އިތުރު 400 ޖާގައާއެކު ކަނބަލުންގެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ އަށަކަށް!

މިއަހަރުގެ އަންހެނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތަށް އެދި ގިނަ ބަޔަކު ހުށައަޅަމުންދާތީ މިރޭ 8:00 ހަމައަށް އިތުރު ފުރުސަތެއް ދޭން ނިންމައިފިއެވެ.

ވިމެން އިން މެނޭޖްމަންޓުން އިންތިޒާމްކޮށްގެން ބާއްވާ އެ ދުވުން އޮންނާނީ، މި މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު 7:00 ގައި ހުޅުމާލޭގައެވެ.

އެ ދުވުމުގައި ބައިވެރިވެވޭނީ ހަމައެކަނި އަންހެނުންނަށެވެ. އެ ދުވުން އިންތިޒާމްކުރާ ވިމެން އިން މެނޭޖްމަންޓުން ބުނެފައިވަނީ އެފަދަ ދުވުމެއް ބާއްވަން ނިންމާފައިވަނީ އަންހެނުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ދުނިޔެއަށް ދެއްކުމަށް ކަމަށެވެ.

ވިމެން އިން މެނޭޖްމަންޓުން ބުނީ މިހާރުވެސް ހާހަކަށް ވުރެ ގިނަ ކަނބަލުން ދުވުމުގައި ބައިވެރިވާން ނިންމާފައިވާއިރު އަދިވެސް ބައިވެރިވުމުގެ ފުރުސަތަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ. އެހެން ކަމުން އިތުރު ބައިވެރިންތަކަކައް ފުރުސަތު ދިނުމުގެ ގޮތުން 400 ބައިވެރިންނަށް އިތުރަށް ޖާގަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ވިމެން އިން މެނޭޖްމަންޓުން ބުނީ އެ 400 ޖާގަ ބޭނުންވާ ކަނބަލުން މިރޭ އަށެއްގެ ކުރިން ރަޖިސްޓްރީ ވުމަށް އެދޭ ކަމަށެވެ. ދުވުމުގައި މެޑަލް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަޖިސްޓަރީ ވެގެން ދުވާ ބައިވެރިންނަށެވެ.

އެ ޖަމިއްޔާއިން ބުނީ އެ ދުވުމުގެ ތެރޭގައި ހާއްސަ އޮބްސްޓިކަލްތަކެއް ރޭވިފައި ހުންނާނެ ކަމަށާއި، ދުވުމުގެ ތެރެއިން އެ އޮބްސްޓިކަލްތައް އެ ބައިވެރިޔަކު ބޭނުންވާ ގޮތަށް ގިރާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެއްވެސް ފީއެއް ނެގުމެއްނެތި ކޮންމެ ކަނބަލަކަށްވެސް ހިލޭ ބައިވެރިވެވޭ އެ ދުވުން އިންތިޒާމްކުރަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެހީތެރިކަމާއެކުއެވެ.

އެ ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެކަމަށް ހާއްސަކުރެވިފައިވާ އޮންލައިން ފޯމް ފުރުމަށް ފަހު ހުށަހެޅުމަށް ވިމެން އިން މެނޭޖްމަންޓުން އެދެއެވެ.

ދުވުން އިންތިޒާމްކުރާ ފަރާތުން ބުނީ ދުވުމުގެ ހުރިހާ ކަމެއް އިންތިޒާމްކުރާނީ ކަނބަލުން ކަމަށާއި، ދުވުން ކުރިއަށްދާއިރު ކަނބަލުންނަށް ހިތްވަރު ދިނުމަށް ފިރިހެނުންނަށް ބައިވެރިވެވިދާނެ ކަމަށެވެ. ދުވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، ‎7946687 ނަންބަރަށް ގުޅުމަށް ވުމެން އިން މެނޭޖްމަންޓުން ބުންޏެވެ.

ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ ދުވުމުގެ މެއިން ސްޕޮންސަރަކަށް ކޮކާކޯލާ ހަމަޖައްސާފައިވާއިރު ފިޓްނަސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ "ޓްރެއިން ވިތު ކައި" އެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި، އެމްޕީއެލް އަދި ތިލަފުށި ކޯޕަރޭޝަން ހިމެނެއެވެ. އިވެންޓް ޕާޓްނަރަކަށް ސެއިންޓް އާޓް ހަމަޖައްސާފައިވާއިރު ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީއެވެ. މި އިވެންޓްގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގުރޫޕެވެ. އަދި ޓްރާންސްޕޯރޓް ޕާޓްނަރަކީ އެމްޓީސީސީއެވެ. ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސާފައިވާއިރު ސަޕޯޓިންގ ޕާޓްނަރުންނަކީ ޑްރީމް ސެލޫން އެންޑް ސްޕާ، ދިވަސް އަދި މޯލްޑިވްސް ގާރލް ގައިޑް އެސޯޝިއޭޝަނެވެ.

އެ ހަރަކާތް ކުރިއަށްދާއިރު ޑީޖޭ އެންޖީގެ ފަރާތުން ހާއްސަ ހުށަހެޅުންތައް ކުރިޔަށް ދާނެކަމަށް ވިމެން އިން މެނޭޖްމަންޓުން ވަނީ ބުނެފައެވެ.

comment ކޮމެންޓް