ހެޔޮ ބަހަކީ ސަދަގާތެއް: ހުުތުބާ

ސެޕްޓެމްބަރު 1، 2017: މާލެގައި ބޮޑު ޖަމާއަތުގައި ކުރި 1438ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެޔޮ ބަހަކީ ސަދަގާތެއް ކަމަށާއި ހެޔޮ ބަސް ބުނުމަކީ މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުތަނޑިއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ހުތުބާގައި ބުނެފައި ވަނީ، ހެޔޮ ބަހަކީ ރަނގަޅު ނަފްސަކުން ނުކުންނަ ރަނގަޅު މޭވާއެއް ކަމަށާއި އެއީ އީމާންކަމުގެ މީރު ހުވަނދުން އާރަސްތު ވެފައިވާ ހިތުގެ ބަގީޗާ އިން ފޮޅިފައިން އިން ރީތި މަލެއް ކަމަށެވެ.

ހެޔޮ ބަހަކީ ނެތިމޮށުމާއި ފުރައްސާރަ ކުރުމާއި ފޮށުމާ އަދި އެއްޗެހި ކިޔުން އޭގައި ނުހިމެނޭ ބަސް ކަމަށާއި ހެޔޮ ބަހަކީ ﷲ އަށް ޒިކުރާއި ތަހްމީދާއި ތަހްލީލު އަދި ތަސްބީހަ ހިމެނޭ ބަސް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

ހަމައެއާ އެކު، ހެޔޮ ބަހަކީ މީސްތަކުންނަށް ހެޔޮ ނަސޭހަތް ދިނުމާއި ހެޔޮ މަގު ދައްކާ ބަސް ކަމަށް ވެސް މިއަދުގެ ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނީ، އިންސާނާގެ ނަފްސުގެ މައްޗަށް ވެރިވެގަނެ، އޭނާ ހެއްލެނިކުރުމަށް ޝައިތާނާ އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށާއި ހަޑިހުތުރު އަމަލުތައް ޒީނަތްތެރިކޮށްދީ ވަސްވާސް ވެސް ދިނުމުން އިންސާނާ އަށް ހަޑި ހުތުރު ބަސް ބުނެވޭ ކަމަށެވެ.

އިސްލާމީ ތަރުބިއްޔަތު މުހިއްމު ވަނީ އެހެންވެ ކަމަށާއި އިސްލާމީ އަދަބުތަކާއި އަހްލާގުތަކަށް އިންސާނާ ބޭނުން ވަނީ އެހެންވެގެން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ހެޔޮ ބަހުން މުއާމާލާތު ކުރަން ޖެހޭ މީހުންގެ ތެރޭގައި މައިންބަފައިންވެ، އެ މީހުންނާ މުހާތަބު ކުރާއިރު ބަސްމަހު ރިވެތި ވާން ޖެހޭނެ ކަމަށާއި ދެމަފިރިން ވެސް އެކަކު އަނެކަކާ މުއާމަލާތް ކުރަން ވާނީ ރިވެތި ބަހުން ކަމަށެވެ.

ހަމައެއާ އެކު، އަހުންނާއި އުހްތުންގެ މެދުގައި ގާތްތިމާގެ މީހުންގެ މެދުގައި، އަވަށްޓެރިންގެ މެދުގައި، ގާތްތިމާގެ މީހުންގެ މެދުގައި، ބާޒާރުމަތީގައި ގަނެ ވިއްކުމުގެ މުއާމަލާތްތަކުގައި، މުވައްޒަފުންގެ ދެމެދުގައި ވެސް މުއާމަލާތް ކުރަންވާނީ ރިވެތި ބަހުން ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

ޑްރައިވަރުންނާއި ފަސިންޖަރުންނާ ދެމެދުގައި، ދަރިވަރުންނާ މުދައްރިސުންގެ ދެމެދުގައި، ފަގީރުންނާ މުއްސަންދީންނާ ދެމެދުގެ އިތުރުން ވެސް ސަދަގާތުގައި ހިފާ މީހުންނާ ދެމެދުގައި ވެސް މުއާމަލާތް ކުރަން ވާނީ ރިވެތި ބަހުން ކަމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނީ، މުސްލިމާގެ ހަޔާތުގައި ނުބައި ބަހަށް އެއްވެސް ޖާގައެއް ލިބިގެން ނުވާ ކަމަށާއި މުސްލިމާގެ މުޅި ހަޔާތް ބިނާ ކުރަން ޖެހޭނީ ހެޔޮ ބަހުގެ މަތީގައި ކަމަށެވެ.

ހެޔޮ ބަހުގެ ސަބަބުން ސަފުތައް އެއްގަލަކަށް އަރައި ހިތްތައް އެކުވެރިވެ، ހަތުރުވެރިން ލޯބިވެރިންނަށް ވުމުގެ އިތުރުން ދުރުމީހުން ގާތް މީހުންނަށް ވެފައިވާ ކަމަށް ވެސް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެ އެވެ.

comment ކޮމެންޓް