ޓްރަމްޕްގެ ވެރިކަމުގައި ވައިޓް ހައުސް އޮޔާދާ އިރު އާއިލާ ބޮޑު ފަލީހަތަކާ ދިމާލަށް!

ޓްރަމްޕް

އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގަތުމަށް ފަހު، އެމެރިކާގެ ރިޔާސީ ގަނޑުވަރު އަދި ރިޔާސީ އޮފީސް، ވައިޓް ހައުސްގައި ވަނީ އެމެރިކާގެ ތާރީޚުގައި ވެސް އުފަންވެފައިނުވާ ފަދަ ބޮޑެތި މައްސަލަތަކެއް އުފަންވެފަ އެވެ.

މީގެ ތެރޭގައި ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާއާއި އެކަމަނާގެ ފިރިކަލުން ޖަރެޑް ކުޝްނާގެ ބާރާއި ނުފޫޒު ވައިޓް ހައުސްގައި އާދަޔާ ޚިލާފަށް ގަދަވުމާއި ވައިޓް ހައުސްގެ ހިންގުން ދޯދިޔާވުމާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިސްވެރިން ފެންވަރުގެ އެތައް މުވައްޒަފުންނެއް ވައިޓް ހައުސް ދޫކޮށް ދިޔުން ހިމެނެ އެވެ.

އެބޭފުޅުން ވައިޓް ހައުސް ދޫކޮށް ގޮސްފައި ވަނީ މަގާމުން ވަކިކޮށްގެންނާއި ޕްރެޝަރު ބޮޑުކަމުންނާއި ކަންތައްތައް ދޯދިޔާކަމުން ވަޒީފާގައި އުޅެން ހިތްހަމަ ނުޖެހިގެން އަމިއްލައަށް އިސްތިއުފާ ދެއްވައިގެންނެވެ. މިގޮތުން ޓްރަމްޕްގެ ވެރިކަމަށް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ އިސް މުވައްޒަފުންގެ ތެރެއިން ތޭރަ މުވައްޒަފުން ވަނީ ވައިޓް ހައުސް ދޫކުރައްވައި، ވަޑައިގެންފަ އެވެ.

އެ މައްސަލަތައް ހައްލުކޮށް ވައިޓްހައުސް އޮޔާދާ ދިޔުން ހުއްޓުވުމަށް ޓަކައި ޓްރަމްޕް، ވައިޓް ހައުސްގެ ވެރިއަކަށް (ޗީފް އޮފް ސްޓާފްއަކަށް) ގެންނެވީ ކުރީގެ އަސްކަރީ ޖެނެރަލެއް ކަމަށްވާ ރިޓަޔަޑް ޖެނެރަލް ޖޯން ކެލީ އެވެ. ކެލީ އަކީ އަސްކަރީ ބެކްގްރައުންޑްގެ ބޭފުޅަކަށްވެފައި ހިންގުމުގެ ތަޖްރިބާ ހުރި ބޭފުޅެއް ނަމަވެސް އޭނާއަށް ވެސް ވައިޓްހައުސްގެ ކަންކަން ހަމައަކަށް ނޭޅުވުނެވެ.

ޖޯން ކެލީ އަށް އިވަންކާއާއި އެކަމަނާގެ ފިރިކަލުން ކުޝްނާގެ ބާރާއި ނުފޫޒު ކަނޑުވައެއް ނުލެވުނެވެ. އަނެއްކާ ވެސް މިދިޔަ ހަފްތާގައި ވައިޓް ހައުސްގެ އިސް ވެރިއެއްކަމަށްވާ ކޮމިއުނިކޭޝަން ޑައިރެކްޓާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މީގެ އިތުރުން ވައިޓް ހައުސްގެ އިސް ވެރިއެއްކަމަށްވާ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ހާބަޓް ރިމޮންޑް މެކްމާސްޓާ ވެސް ހިތްހަމަޖެހިވަޑައިނުގެން މަގާމުން އިސްތިއުފާ ދެއްވަން ގަސްދުކުރައްވާ ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފަ އެވެ. އަދި ޚުދު ކެލީ ވެސް މަގާމުން އިސްތިއުފާ ދެއްވަން ގަސްދުކުރައްވާ ކަމުގެ ރިޕޯޓްތަކެއް ވަނީ ފެތުރިފަ އެވެ.

ވައިޓް ހައުސް ހިނގަމުންދާ ކަމަށް ވަނީ ޓްރަމްޕްގެ އަމިއްލަ ކުންފުނިތައް ހިންގާ ގޮތަށް ކަމަށް އެތަނުން ވަކިވި އިސްވެރިން ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕް ވެރިކަން ކުރައްވާ ގޮތާ ބެހޭ ގޮތުން މައިކަލް ދާދިފަހުން ލިޔުއްވައި ނެރުއްވި ފޮތްކަމަށްވާ "ފަޔާ އެންޑް ފިއުރީ، އިންސައިޑް ޓްރަމްޕްސް ވައިޓް ހައުސް"ގައި ވެސް ވައިޓް ހައުސްގެ ހާލަތާއި އިވަންކާއާއި ކުޝްނާގެ ނުފޫޒާއި ޓްރަމްޕްގެ އަމިއްލަ ކުންފުނިތައް ހިންގާ ގޮތަށް އޭނާ ވައިޓް ހައުސް ހިންގަވާ ގޮތުގެ ބައެއް ކަންކަން ހާމަކޮށްފައިވެ އެވެ.

ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާއާއި ފިރިކަލުން ކުޝްނަރ

ވައިޓް ހައުސް އިން އެންމެ ފަހުން ބޭޒާރުވެފައި ވަނީ ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އާއި އެކަމަނާގެ ފިރިކަލުން ޖަރެޑް ކުޝްނާއާ އެ ބޭފުޅުންގެ އާއިލީ ވިޔަފާރި ކުރިއެރުވުމަށް ޓަކައި ބޭރުގެ ބައެއް ގައުމުތަކަކާ އެކު ހުއްދަ ނޫން މުއާމަލާތްތަކެއް ވައިޓް ހައުސްގައި ހިންގެވި މައްސަލަ އެވެ. ރަޝިޔާ އިން އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ބުނާ މައްސަލަ ވެސް ތަހްގީގް ކުރައްވައި ޚާއްސަ އިންވެސްޓިގޭޓަރު ރޮބަޓް މޯލާ ވަނީ އިވަންކާ އާއި ފިރިކަލުން ކުޝްނާގެ މިމައްސަލަ ތަހްގީގް ކުރައްވަން ފައްޓަވައިފަ އެވެ.

ކުޝްނާގެ މައްޗަށްކޮށްފައި ވަނީ އިންތިޚާބީ ރައީސެއްގެ ގޮތުގައި ޓްރަޕް ހުންނެވި ދުވަސްވަރު ކުޝްނާ އާއި އިވަންކާގެ އާއިލީ ކުންފުންނި ކަމަށްވާ "ކުޝްނާ ކޮމްޕެނީޒް"ގެ ވިޔަފާރީގައި އިންވެސްޓް ކޮށްދިނުމަށް އެދި ގަތަރު، ރަޝިޔާ، ޗައިނާ، ޔޫއޭއީ އަދި ތުރުކީގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މުއާމަލާތްތަކުގެ މައްސަލަ އެވެ. މިގޮތުން ކުޝްނާ އާއި އަނބިކަނބަލުން އިވަންކާގެ އާއިލީ ކުންފުނި ކަމަށްވާ "ކުޝްނާ ކޮމްޕެނީޒް" އިން ނިޔުޔޯކްގައި ހިންގާ ރިއަލްއެސްޓޭޓް މަޝްރޫއަކަށް އެތައް ސަތޭކަ މިލިޔަން ޑޮލަރެއް އިންވެސްޓްކޮށް ދީފި ނަމަ ޓްރަމްޕްގެ ވެރިކަމުގައި އެ ހަތަރު ގައުމަށް ރަނގަނޅު ގޮތްތަކެއް ހަދައިދޭނެ ކަމުގެ ހުށަހެޅުން އެހަތަރު ގައުމުގެ މަސްއޫލުވެރިންނަށް ހުށަހެޅުއްވި ކަމުގެ ތުހުމަތު ކުޝްނާގެ މައްޗަށް ކުރެވިފައިވެ އެވެ.

އިވަންކާގެ މައްޗަށްކޮށްފައި ވަނީ ކެނެޑާގެ ވެންކޫވޫގައި "ކުޝްނާ ކޮމްޕެނީޒް" އިން ބިނާކުރާ ރިއަލް އެސްޓޭޓް ޓަވަރެއް ނިންމުމަށް ބޭނުންވާ އިތުރު ފައިސާ ހޯދުމަށް އެ ހަތަރު ގައުމުގެ މަސްއޫލުވެރިންނަށް ހުށަހެޅުއްވި ކަމުގެ ތުހުމަތެވެ.

މިމައްސަލާގެ ތަހްގީގްތައް ފެށުމާ އެކު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވައިޓް ހައުސް އަށް ފޮނުވާ ސިއްރު ރިޕޯޓްތައް ބެލުމުގެ ހައްގުން ކުޝްނާ ވަނީ މަހްރޫމްކޮށްފަ އެވެ. ކުޝްނާ އަކީ ޓްރަމްޕްގެ މުސްތަޝާރެއްގެ ގޮތުގައި މިހާރު ވެސް ވައިޓް ހައުސްގައި މަސައްކަތް ކުރައްވާ ވެރިއެކެވެ. އިވަންކާ އަކީ މުސާރައެއް ވެސް ނެތްގޮތަށް ބައްޕާފުޅަށް އެހީތެރިވުމަށް ޓަކައި ހިލޭ ސާބަހަށް ވައިޓް ހައުސްގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

އެކަމަނާ މަސައްކަތް ކުރައްވަނީ ޓްރަމްޕްގެ މުސްތަޝާރުކަން ނޫނީ ވައިޓް ހައުސްގެ އެނޫން ވެސް އިސްމަގާމެއް ހޯއްދެވުމަށެވެ. ނަމަވެސް އިވަންކާއާއި ކުޝްނާގެ މައްޗަށް ކުރަމުންގެންދާ މިތަހްގީގްތަކުގެ ސަބަބުން ވައިޓް ހައުސްގެ އިސްމަގާމެއް ހޯދުމުގެ ފުރްސަތު އިވަންކާ އަށް ގެއްލިވަޑައިގަތުމުގެ އިތުރުން ފިރިކަލުންނާ އެކު ވައިޓް ހައުސް އިން ބޭރުވާންޖެހިވަޑައިގެންފާނެ ކަމުގެ ބިރު އެދެކަނބަލުން މިހާރު ގެންދަވަނީ އިޙްސާސް ކުރައްވަމުންނެވެ.

މިމައްސަލަތަކާ ގުޅިގެން ޓްރަމްޕް ކުރިޔަށް ވުރެ ބޮޑަށް "ހޫނުފެނަށް" ވެއްޓިފައިވާ އިރު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ސްޕީކާ ނެންސީ ޕެލޮސީ ވަނީ އިވަންކާއާއި އެކަމަނާގެ ފިރިކަލުން ކުޝްނާ ވަގުތުން ވައިޓް ހައުސް އިން ބޭރުކޮށްލުމަށް ޓްރަމްޕްގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް ޓްރަމްޕް ވަނީ މިކަމަށް ދެކޮޅު ހައްދަވައިފަ އެވެ.

comment ކޮމެންޓް