ރާއްޖޭގެ އިގްތިސާދުގެ ހުރިހާ ދާއިރާއަކަށް އަމާޒުކޮށް މަޖައްލާއެއް ނެރެފި

ރާއްޖޭގެ އިގްތިސާދުގެ ހުރިހާ ދާއިރާއަކަށް ހާއްސަކޮށްގެން "މޯލްޑިވްސް ބިޒްނަސް ރިވިއު"ގެ ނަމުގައި މަޖައްލާއެއް ނެރެފި އެވެ.

ބްލޭޒަން އިންކް އިން އިސްނަގައިގެން ނެރޭ މި މަޖައްލާ ތައާރަފްކޮށް ދެއްވީ ގަވަރުނަރު އަހުމަދު ނަސީރެވެ. ގަވަރުނަރު ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ވިޔަފާރިއަށް ހާއްސަކުރެވިފައިވާ މިފަދަ މަންސާއެއްގެ މުހިއްމުކަން ފާހަގަކުރައްވައިފަ އެވެ.

ގަވަރުނަރު ވިދާޅުވީ އެމްބީއާރަކީ ރާއްޖޭގައި އިގްތިސާދާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރެވޭނެ މަޖައްލާއެއް ކަމަށެވެ.

އެމްބީއާރްގެ މަގްސަދަކީ ރާއްޖޭގެ އިގްތިސާދާ ގުޅުން ހުރި ހުރިހާ ދާއިރާއެއްގެ މައުލޫމާތާއި ތަފާސް ހިސާބު އިގްތިސާދާއި ގުޅުން ހުރި ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށް ބްލެޒަން އިންކް އިން ބުނެ އެވެ. އާ ވިސްނުމަކާ އެކު ރާއްޖޭގެ އިގްތިސާދީ ހާލަތު ގެނެސްދީ ތަފްސީލީ ދިރާސާއެއް ގެނެސްދިނުމަކީ ވެސް މި މަޖައްލާގެ މަގުސަދެއް ކަމަށް އެ ފަރާތުން ބުނެ އެވެ.

ގަވައިދުން އަޕްޑޭޓު ކުރެވޭ ވެބްސައިޓަކާ އެކު ޗާޕުކޮށްގެން އަހަރަކު ދެފަހަރު ނެރޭ މަޖައްލާއެއް އަދި މޯބައިލް އެޕްލިކޭޝަނެއްގެ ޒަރިއްޔާ އިން އެމްބީއާރް ތަޖުރިބާކޮށްލަން ލިބޭނެ ކަމަށް އެ މައްޖާލާ ނެރޭ ފަރާތުން ބުންޏެވެ. އަދި މަޖައްލާ އާއި މޯބައިލް އެޕްލިކޭޝަން މި އަހަރުގެ މެދުތެރޭ ތައާރަފް ކުރާނެ ކަމަށް ވެސް ބުންޏެވެ.

ބްލޭޒަން އިންކް އަކީ މާކެޓިން، ޕަބްލިކް ރިލޭޝަންސް އަދި ވިޔަފާރި ހިންގުމަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

comment ކޮމެންޓް