ޑާކްރެއިން އެންޓަޓެއިންމެޓުގެ ފިލްމު ވަކިން ލޯބިން ރޭ ޕްރެމިއާކޮށްފައިވާ އިރު ފިލްމުގެ ފުރަތަަމަ ޝޯ އަށް ވަން ބެލުންތެރިން ފިލްމަށް ތައުރީފު ކުރި އެވެ.
އައިޝަތު ފުއާދު ތައުފީގުގެ ސްކްރީން ޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓުކޮށް އައިޝަތު ފުއާދު ތައުފީގާއި މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ފެމެލީ ޑްރާމާއެކެވެ.
ތަރިން
ޖުމައްޔިލް ނިމާލް (އަޒާން)، މަރިޔަމް މަޖުދާ (ނުހާ)، ނުޒުހަތު ޝުއައިބު (ރޫނާ)، ޚަދީޖާ އިބްރާހިމްް (ސަލްމާ)
މީގެ އިތުރުން ޗައިލްޑް އެކްޓަރުން ވެސް ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދެ އެވެ.
މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)
ފިލްމުގައި ފެނިގެންދަނީ ޒުވާން ދެމަފިރިއެއްގެ އުފާވެރި ކައިވެންޏަށް ދަރިއަކު ލިބި، އެކައިވެނީގެ އުފާވެރި ދުވަސްތައް ހޭދަކުރަމުންދަނިކޮށް، ކުރެވޭ ކުޑަ ކުށްހީއެއްގެ ސަބަބުން އެ ދެމަފިރިންގެ ދިރިއުޅުން ހަލާކުވެ، ދަރިފުޅަށް ކުރާ އަސަރެވެ. މީގެ އިތުރުން އާމްދަނީ ހޯދުމަށް ވަޒީފާ އަދާކުރި ނަމަވެސް އަނބިދަރިންނަށް ދޭން ޖެހޭ ވަގުތު ދިނުމުގެ މުހިއްމުކަން، ކައިވެންޏެއް ބާއްޖަވެރިކުރުމަށް އެކަކު އަނެކަކަށް އިތުބާރު ކުރުމުގެ މުހިއްމުކަން، ވަރި ފަދަ ބޮޑު ކަމެއް ނިންމާ އިރު ދެމަފިރިންގެ ދަރިއެއް ހުރި ނަމަ އޭގެ ސަބަބުން އެކުއްޖާއަށް ކުރާނެ އަސަރު ފިލްމުން ފެނިގެންދެ އެވެ.
އަޒާން އާއި ނުހާ އަކީ ލޯބިން ކައިވެނިކޮށްގެން އުޅުނު ދެމަފިރިންނެވެ. ދެމަފިރިންގެ އަންހެން ދަރިއަކު (އައިރާ) ހުރެ އެވެ. ރޫނާ އަކީ އަޒާންގެ ކުޑައިރުގެ އެކުވެރިއެކެވެ. ނުހާ އަކީ ވެސް ރޫނާގެ ދެކެފަރިތަ މީހެކެވެ. ރޫނާ އަޒާންދެކެ ލޯބިވާއިރު އޭނާގެ ނުފޫޒާއި ފައިސާގެ ބާރުގެ ބޭނުންކޮށްގެން އަޒާން ހާސިލުކުރަން މަސައްކަތްކުރެ އެވެ. އަޒާން އާއި އޭނާގެ އަންހެނުން ނުހާގެ ދޭތެރެއަށް އިއްސެ ވައްދައި އަޒާންގެ ހިތުގައި ނުހާ އާމެދު ޝައްކު އުފައްދަން މަސައްކަތް ކުރެ އެވެ. ނުހާގެ ދިރިއުޅުން ހަލާކުކޮށް، އެ ދެމަފިރިން ވަކިވެ، އައިރާ އަށް ނަފްސާނީ ގޮތުން ވެސް އަސަރު ކުރެ އެވެ. އަޒާން އާއި ރޫނާ ކައިވެނި ކުރަން ތައްޔާރުވެ އެވެ. ނަމަވެސް ރޫނާގެ މަކަރުވެރިކަން އަޒާން އަށް އެނގި، އަލުން އޭނާގެ ކުރީގެ އަނބިމީހާ ނުހާ އާ ގުޅި އުފާވެރި ހަޔާތެއް ފަށައިފަ އެވެ. ފިލްމު ނިމިގެންދާއިރު ރޫނާ އަށް ވާގޮތް ނޭނގުމަކީ ފިލްމުން ފެނުނު ހުސްކަމެކެވެ.
މިއީ ރާއްޖެ ފަދަ ވަރި ގިނަ މުޖުތަމައަކަށް މުހިއްމު މެސެޖެއްދޫކޮށްލާނެ ފިލްމެކެވެ. ބެލުންތެރިންގެ ލޮލުން ކަރުނަ އަންނާނީ ހަމައެކަނި ލޯބީގެ ހިތާމަވެރި މަންޒަރުތަކެއް ދައްކައިގެން ނޫންކަން މި ފިލްމު ބަލައިލުމުން އިހުސާސްވާނެ އެވެ.
ވަކިން ލޯބިންގެ މަންޒަރުތައް ނަގާފައި ވަނީ މާލެއާއި ހުޅުމާލެ އަދި ބައެއް ރިސޯޓުތަކުގަ އެވެ. ފުވައްމުލަކުގައި ވެސް ފިލްމުގެ ލަވައެއްގެ މަންޒަރުތައް ވަނީ ނަގައިފަ އެވެ.