ފަރުކޮޅުފުށި ޕިކްނިކް އޭރިއާގެ ބައެއް މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ ކުރީގެ ރިސޯޓް، ފަރުކޮޅުފުށީގައި ޕިކްނިކް އޭރިއާ ތަރައްގީ ކުރަނީ -- ފޮޓޯ/އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ފަރުކޮޅުފުށީގައި ތަރައްގީކުރާ ޕިކްނިކް އޭރިއާގެ ބައެއް މަސައްކަތްތައް ކުރާނެ ބަޔަކު ހޯދުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

މިމަހުގެ އަށްވަނަ ދުވަހު އެޗްޑީސީން ގެޒެޓްކުރި އިއުލާނުގައި ބުނެފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ ކުރީގެ ރިސޯޓް، ފަރުކޮޅުފުށީގައި ތަރައްގީކުރަން ހަމަޖެހިފައިވާ ގާތްގަނޑަކަށް 5،000 އަކަ މީޓަރުގެ ޕިކްނިކް އޭރިއާ ތަރައްގީކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެޗްޑީސީއަށް ބިޑު ހުށަހެޅުމަށެވެ.

އަދި ބިޑު ހުށަހަޅާ ފަރާތްތަކުން ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 50،000 ދިވެހި ރުފިޔާ ހުށަހެޅުމަށްވެސް އެޗްޑީސީން އެދިލައްވައެވެ.

އެޗްޑީސީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ޕިކްނިކް އޭރިއާ ތަރައްގީކުރުމުގެ މަސައްކަތް ބަޔަކު މިހާރުވެސް ދަނީ ކުރަމުން ކަމަށާއި، މި އިއުލާނަކީ ޕިކްނިކް އޭރިއާ ތަރައްގީކުރުމާ ގުޅިގެން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރާނެ ބަޔަކު ހޯދުމަށް ކުރި އިއުލާނެއް ކަމަށެވެ.

އެޗްޑީސީން ހަރަދުކޮށްގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޕިކްނިކް އޭރިއާގައި، ދެ ހަޓް، ފާހާނާ، ބާބެކިއު ސްޕޮޓްގެ އިތުރުން ގާޑްން އޭރިއާވެސް ހިމެނެއެވެ.

ޕިކްނިކް އޭރިއާ ތަރައްގީކުރުމާއި ބެހޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބަސައިޓްގައި ޝާއިއު ކޮށްފައި ވާނެކަމަށް އެޗްޑީސީން ބުނެއެވެ.

comment ކޮމެންޓް