އޭޝިއާގެ ބޭންކިންގ ދާއިރާގެ އިސް ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށްފި

އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ އަހަރީ ކޮންފަރެންސާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ އިސް ވަފުދެއް ރާއްޖެއަށް ކުރި ޒިޔާރަތުގެ ތެރޭން-- ފޮޓޯ: ބީއެމްއެލް

މި އަހަރުގެ ނޮވެމްބަރުމަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ އަހަރީ ކޮންފަރެންސާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ އިސް ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

އޭބީއޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ އެ ޖަމިއްޔާގެ ޗެއަރމަން މރ. ޑެނިއަލް ވޫ އެވެ. މި ޒިޔާރަތުގައި ކޮންފަރެންސް ބޭއްވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ގިނަ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ. އަދި މީގެ އިތުރުން އޭބީއޭގެ ވަފުދުން، ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރާއި އެމްއެމްއޭގެ ގަވަނަރު އަޙްމަދު ނަސީރުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރިއެވެ.

ނޮވެމްބަރުމަހުގެ 15 އިން 16 އަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސްގެ ތީމް އަކީ " ބޭންކިންގ އިން އޭޝިއާ: ދި ނެކްސްޓް ފްރޮންޓިއަރ" އެވެ.

އޭބީއޭގެ ވަފުދުގެ މި ޒިޔާރާތް އިންތިޒާމްކުރި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ، އޭޝިއާގެ 25 ގައުމެއްގެ މެންބަރު 80 މާލީ އިދާރާއަކުން 200 އަށްވުރެ ގިނަ ބައިވެރިން، އަންނަ ނޮވެމްބަރުމަހު އޮންނަ ކޮންފަރެންސްގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ބައިވެރީން އޭބީއޭގެ އަހަރީ ކޮންފަރެންސާ އެކުއެކީ ބޭއްވުމަށް ހަމަޖެހިފައިވާ އޭބީއޭގެ އަހަރީ އާންމު ޖަލްސާގައިވެސް ބައިވެރިވާނޭ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މާލީ ދާއިރާގެ މަޝްހޫރު ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ވާހަކަދެއްކުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް އިންތިޒާމްކުރަނީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ. އޭބީއޭގެ ބޯޑުގައި ބޭންކް އޮފް މޯލްޑިވްސް ތަމްސީލްކުރައްވަނީ އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ ޝަރަފްވެރި އާންމު ބައްދަލުވުމާއި ކޮންފަރެންސް ބާއްވާ ގައުމަކަށް ދިވެހިރާއްޖެ ހަމަޖެހިގެންދިޔުމަކީ، ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގެ ބޭންކިންގ ދާއިރާގެ އިތުރުން ޖުމްލަކޮށް ދިވެހިރާއްޖެއިން ލިބެންހުރި ފުރުސަތުތައް ދައްކުވައިދިނުމަށް ލިބިގެންދާ ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާނޭކަމަށް އޭނާ ވިދާޅުވިއެވެ.

" ޑެނިއަލް އަދި އޭބީއޭގެ ވަފުދާއެކު ވަރަށް މުހިންމު އަދި ބޭނުންތެރި ބައްދަލުވުންތަކެއް އަޅުގަނޑުމެން މިއަދު ވަނީ ބާއްވާފައި. މި ކޮންފަރެންސް އަމާޒުކޮށްފައިވަނީ އޭޝިއާގެ ބޭންކިންގ ކުރިމަގުގެ ތަސައްވުރަށް،" އެންޑްރޫ ވިދާޅުވިއެވެ.

އޭބީއޭގެ ވަފުދުގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ޑެނިއަލް ވޫ ވިދާޅުވީ، މި ދަތުރުގެ އިންތިޒާމްތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާ ކަމަށެވެ.

"ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި ބައިވެރިވުމަށް އަޅުގަނޑުމެން އެނބުރި ދިވެހިރާއްޖެއަށް އައުމަށް އިންތިޒާރުކުރަން. އަޅުގަނޑުގެ އުއްމީދަކީ މިއީ ވަރަށް ކާމިޔާބު އަދި މަގްބޫލް ކޮންފަރެންސަކަށްވެގެން ދިޔުން،" ޑެނިއަލް ވޫ ވިދާޅުވިއެވެ.

comment ކޮމެންޓް