ވިންޓާ ޕާކް ރޯދައިގެ ކުރިން ހުޅުވޭނެ: މުއިއްޒު

އޯގަސްޓް 21، 2017: ސަލްޓަން ޕާކު ތަރައްގީ ކުރުމަށް ފަހު "ރަސް ރަނި"ގެ ނަމުގައި އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަލްޓަން ޕާކުގައި ތަރައްގީ ކުރާ "ވިންޓާ ޕާކް" މި އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ހުޅުވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ޕާކުގެ މަސައްކަތް ނުނިމި ލަސްވަމުން ދަނީ އެތަނުގައި ހަދާ އިމާރާތަކީ ވަރަށް ފުރިހަމަކޮށް އެއްވެސް މައްސަލައެއް ދިމާ ނުވާނެ ގޮތަކަށް ފިނިހޫނު މިން ދެމެހެއްޓޭނެ ތަނަކަށް ހަދަން ގިނަ ވަގުތު ނަގާތީ ކަމަށެވެ.

"މިތަން ލަސްވުމުގެ މައިގަނޑު ސަބަބަކީ އެއީ ވަރަށް ތަފާތު ގޮތަކަށް ތަރައްގީ ކުރެވޭ ހުރިހާ ގޮތަކުން ބެލިޔަސް ތަފާތު ތަނެއް. އެ އިމާރާތުގެ ތެރޭގައި ހުންނާނީ ވިންޓާ ތަޖުރިބާ ކުރެވޭ ގޮތަށް ސްނޯ އުފައްދާ މެޝިނަކާ އެކު. އަދި އައިސް ސްކޭޓިން ވެސް ކުރެވޭނެ. މިގޮތަށް މާލޭގައި މި ފިނިހޫނު މިނުގައި އެތަން ސަސްޓެއިން ކުރެވޭނެ ގޮތްތައް ބެލުމަށް އެބަޖެހޭ ވަރަށް ގިނަ ޓެސްޓުތަކެއް ހަދަން." މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފްރާންސާއި ސުވިޒަލޭންޑުގެ ކުންފުންޏެއްގެ ފެކްޓަރީއެއްގައި އެތަނަށް ބޭނުންވާ ސަމާނުތައް ތައްޔާރުކޮށް މިހާރު ރާއްޖެއަށް ސްނޯ މެޝިނާއި އިމާރާތް ކުރުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް މިހާރު ގެނެވިފައިވާ ކަމަށެވެ.

އެތަން ރޭވުމަށް ޓަކައި ފުރަތަމަ އަޅަން ޖެހޭ ފައުންޑޭޝަންނާއި ކުރަން ޖެހޭ ކޮންކްރީޓު ހުރިހާ މަސައްކަތެއް ވެސް މިހާރު ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ކޮންކްރީޓް ބިންގާގެ މައްޗައް އެތަން ރޭވުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށާއި އެއަށް ފަހު 45 ދުވަހުގެ ތެރޭގައި މުޅި އިމާރާތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް