ބޮޑުކުރި މުސާރަ މުވައްޒަފުންނަށް ލިބިއްޖެ، ނުވަ އަހަރަށް ފަހު އުންމީދުގެ ހިތްހަމަޖެހުން!

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ

ދިވެހި ސިވިލް ސާރވިސް މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން ސަރުކާރުން ނިންމީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ. އެ ނިންމުމާ އެކު ސިވިލް ސާރވިސް މުވައްޒަފުންނަށް އިތުރު އުންމީދާއި އުފާވެރިކަން ލިބިގެންދިޔައެވެ. އަދި އެންމެ ފަހުން ބޮޑުވި މުސާރަ އިއްޔެ ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިފައެވެ.

މުސާރަ ނަގައިގެން ނުކުތް ދަރުމަވަންތަ ސްކޫލުގެ މުވައްޒަފަކު ސުވާލު ކޮށްލުމުން ބުނީ މިއީ ވަރަށް ހިތް ހަމަޖެހޭ ބަދަލެއް ކަމަށާއި މުސާރައަށް ބަދަލެއް އަންނާނެ ކަމަށް ކުރިން އުންމީދު ނުކުރާ ކަމަށެވެ.

" އަޅުގަނޑުމެންނަކީ މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުން. އެހެންވީމަ އެންމެ ރުފިޔާއެއް ބޮޑުވިޔަސްވާނީ އެއީ ލިބޭ ވަރަށް ބޮޑު އެއްޗަކަށް. ސަރުކާރުން މި ވެދިނީ ވަރަށް ބޮޑު އެހީއެއް،" ނުވަ އަހަރަށް ފަހު ބޮޑުވި މުސާރައާ ގުޅޭ ގޮތުން ސިވިލް ސާވިސްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި މުވައްޒަފު ބުނީ މިހެންނެވެ.

މިފަހަރު މުސާރަ ބޮޑު ކުރުމުގައި އެންމެ އިސްކަމެއް ދީފައިވާނީ އެއްވެސް މުވައްޒަފަކު ގެއަށް ގެންދަން ލިބޭ މުސާރައިން އެއްވެސް އެއްޗެއް ނުކެނޑޭ ގޮތަށް އެލަވަންސެއް ހަމަޖެއްސުމަށް ކަމަށާއި މިފަހަރު މުސާރަ އެންމެ ބޮޑުވެފައިވާނީ ދަށް ފަންތީގެ މުވައްޒަފުންނަށް ކަަމަށް ސިވިލި ސާވިސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރި ކުރުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހިއްސާ ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ މިފަހަރު، ނިސްބަތުން މުސާރަ އެންމެ ބޮޑުކޮށްފައިވާނީ އެންމެ ދަށް ފަންތީގައި ގިންތި ކުރެވޭ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން އެ މުވައްޒަފުންނަށް 37 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އަލީ ޝަމީމް ވިދާޅުވިއެވެ.

"މަގާމުގެ ގޮތުން އެންމެ ދަށް ފަންތީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޖުމްލަ 37 އިންސައްތަ ބޮޑުވާ ގޮތަށް ވަނީ ހަމަޖެހިފައި. އެ އެލަވަންސަށް މިކިޔަނީ ސަޕޯޓިންގ ކޯ އެކެއް. އަދި ސަޕޯޓިންގ ކޯ 2،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެ ފަންތީގައި ތިބި މީހުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް އައިސްފައިވާއިރު އެއީ ގާތްގަނޑަކަށް 5800 އަށް ވުރެ ގިނަ މުވައްޒަފުންކަމަށެވެ.

އިސްކަންދަރު ސްކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާ ކުރާ ދޮށީ އުމުރުފުރައިގެ މީހަކު "ސަން"އަށް ބުނީ ސަރުކާރުގައި ހިދުމަތް ކުރާތާ 13 އަހަރުވެގެންދިޔައިރު މިފަހަރު މުސާރައަށް އައި ބަދަލަކީ ދުވަހަކުވެސް އުންމީދު ނުކުރާ ވަރުގެ ކުރިއެރުމެއް ކަަމަށެވެ. އަދި އެންމެ ދަށު ފަންތީގެ މުވައްޒަފުންނަށް އައި ބޮޑު ބަދަލަކީ ހިނިތުންވުން ގެނެސްދިން ކަމެއް ކަމަށް ބުންޏެވެ.

" މިއީ ވަރަށް އުފާވެރި ކަމެއް. ދައްތައަށް ވެސް ވަރަށް ބޮޑު ތަނުން ކުރިއެރުން ލިބިއްޖެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިއީ މުސާރައިން ނުކެނޑޭ ގޮތަށް ދިން ފައިސާ ކޮޅަކަށް ވީތީ،"

އިއްޔެ މުޒައްޒަފުންނަށް މުސާރަ ލިބިފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަމާ އުފާފާޅުކޮށް ސޯޝަލް މީޑިއާގައި އެވާހަކަ ހިއްސާކޮށްފައެވެ.

ސިވިލްސާވިސް ކޮމިޝަނުން ބުނީ މިއީ މިހާތަނަށް މުސާރައަށް މިވަރުގެ ކުރިއެރުމެއް އައި ފުރަތަމަ ފަހަރު ކަމަށެވެ.

މިފަހަރު ޖަމާވި ބޮޑު މުސާރައާއެކު ބަޔަކު ހެއްވާލި ނަމަވެސް ސްކޫލު ތަކުގެ އެޑްމިން މުވައްޒަފުންގެ ކަންބޮޑުވުން ތަކެއް ހުރި ކަމަށްބުނެ މީސް މީޑީއާގައި ބަޔަކު ވަނީ އަޑު އުފުލަން ފަށާފައެވެ. އަދި މިއަދު ބައެއް ސްކޫލުތަކުގެ އެޑްމިން މުވައްޒަފުން ކަޅު ހެދުމުގައި ސްކޫލުތަކަށް ނުކުމެފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ދަނީ ތަފާތު ފޮޓޯތައް ދައުރުކުރަމުންނެވެ.

އެކަމާއި ގުޅިގެން "ސަން"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ އެފަދަ އެއްވެސް އާދަޔާ ހިލާފް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި މުސާރައަށް އައި ބަދަލާ އެކު މުވައްޒަފުން ތިބީ ހިނިތުންވެފައި ކަމަށް ޝަފީއު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ ހުރިހާ ސްކޫލަކާވެސް ވަރަށް ގުޅުން ރަނގަޅު. ތި ވިދާޅުވި ފަދަ އެއްވެސް ކަމެއް މިއަދު ފާހަގަ ކުރެވިފައެއް ނުވޭ. މުސާރައަށް އައި ބަދަލާ އެކު ސްކޫލުތަކުގެ މުވައްޒަފުން ތިބީ ހިނިތުންވެފައި،" ޝަފީއު ވިދާޅުވިއެވެ.

އިއްޔެ މުސާރަ ޖަމާވެފައިވާއިރު ގިނަ މުވައްޒަފުންވަނީ އެކަމާއި އުފާ ފާޅުކޮށްފައެވެ. އަދި ބައެއް މުވައްޒަފުން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެވެސް މުސާރަ ބޮޑުވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

comment ކޮމެންޓް