚަމްވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ފެނުނު ކަމަށް ވެސް އެ މީހާ ބުންޏެވެ.

ފުލުހުން ވެސް ވަނީ މިރޭ މާލޭގައި މާރާމާރީއެއް ހިންގާފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގައި މިރޭ 10:15 ހާއިރު ހިންގި މާރާމާރީއެއްގައި ޒަޚަމްވި 19 އަހަރުގެ ޒުވާނަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ނަމަވެސް ޒަހަމްވި ޒުވާނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަން އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހްމަދު މައުސޫމް ވިދާޅުވީ މިރޭގެ މާރާމާރީގައި ޒަހްމްވެގެން ގެނައި ޒުވާނާގެ ހާލު ސީރިއެސް ނޫން ކަމަށެވެ. ޒުވާނާގެ ކަނާއަތު ކޮނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު ޒަހަމްކޮށްލާފައިވާ ތަން ފުން ނޫން ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

ޒުވާނާއަށް އަދިވެސް އަންނަނީ އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުންނެވެ.

comment ކޮމެންޓް