ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވަރަށް އަވަހަށް އިދިކޮޅު ފަރާތްތަކާ ގުޅޭނެ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ދެއްކެވި ވާހަކަފުޅު ދޮގުކުރައްވައި، މުބީން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރާއްޖޭ ޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޕީޕީއެމުން ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމާ ވިދާޅުވީ މުބީން ހުންނެވީ މި ސަރުކާރުގެ ސިޔާސަތުތަކާ ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިނުގެން ކަމަށާއި ވަރަށް އަވަހަށް ރައީސް ޔާމީން ދޫކުރައްވައި އިދިކޮޅު ފަރާތްތަކުން ފަށާފައިވާ އިސްލާހީ ހަރަކާތްތަކާ އޭނާ ގުޅިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެ ވާހަކަތައް ދޮގުކުރައްވައި މުބީން ވިދާޅުވީ މުހަންމާ އަދި އެހެން އެއްވެސް މީހެއްގެ ކައިރީގައި ވެސް މި ސަރުކާރުން ފެޔަށް ޖެހެން އުޅޭކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި ޕީޕީއެމްގައި ހުންނެވީ ހިތްހަމަ ޖެހިގެން ކަމަށެވެ. އަދި އެ ގޮތަށް އިދިކޮޅު ފަރާތްތަކުން ވާހަކަތައް ފަތުރަމުން ދަނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކަމަށް ވެސް މުބީން ވަނީ ތުހުމަތު ކުރައްވާފައެވެ.
"އަޅުގަނޑު މި ހުރީ ރައީސް ޔާމީން މި ގައުމަށް ގެންނަމުންދާ ތަރައްގީއަށް ވަރަށް ބޮޑަށް ހިތްހަމަޖެހިގެން. ސަރުކާރާ އަޅުގަނޑާ ދެމެދު އެއްވެސް މައްސަލައެއް އަދި ނުތަނަވަސް ކަމެއް ވެސް ނެތް،" ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވެ ފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތް މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅިވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކާމިޔާބުކޮށްދިނުމަށް އަތުކުރި އޮޅާލައިގެން ހުންނެވި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ސަރުކާރާއި އެކު ސާބިތުވެ ހުންނަވާނެ ކަމަށެވެ.
ސަރުކާރަށް ތާއިދު ކުރައްވާ ބައެއް މެންބަރުން އިދިކޮޅު ހަރަކާތްތަކާ ގުޅޭނެ ކަމަށް ދޭތެރެ ދޭތެރެއިން އެ ފަރާތްތަކުން ބުނަމުންދާއިރު ވެރިކަން ކުރާ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ، މި މަސް ނިމުމުގެ ކުރިން އިދިކޮޅުން ހަތް މެމްބަރަކު ޕީޕީއެމްއާ ގުޅޭނެ ކަމަށް ވިދާޅުވެފައެވެ.