އުތުރު ކޮރެއާގެ ލީޑަރުގެ ބޭބެ އަވަހާރަކޮށްލީ އެގައުމުގެ ސަރުކާރުގެ އަމުރަށް: އެމެރިކާ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް -- ފޮޓޯ: އޭޕީ

ވޮޝިންޓަން (މާޗް 7): ނުރައްކާތެރި ކެމިކަލެއް ބޭނުންކޮށްގެން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް އަވަހާރަކޮށްލީ އުތުރު ކޮރެއާގެ ސަރުކާރުގެ އަމުރަށް ކަމަށް އެމެރިކާއިން ބުނެފި އެވެ.

މިދިޔަ އަހަރު ފެބްރުއަރީ މަހު ކިމް ޖޮންގް ނަމް އަވަހާރަކޮށްފައި ވަނީ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ވީއެކްސް ނާވް އޭޖެންޓް އޭނާގެ މޫނުގައި ހާކައިގެންނެވެ. އެމައްސަލާގައި މެލޭޝިއާ އިން ވަނީ އިންޑޮނޭޝިއާގެ އަންހެނަކާއި ވިއެޓްނާމުގެ އަންހެނެއްގެ މައްޗަށް މަރުގެ ދައުވާ އުފުލައިފަ އެވެ.

ނަމަވެސް އެ ދެ އަންހެނުން ވަނީ އެ ދައުވާތައް ދޮގުކޮށް، އެއީ ޓީވީ ޝޯއެއް ހިންގާ ބަޔަކު ބުނެގެން ކުރި ކަމެއް ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ އެހޯދުމާ ގުޅިގެން އުތުރު ކޮރެއާއާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފަ އެވެ.

ކިމް ޖޮންގް ނަމް އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ އުތުރު ކޮރެއާ ކަމަށް އެމެރިކާ އިން ވަނީ މީގެ ކުރިން ވެސް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އުތުރު ކޮރެއާއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

އެމެރިކާ އިން އެފަދައިން ބުނެފައި ވަނީ ދެކުނު ކޮރެއާގެ ވަފުދެއް އުތުރު ކޮރެއާއަށް ގޮސް، އެގައުމުގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލު ކުރި ފަހުންނެވެ. އެބައްދަލުވުމަށް ފަހު ދެކުނުގެ ވަފުދުން ވަނީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ކިމް އަވަހާރަކޮށްލުމަށް މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން 2012 ވަނަ އަހަރު ދެކުނު ކޮރެއާއިން ހައްޔަރު ކުރި އުތުރު ކޮރެއާގެ ޖާސޫސީ އޭޖެންޓަކު ވަނީ ކިމް ޖޮންގް ނަމް އަވަހާރަކޮށްލަން ރޭވި ކަމަށް އެއްބަސްވެފައި ކަމަށް އެރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)

comment ކޮމެންޓް