ގުއާޓަމާލާ ސިޓީ (މާޗް 5): އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ މޭ މަހު ގުދުސުގައި ހުޅުވުމުން، ގުއާޓަމާލާގެ އެމްބަސީ ވެސް އޭގެ ދެ ދުވަސް ފަހުން ގުދުސަށް ބަދަލު ކުރާނެ ކަމަށް އެގައުމުގެ ރައީސް ވިދާޅުވެއްޖެ އެވެ.
އެމެރިކާގައި ބާއްވާ އެމެރިކަން އިސްރާއީލް ޕަބްލިކް އެފެއާސް ކޮމިޓީ (އޭއައިޕީއޭސީ)ގައި ވާހަކަ ދައްކަވަމުން ރައީސް ޖިމީ މޮރާލޭސް ވިދާޅުވި ގޮތުގައި އެމްބަސީ ބަދަލު ކުރުމުން ދައްކުވައި ދެނީ ގުއާޓަމާލާ އިން އިސްރާއީލުގެ ރައްޔިތުންނާ އެކު ތިބި ކަމެވެ.
"މި އަހަރުގެ މޭ މަހު އިސްރާއީލުގެ 70 ވަނަ މިނިވަން ދުވަސް ފާހަގަ ކުރާނެ. އަދި އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރުމުން، އޭގެ ދެ ދުވަސް ފަހުން އަޅުގަނޑުގެ އިރުޝާދުގެ މަތިން ގުއާޓަމާލާގެ އެމްބަސީވެސް ގުދުސަށް ދާއިމަށް ބަދަލު ކުރާނެ،" މޮރާލޭސް ވިދާޅުވި އެވެ.
އަދި އެމްބަސީ ބަދަލު ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީތީ އެކަމަށް ޝުކުރު އަދާ ކުރައްވައި، އެހެން ގައުމުތަކުން ވެސް އެގައުމުތަކުގެ އެމްބަސީ ގުދުސަށް ބަދަލު ކުރާނެ ކަމަށް މޮރާލޭސް ވިދާޅުވި އެވެ.
ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ޓްރަމްޕްގެ ސަރުކާރުން ބަލައިގަތީ މިދިޔަ ޑިސެމްބަރު މަހުގައި އެވެ. އޭގެ ސަބަބުން ފަލަސްތީނުގެ ގިނަ އަދަދެއްގެ މީހުން ކުރި މުޒާހަރާތަކުގައި 16 މީހަކު މަރުވެފައިވެ އެވެ.
އެމެރިކާގެ އެނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލައި އދ. އިން ފާސް ކުރި ގަރާރާ ދެކޮޅަށް ވޯޓު ދިން މަދު ގައުމުތަކުގެ ތެރޭގައި ގުއާޓަމާލާ ހިމެނުނެވެ. އެވޯޓުގެ ކުރިން އެމެރިކާ އިން ވަނީ ގަރާރަށް ތާއިދު ކުރާ ގައުމުތަކަށްދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދީފައި އެވެ. އަދި ގުއާޓަމާލާ އަކީ އެމެރިކާގެ އެހީއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. (އަލްޖަޒީރާ)