ބްރޯޑްކާސްޓިން ކޮމިޝަނުން ވީޓީވީއާއި ވީއެފްއެމް، ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމުން ފައިސާ ހޯދުމަށް ވީމީޑިއާއިން ފަންޑު ފޮށްޓެއް ހުޅުވައިފިއެވެ.
ވީމީޑިއާއިން "ހަނގާ ފަންޑު ފޮށި"ގެ ނަމުގައި ފަންޑު ފޮށި ހުޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ބްރޯޑްކޮމްއިން ވީޓީވީއާއި ވީއެފްއެމް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސަތަފާ "އައުގުރާނަ ގޮވާފައިވާ" ކޮންޓެންޓެއް ވީޓީވީ އަދި ވީއެފްއެމްއިން ލައިވް ކުރިކަމަށް ބުނެއެވެ. އެ މައްސަލާގައި ވީޓީވީއިން ޖަވާބުދާރިވުމަށް ތިން ފަހަރެއްގެ މަތިން ފުރުސަތު ދީފައިވާނެ ކަމަށްވެސް ބްރޯޑްކޮމްއިން ބުނެފައިވެއެވެ.
ވީމީޑިއާއިން ޖޫރިމަނާ ފައިސާ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ދައްކަން ބްރޯޑްކޮމްއިން ވަނީ އަންގައިފައެވެ. އަދި މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން ރޭގަނޑު އަށަކާއި 10 އަކާ ދެމެދު މައާފަށް އެދި ބަޔާނެއް ނެރުމަށްވެސް ވަނީ އަންގައިފައެވެ.