އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާ ދެކޮޅަށް ހާއްސަ ދުވުމެއް ބާއްވަނީ

ދުވުން

މި އަހަރުގެ އަންހެނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ދުވުމެއް ހުޅުމާލޭގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ދުވުން އޮންނާނީ، އަންނަ މާރޗް މަހުގެ ނުވަވަނަ ދުވަހު ހެނދުނު 7:00ގައި ހުޅުމާލޭގައެވެ.

އެ ދުވުމުގައި ބައިވެރިވެވޭނީ ހަމަ އެކަނި އަންހެނުންނަށެވެ. އެ ދުވުން އިންތިޒާމް ކުރާ ވުމެން އިން މެނޭޖްމަންޓުން ބުނެފައިވަނީ އެފަދަ ދުވުމެއް ބާއްވަން ނިންމާފައިވަނީ އަންހެނުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ދުނިޔެއަށް ދެއްކުމަށް ކަމަށެވެ.

އެ ދުވުމުގެ ތެރޭގައި ޚާއްސަ އޮބްސްޓިކަލްތަކެއް ރޭވިފައި ހުންނާނެ ކަމަށާއި ދުވުމުގެ ތެރެއިން އެ އޮބްސްޓިކަލްތައް އެ ބައިވެރިއަކު ބޭނުންވާ ގޮތަށް ގިރާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ރޭސް އިންތިޒާމް ކުރާނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކަމަށް ވުމެން އިން މެނޭޖް މަންޓުން ބުންޏެވެ. އެ ރޭހުގައި ބައިވެރިވެވޭނީ ހިލޭ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެކަމަށް ޚާއްސަކުރެވިފައިވާ އޮންލައިން ފޯމް ފުރުމަށް ފަހު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ދުވުން އިންތިޒާމް ކުރާ ފަރާތުން ބުނީ ދުވުމުގެ ހުރިހާ ކަމެއް އިންތިޒާމް ކުރާނީ ކަނބަލުން ކަމަށާއި ދުވުން ކުރިއަށްދާއިރު ފިރިހެން ބޭފުޅުންނަށް ކަނބަލުންނަށް ހިތްވަރު ދިނުމަށް ބައިވެރިވެވިދާނެ ކަމަށެވެ. ދުވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، ‎7946687 ނަންބަރަށް ގުޅުމަށް ވުމެން އިން މެނޭޖްމަންޓުން ބުންޏެވެ.

ކަނބަލުން އެކަނި ބައިވެރިވާ ދުވުމުގެ ފިޓްނަސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ "ޓްރެއިން ވިތު ކައި" އެވެ.

comment ކޮމެންޓް