ގާސިމް މިހާރު ވަނީ އަމާން ދީފައި: އަދުރޭ

ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް: އޭނާ ވިދާޅުވީ އިދިކޮޅު ހަރަކާތްތަކުން ގާސިމް އެއްފަރާތް ވެއްޖެ ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މުސާ

އިދިކޮޅު ފަރާތްތަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރައްވަމުން ގެންދެވި މަސައްކަތްތައް ހުއްޓަވާލައްވައި އަމާން ދެއްވައިފި ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ )އަދުރޭ( ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ލީޑަރުން ފިލާތިބެ ނިކަމެތި ރައްޔިތުން މަގުމައްޗަށް ނެރެ ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ފޮނުވަމުންދާ ކަމަށެވެ. އަދި އިދިކޮޅު ލީޑަރުންގެ މެދުގައި ގުޅުން ހީނަރުވެފައިވާ ކަމަށް އޭނާ ވިދާޅުވަމުން ގެންދަވާ ވިދާޅުވުން މިއަދުވެސް ތަކުރާރު ކުރެއްވިއެވެ.

"ދާދި ދެންމެއަކު އަޅުގަނޑުމެނަށް ލިބުނު މައުލޫމާތަކީ ގާސިމް އިބްރާހިމް މިހާރު އަމާން ދެއްވައިފިއޭ. ގާސިމް އިބްރާހިމް މިހާރު ވިދާޅުވެއްޖެ ކަލޭމެން އެންމެން ތިއުޅެނީ ތިމަންނަ ހަލާކު ކުރަންކަން ޔަގީން ވެއްޖެއޭ. އެހެންވީމަ ތިމަންނަ ނެތީމޭ މިހާރު ކަލޭމެންނާ އެކު ތިމަސައްތަކުގަ އުޅޭކަށެއް. ތިމަންނަ އަމިއްލަ ޖާނައިގެން މިހެން ހުއްޓަ ދޭށޭ،" އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކާ އެކު ކުރަމުންދާ މަސައްކަތުގެ ސަބަބުން ދަރިކަލުން ހައްޔަރުކޮށްފައިވާކަމާއި ވިޔަފާރި ބަގުރޫޓުވަމުން އަންނަ ކަން ގާސިމަށް މިހާރު ވިސްނިވަޑައިގެންފި ކަމަށް އަދުރޭ ވިދާޅުވިއެވެ.

މިހާރުގެ މާހައުލު އޮތްގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް ވެސް ޖުމްހޫރީ ޕާޓީއަށާއި ގާސިމަށް ނުލިބޭނެ ކަމުގެ ވާހަކަތަކެއް އޭނާ ދައްކަވާފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރުން އެކަކު އަނަކެކަށް ހެޔޮނޭދޭނެ ކަމަށް ވިދާޅުވެ އެ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިއްޔެ ހަވީރު އިދިކޮޅު ފަރާތްތަކުން މަޖީދީމަގުގައި ބޭއްވި އެއްވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅު، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ދޫކޮށްލުމަށް ލިޔެފައިވާ ޕޯސްޓަރެއް ހިއްޕަވައިގެން ހުންނެވުމުން އެއީ ފާރިސްއަށް މަލާމާތް ކުރެއްވުމަށް ކުރެއްވި ކަމެއް ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

"ގަބޫލުފުޅު ކުރައްވާ އާބިދާ (ނަޝީދުގެ މަންމާފުޅު) އެއް ފާރިސް ދޫކޮށްލާކަށް ބޭނުމެއް ނުވާނެ. މަލާމާތްކުރަން ނިކުމެގެން އެ އުޅެނީ. މިކަން ނުވިސްނޭތީ ހިތާމަކުރަން އަޅުގަނޑުމެންނާއި އެކު ކުރިން އުޅުއްވި ބޭފުޅުންނަށް،" އަދުރޭ ވިދާޅުވިއެވެ.

comment ކޮމެންޓް