ކުރީގެ ސީޕީ އަރީފް ހައްޔަރުކޮށްފި

ކުރީގެ ސީޕީ އަރީފް ހައްޔަރުކޮށްގެން ގެންދަނީ ---- ސަން ފޮޓޯ/ މުއާވިޔަތު އަންވަރު

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފު މިއަދު ހައްޔަރުކޮށްފި އެވެ.

ކުރީގެ ސީޕީ އަރީފްގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަރީފް ހައްޔަރުކޮށްފައި ވަނީ އެސްއޯއީގެ ދަށުންނެވެ.

މ. ސްނޯރޯސްގެ ފަސް ވަނަ ފްލޯގައި ހުންނަ އަރީފް ދިރިއުޅުއްވާ އެޕާޓްމަންޓު ފުލުހުން މިއަދު ހެނދުނު ވަނީ ބަލައި ފާސްކޮށްފަ އެވެ.

އަރީފް ހައްޔަރުކުރުމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ޕޮލިސް މީޑިއާ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.

އަރީފު ސީޕީ ކަމުން ވަކިކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިނގައި ދިޔަ ކަންކަމުގެ ތެރޭގަ އެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައި ވަނީ އަރީފް މަގާމުން ވަކިކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޯނު ކުރެއްވުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކަމަށެވެ.

މީގެ ކުރިން ވަނީ ސީޕީ އަރީފްގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފަ އެވެ.

ފުލުހުން މިހާރު ގެންދަނީ އެ ގޭގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އަނބިކަނބަލުން ދިރިއުޅުއްވާ އެޕާޓްމަންޓް ވެސް ބަލައި ފާސްކުރަމުންނެވެ.

comment ކޮމެންޓް