އޭލެވެލްގެ ނަތީޖާ ދޫކުރުން ބުރާސްފަތި ދުވަހު

ޖެނުއަރީ މަހު ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ނަތީޖާ ބުރާސްފަތި ދުވަހު ދޫކުރަން ފަށާނެ ކަމަށް ޕަބްލިކް އެގްޒެމިނޭޝަން ޑިޕާޓްމަންޓުން ބުނެފި އެވެ.

އެ ޑިޕާޓްމަންޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާޗް އަށަކުން 27ގެ ނިޔަލަށް ނަތީޖާ ދޫކުރާނެ ކަމަށެވެ.

އެ ޑިޕާޓުމެންޓުން ބުނީ ނަތީޖާ ދޫކުރާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 13:30 އަށް ކަމަށެވެ.

ޑީޕީއީ މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާއާ ޙަވާލުވުމަށް އަންނަ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެ ކަމަށާއި ބަދަލުގައި މީހަކު ފޮނުވާ ނަމަ، ކެންޑިޑޭޓުގެ އައިޑީކާޑާއި ޙަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ނަމަ އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 28 ވަނަ ދުވަހުގެ 12:00 ކުރިން ހުށަހަޅަން ވާނެ ކަމަށް ވެސް ޑީޕީއީގެ އިއުލާނުގައިވެ އެވެ.

comment ކޮމެންޓް