ގައުމިއްޔަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން އެންމެން މަސައްކަތްކުރަން ޖެހޭ: ޖިހާދު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު ވާހަކަފުޅު ދައްކަވަނީ--

ގައުމިއްޔަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން އެންމެން މަސައްކަތް ކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ، ގްލޯބަލައިޒޭޝަން އާއެކު އެންމެންގެ ހިތްތަކުގަޔާއި ސިކުނޑީގައި ގައުމިއްޔަތަށް ލޯބި ޖައްސުވައި ގައުމިއްޔަތަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ގައުމިއްޔަތު އުފެދިގެން އަންނަނީ އެއް ނަސްލަކަށް ނިސްބަތްވާ އެއްބައިވަންތަކާމައެކު، އެކުއެކީގައި ރައްޔިތުންގެ ތެރޭގައި އުޅުމުގެ ޝައުގުވެރިކަން އުފެދޭ ހިސާބުން ކަމަށެވެ. އަދި ގައުމިއްޔަތަކީ ގައުމުގެ ބިންގާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ގައުމިއްޔަތަކީ ގައުމުގެ ބިންގާ ނުވަތަ ގައުމު ދިރިހުރުމުގެ ވިންދުކަމަށްވާއިރު، ގައުމިއްޔަތު ފަނޑުވެ ރެނދުލާން ފެށުމަކީ ގައުމު ބަލިކަށިވެ ރޫޅިގެން ދިޔުން. ގައުމިއްޔަތު ނިކަމެތިވާނަމަ ގައުމީ ލޯބި ކެނޑި ރައްޔިތުން ބައިބައިވުމާއި ދެކޮޅުވެރިކަމާއި ފިތުނަ އުފެދިގެންދާނެ،" ޖިހާދު ވިދާޅުވިއެވެ.

ގައުމިއްޔަތަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ގޮތުގައި ރައީސްގެ ނައިބު ޖިހާދު ފާހަގަކުރައްވާފައިވަނީ، ދީނީ އަދި ސިޔާސީ ހިޔާލު ތަފާތުވުން، މާއްދިއްޔަތަށް ހެއްލުން، ގައުމުގެ މަސްލަހަތައްވުރެ އަމިއްލަ މަސްލަހަތު އިސްކުރުން އަދި ހަލަބޮލި ދިރިއުޅުމުގެތެރެއިން އިޖްތިމާއީ ފޭރާން ބަލިކަށިވުމެވެ. އެ ގޮންޖެހުން ތަކުން އަރައިގަތުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ފާހަގަކުރަން ފެށި ދުވަހެވެ. އެދުވަސް ފާހަގަ ކުރަން ސަރުކާރުން ހަމަޖެއްސީ މީގެ އެއް އަހަރު ކުރިން ތަރިކަ މަޝްރޫޢު އިފްތިތާޙުކުރި ދުވަހާ ގުޅިގެންނެވެ.

comment ކޮމެންޓް