ކުރީގެ ސީޕީ އަރީފް ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ކުރީގެ ސީޕީ އަހުމަދު އަރީފް ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވަނީ --- ވީނިއުސް ފޮޓޯ/ ޔޫސުފްް ސޮފްވާން ރަޝީދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވީ އަރީފް ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން އުޅުއްވުމުން ކަމަށެވެ.

"އަރީފް އެ ހުކުމް ތަންފީޒު ކުރެއްވުމަށްޓަކައި އޭރުގެ ޑީސީޕީގެ ލަފާގެ މަތިން ގާނޫނީ ބޭފުޅުންގެ ލަފާގެ މަތިން އަރީފް ނޫސް މީޑިއާތަކަށް ހާމަކުރެއްވިކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފަ މިއޮތީ. އެއަށްފަހު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އަރީފް ބަންދުވެގެން ދިޔަތަން،" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ގިނަ އަދަދެއްގެ ފުލުހުން ބަންދުކޮށްފައިވާ ކަމުގެ މައުލޫމާތު އިދިކޮޅު ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރާ ފުލުހުންގެ އަދަދު މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކުރާ ގޮތުން ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ވަރަށް ގިނަ ފުލުހުންނާ މެދު ފިޔަވަޅު އެޅެމުންދާ ކަމަށް،" ޝާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު އިދިކޮޅު ކޯލިޝަނުން ކަންބޮޑުވަނީ އަރީފް ހައްޔަރުކުރުމުން ނޫން ކަމަށާއި ގާނޫނު ނަގަހައްޓައި ދެމެހެއްޓުމަށް ގާނޫނު އަސާސީގައި ބުނާގޮތަށް ކަންކަން ކުރާ ބޭފުޅަކަށް ރައްކާތެރިކަން ނެތުމުން ކަމަށެވެ.

އާއިލާއާ އެކު މާދަމާ ވެސް އުފާވެރިކަމާއެކު ދިރިއުޅެވޭނެ ކަމުގެ ޔަގީންކަން އެއްވެސް ފުލުހަކަށް އޮތްތޯ ޝާހު ވަނީ ސުވާލު އުފައްދަވާފައެވެ.

"ތިބޭފުޅުން ބައްލަވާ. ކޮބައިތޯ ސީޕީ އަރީފް. ކޮބައިތޯ ފުލުހުންގެ ޚިދުމަތަށް ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތްތަކެއް ކުރައްވާފައި ހުންނެވި އަބްދުﷲ ރިޔާޒު. ކޮބައިތޯ މިދެންނެވި ހުކުމް ތަންފީޒު ކުރެއްވުމަށް މަސައްކަތް ކުރެއްވި ޑީސީޕީ ސައުދީ،" ޝާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވަނީ މައްސަލަތަކަށް ހައްލު ނުލިބި، ގާނޫނީ އިމުގެ ތެރެއިން ކަންކަން ނުހިނގާތީ ކަމަށެވެ. އަދި ސިޔާސީގޮތުން ހައްޔަރުކޮށްފައިވާ ހުރިހާ ބޭފުޅުންް ދޫކޮށްލުމަށް ޝާހު ވަނީ މިއަދު ގޮވާލައްވާފައެވެ.

ކުރީގެ ސީޕީ އަރީފް ހައްޔަރުކޮށްފައި ވަނީ މ. ސްނޯރޯސްގެ ފަސް ވަނަ ފްލޯގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުގައި ހުންނަވަނިކޮށެވެ. އޭނާގެ ހާޒިރުގައި ފުލުހުން މިއަދު ވަނީ އެ އެޕާޓްމަންޓް ބަލައި ފާސްކޮށްފައެވެ.

comment ކޮމެންޓް